އަލުން އުހަށް އަރަން ނިއު އަށް ރަނގަޅު ފެށުމެއް

މި ސީޒަނުގެ އެފްއޭއެމް ދެ ވަނަ ޑިވިޝަނުގައި ނިއު ރޭޑިއަންޓް ދަނޑަށް ނުކުތް ފުރަތަމަ މެޗުގައި މިއަދު ހަވީރު 0-3 އިން ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް ބަލިކޮށްފި އެވެ.
ދެ ވަނަ ޑިވިޝަނަށް ވަރުގަދަ އަށް ތައްޔާރުވި ނިއުގެ ފުރަތަމަ ދެ މެޗު ވެސް ކުޅެވޭ ގޮތެއްނުވި އެވެ. ދަ ގްރާންޑޭއާ އެކު ޑިސެމްބަރު 31 ވަނަ ދުވަހު ކުޅެން އޮތް މެޗު ކެންސަލްވީ ވިއްސާރައިގެ ސަބަބުންނެވެ. އޭގެފަހުން މި މަހުގެ 13 ވަނަ ދުވަހު ކްލަބް ޓީނޭޖާ ކުޅެން އޮތް މެޗަށް އެ ޓީމު ހާޒިރުނުވާތީ، ނުކުޅެ ނިއު އަށް މެޗު ލިބުނީ އެވެ.
ނިއު އާއި ދަ ގްރާންޑޭ އަދި ޓީނޭޖްގެ އިތުރުން އެ ގްރޫޕުގައި ހިމެނީ ބީޖީ ސްޕޯޓްސް ކްލަބް އަދި ޓެންޓް ސްޕޯޓްސް ކްލަބެވެ.
އެ ގްރޫޕުގެ އެންމެ ކުރީގައި އުޅެނީ ހަ ޕޮއިންޓް ހޯދާފައިވާ ނިއު އާއި ޓެންޓް ސްޕޯޓްސް ކްލަބެވެ. ބީޖީ އަށް ތިން ޕޮއިންޓް ލިބިފައިވާއިރު ދަ ގްރާންޑޭ އާއި ޓީނޭޖަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.
ނިއުގެ ގިނަ ސަޕޯޓަރުންތަކެއް ދަނޑަށް ވަން މެޗުގައި އެޓީމުގެ ފުރަތަމަ ގޯލު ފުރަތަމަ ހާފުގައި ޖެހީ އަބޫ ސަނޫނޫ އެވެ. ނިއުގެ އަނެއް ދެ ގޯލު ޖެހީ ދެ ވަނަ ހާފުގަ އެވެ. ދެ ވަނަ ގޯލު ގާނާގެ ފޯވާޑް ކޯފީ އޮވޫސޫ ޖެހިއިރު ފަހު ގޯލު ޖެހީ އަޔާޒް އަހުމަދު (އަޔާ) އެވެ. އޭރިޔާ ބޭރުން އަޔާ ކަނާތު ފައިން ފޮނުވާލި ބާރު ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ.
މިދިޔަ ސީޒަނުގެ ދެ ވަނަ ޑިވިޝަނުގެ ސެމީ ފައިނަލަށް ދަތުރުކޮށް ނިއު ބަލިވީ ޕެނަލްޓީ ޖަހައިގެންނެވެ. މި ސީޒަނުގައި އެޓީމުގެ އަމާޒަކީ ފައިނަލަށް ދަތުރުކޮށް އަންނަ ސީޒަނުގެ ފުރަތަމަ ޑިވިޝަނުން ފުރުސަތު ހޯދުމެވެ.
ނިއު ހިމެނޭ ގްރޫޕުގެ މެޗެއް ދެން އޮންނާނީ އަންނަ އާދީއްތަ ދުވަހު އެވެ. އެދުވަހު ވާދަކުރާނީ ޓީނޭޖާއި ޓެންޓް ސްޕޯޓްސް ކްލަބެވެ.
Advertisement


Leave a Reply