ޗެރިޓީ ޝީލްޑް މެޗުން ގަމަށް ލިބުނު ފައިސާ ހަދިޔާކުރި ފަލަސްތީނަށް

Advertisement

ޗެރިޓީ ޝީލްޑް މެޗުން ގަމަށް ލިބުނު ފައިސާ ހަދިޔާކުރި ފަލަސްތީނަށް

ފަހުމިނެޓް
ޗެރިޓީ ޝީލްޑް ކާމިޔާބުކުރި ލ. ގަން ފުޓްސަލް ޓީމް. ފޮޓޯ: އިމޭޖަސް.އެމްވީ

ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ފެށުމުގެ ގޮތުން ރޭ ކުޅުނު ޗެރިޓީ ޝީލްޑް މެޗު ކާމިޔާބުކުރި ލ. ގަން ފުޓްސަލް ޓީމަށް ލިބުނު ފައިސާ ފަލަސްތީނުގެ ގާޒާ ރައްޔިތުންނަށް ހަދިޔާކޮށްފި އެވެ.

ހުޅުމާލެ ރެހެންދި ޓާފް ފުޓްސަލް ދަނޑުގައި ރޭ ކުޅުނު ޗެރިޓީ ޝީލްޑް މެޗު ތ. ތިމަރަފުއްޓާ ވާދަކޮށް ގަން ކާމިޔާބުކުރީ 2-3 އިންނެވެ.

Advertisement

ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން ޗެރިޓީ ޝީލްޑް މެޗު ތައާރަފްކުރީ މިދިޔަ އަހަރު އެވެ. ޗެރިޓީ ޝީލްޑް މެޗުން ލިބޭ ފައިސާ ހަދިޔާކުރަނީ މުހިއްމު ބޭނުން ޖެހިފައިވާ ފަރާތްތަކަށެވެ. މެޗުން މޮޅުވުމުން ގަމަށް ވަނީ 25000 ރުފިޔާ ލިބިފަ އެވެ.

ގަމަށް ލިބުނު ފައިސާ ފަލަސްތީނާ ހަމައަށް ފޯރުކޮށްދޭނީ “އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ)” އިންނެވެ.

ރޭގެ މެޗުގައި ގަމުގެ ގޯލުތައް ކާމިޔާބުކޮށްދިނީ ހުސައިން ނާޝިދު އާއި އަހުމަދު ހަލީމް (އައްމަޑޭ) އެވެ. އައްމަޑޭ ދެ ގޯލު ޖެހިއިރު މޮޅުވި ގޯލު ކާމިޔާބުކުރީ މެޗުގެ ފަހު ވަގުތުކޮޅު ލިބުނު ދުރު ޕެނަލްޓީއަކުންނެވެ. މެޗުގައި ތިމަރަފުށީގެ ގޯލުތައް ކާމިޔާބުކޮށްދިނީ އާދަމް ނާސިހު (އާދަންނާ) އިސްމާއީލް މުނީޒް އެވެ.

ޗެރިޓީ ޝީލްޑް މެޗުގައި އެ ދެރަށް ވާދަކުރީ އެންމެ ފަހުގެ ދެ ޗެމްޕިއަނުންގެ ހައިސިއްޔަތުންނެވެ.

މިދިޔަ އަހަރު ކުޅުނު ޗެރިޓީ ޝީލްޑް މެޗުން ވެސް ތިމަރަފުށި ވަނީ ބަލިވެފަ އެވެ. އެ މެޗުގައި ކ. ގާފަރު އަތުން އެޓީމު ބަލިވީ 0-3 އިންނެވެ. އެކަމަކު ތިމަރަފުއްޓަކީ ތިން ތައްޓާ އެކު ގޯލްޑަން ފުޓްސަލްގެ އެންމެ ކާމިޔާބު ރަށެވެ.

ރޭގެ ކާމިޔާބީއާ އެކު ގަން ވެފައިވަނީ ގޯލްޑަން ފުޓްސަލްގެ ޗެމްޕިއަންކަމާއި ޝީލްޑް މެޗު ކާމިޔާބުކުރި ހަމައެކަނި ޓީމަށެވެ. ގޯލްޑަން ފުޓްސަލްގެ ޗެމްޕިއަންކަން ގަން ފުރަތަމަ ފަހަރަށް ހޯދީ މިދިޔަ އަހަރު އެވެ. ފައިނަލުގައި ގަން މޮޅުވީ ގދ. ވާދޫއާ ވާދަކޮށެވެ.

ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން މުޅި ރާއްޖެ އަށް ހުޅުވާލައިގެން ބާއްވާ މުބާރާތުގައި މިއަހަރު 129 ޓީމު ބައިވެރިވި އެވެ. މުބާރާތުގައި ޖުމްލަ 320 މެޗު ކުޅެން ހަމަޖެހިފައިވާއިރު އަތޮޅު ބުރުގެ މެޗުތައް މިރޭ ފަށާނެ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *