ތިމަރަފުށްޓާއި ފެހެންދޫ ދިވެހި ޕްރިމިއަރ ލީގަށް

މިހާރު ކުރިއަށްދާ އެސް.ޓީ.އޯ މިނިވަން ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގައި މިއަދު ހަވީރު ތ.ތިމަރަފުށްޓާއި ބ.ފެހެންދޫ ކުޅުނު މެޗުތަކުން މޮޅުވެ ސެމީފައިނަލުގެ ފުރުޞަތު ހޯދައި، ދިވެހި ޕްރިމިއަރ ލީގަށް ކޮލިފައި ވެއްޖެއެވެ.
ތިމަރަފުށި ވަނީ ގްރޫޕް ފަހު މެޗުގައި ސ.ހިތަދޫގެ މައްޗަށް 1-2 ގެ ނަތީޖާއަކުން ކުރި ހޯދާފައެވެ. އިއްޔެގެ މެޗު ފުރަތަމަ ހާފު ނިމިގެން ގޮސްފައިވަނީ ދެޓީމު ކުރެއް އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ. ނަމަވެސް، ދެވަނަ ހާފު ފެށިތާ މާގިނަ އިރެއް ނުވަނީސް ތިމަރަފުށިން ވަނީ ލަނޑެއް ކާމިޔާބުކޮށް ލީޑުނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަޙްމަދު ތޯހިރު (ކަޅުޗީ) އެވެ. ތިމަރަފުށީގެ ގޯލާއެކު ހިތަދޫއިން ކުޅުން ރަނގަޅުކޮށް މެޗުގެ 67 ވަނަ މިނެޓުގައި އެޓީމުގެ ބިދޭސީ ކުޅުންތެރިޔާ އަތަންގާނާ އޮނަމްބެލޭ ލަނޑެއްޖަހާ ނަތީޖާ ހަމަހަމަ ކުރިއެވެ. މި ނަތީޖާގައި އޮވެ މެޗު ނިމެންދަނިކޮށް މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނު ތިމަރަފުށީ ޓީމުގެ ޑިފެންޑަރު ޝާމިލް ހަސަން (އަޑޯ) ވަނީ މެޗުގެ 88 ވަނަ މިނެޓުގައި ތިމަރަފުށްޓަށް އިތުރު ލަނޑެއް ކާމިޔާބުކޮށްދީ އެޓީމަށް ތިން ޕޮއިންޓް ކަށަވަރުކޮށްދީފައެވެ. މި މޮޅާއެކު ތިމަރަފުށި ވަނީ ނުވަ ޕޮއިންޓާއެކު ގްރޫޕުގެ އެއްވަނަ ހޯދާފައެވެ. މި ގްރޫޕުން ދެވަނަ ޓީމެއްގެ ގޮތުގައި 8 ޕޮއިންޓާއެކު ސެމީއަށް ދަތުރުކުރީ ފ.ނިލަންދޫއެވެ.

ތިމަރަފުށި ޓީމު ފޮޓޯއަކަށް ހުއްޓިގެން
ފެހެންދޫ ސެމީން ޖާގަ ހޯދީ ގްރޫޕްގެ ފަހު މެޗުގައި ފެންފުށްޓާ ވާދަކޮށް 1-6 ގެ ބޮޑު ތަފާތަކުން މޮޅުވެ ގްރޫޕް ދެވަނަ ހޯދައިގެންނެވެ. އެ ގްރޫޕުން 10 ޕޮއިންޓާއެކު ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ސެމީއަށް ދަތުރުކޮށްފައިވަނީ ށ.ފޯކައިދޫއެވެ.
އިއްޔެގެ މެޗުގައި ފެހެންދޫ އިން ވަނީ މެޗުގެ ފުރަތަމަ 10 މިނިޓުގެ ތެރޭގައި ތިން ލަނޑު ކާމިޔާބުކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފު 0-4 ގެ ނަތީޖާއަކުން ނިމިގެން ދިޔައިރު ދެވަނަ ހާފުގައި ފެހެންދޫ އިންވަނީ އިތުރު ދެ ލަނޑު ކާމިޔާބުކޮށްފައެވެ. އެޓީމުގެ ހުސައިން ޝިފާއު ތިން ލަނޑު ޖަހާ ހެޓްރިކް ހެދިއިރު، އަނެއް ތިން ލަނޑު ކާމިޔާބުކޮށްދިނީ ހަސަން ސާޖިދު އާއި، ހުސައިން އީމާނު އާއި އާދަމް ނިޒާމްއެވެ. ފެންފުށި ޓީމުގެ ހަމައެކަނި ލަނޑު މެޗުގެ 75 ވަނަ މިނިޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ޖާޒީ ނަންބަރު 7 މުޙައްމަދު އަބްދުލް މަޖީދެވެ.

މިދިޔަ އަހަރުގެ ޗެމްޕިއަން ކުޑަހުވަދޫ
މިނިވަން ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގެ ޖާގަ ހޯދައި ޕްރިމިއާ ލީގުގެ ޖާގަ ކަށަވަރުކުރި ހަތަރު ޓީމަކީ ތިމަރަފުށްޓާއި ފެހެންދޫގެ އިތުރުން ފ.ނިލަންދޫ އާއި ށ.ފޯކައިދޫ އެވެ. މިދިޔަ އަހަރު ޕްރިމިއާ ލީގުގައި ކުޅުނު ހަތަރު ޓީމުކަމަށްވާ ށ.މިލަންދޫ، ގދ.ތިނަދޫ، އއ.މާޅޮސް އަދި ދ.ކުޑަހުވަދޫ އަށް މި ފަހަރު ފުރުސަތު ނުލިބެ އެވެ. މާޅޮހާއި ކުޑަހުވަދޫ ޒޯން ފައިނަލު ބުރުން ކެޓިއިރު، މިލަންދޫ އާއި ތިނަދޫ މިއަހަރު މުބާރާތުގައި ބައިވެރިވެފައެއް ނުވެއެވެ.
މި މުބާރާތުގެ ސެމީފައިނަލް މެޗުތައް އޮންނާނީ އަންނަ ހޮނިހިރު ދުވަހު އެވެ. ނިލަންދޫ ދަނޑުގައި ތިމަރަފުށި ނިކުންނާނީ ފެހެންދޫ އާ ދެކޮޅަށެވެ. އަދި ފޯކައިދޫ އަމިއްލަ ދަނޑުގައި ނިކުންނާނީ ނިލަންދޫ އާ ދެކޮޅަށެވެ.
މުބާރާތުގެ ފައިނަލް މެޗު އޮންނާނީ މި މަހު 10 ވަނަ ދުވަހު މާލޭ ގަލޮޅު ރަސްމީ ބޯޅަ ދަނޑުގައެވެ.
Advertisement


Leave a Reply