މެސީ ވޯލްޑް ކަޕް އުފުލާލި ދަނޑުގައި މިރޭ އޭޝިއަން ކަޕް ފަށަނީ

ފުރިހަމަ ވޯލްޑް ކަޕެއް 2022 ވަނަ އަހަރު ބޭއްވި ގަތަރުގެ ލުސައިލް ސްޓޭޑިއަމްގައި މިރޭ އޭއެފްސީ އޭޝިއަން ކަޕް 2023 ފަށާނެ އެވެ.
ގަތަރުގައި ބޭއްވި ވޯލްޑް ކަޕަކީ ގިނަ ބައެއްގެ ނަޒަރުގައި މިހާތަނަށް ފެނުނު އެންމެ ފުރިހަމަ ވޯލްޑް ކަޕެވެ. ވޯލްޑް ކަޕަށް ތައްޔާރުކުރި ފުރިހަމަ ސްޓޭޑިއަމްތަކުގެ ތެރެއިން ލުސައިލް ސްޓޭޑިއަމްއަކީ އެންމެ ފާހަގަކޮށްލެވޭ އެއް ސްޓޭޑިއަމް އެވެ. ވޯލްޑް ކަޕްގެ ފައިނަލުގައި އާޖެންޓީނާ އިން ޕެނަލްޓީ ޖަހައިގެން ފްރާންސް ބަލިކުރީ އެ ސްޓޭޑިއަމްގަ އެވެ.
ލިއޮނެލް މެސީގެ ކެޕްޓަންކަމުގައި އާޖެންޓިނާ އިން ފްރާންސް ބަލިކޮށް ދުނިޔޭގެ ޗެމްޕިއަންކަން ހޯދި ފައިނަލަކީ ފުޓްބޯޅައިގައި ފެނުނު އެންމެ ވާދަވެރި އަދި އެންމެ ފުރިހަމަ އެއް މެޗެވެ.

ލުސައިލް ސްޓޭޑިއަމްގައި ކުޅުނު ވޯލްޑް ކަޕް މެޗެއްގައި މެސީ ކޯނަރެއް ނަގަނީ. ވޯލްޑް ކަޕްގެ ފައިނަލް ކުޅުނު ސްޓޭޑިއަމްގައި މިރޭ އޭޝިއަން ކަޕް ފަށާނެ
އޭޝިއަން ކަޕްގެ 18 ވަނަ މުބާރާތް ގަތަރުގައި ބާއްވަން ނިންމީ 2022 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އެވެ. މުބާރާތް ކުރިން ބާއްވަން އޮތީ ޗައިނާގަ އެވެ. އެކަމަކު ކޮވިޑްގެ އާލަމީ ވަބާގައި ޗައިނާ ތާށިވުމާއި ގުޅިގެން އެ މުބާރާތް އެހެން ގައުމެއްގައި ބާއްވަން ނިންމީ އެވެ.
ގަތަރުން މިދިޔަ އަހަރުގެ ކޮންކާކަފް ގޯލް ކަޕްގައި ބައިވެރިވުމާއި ހޫނު މޫސުމުގައި އެ ގައުމުގެ ހޫނުމިން އިތުރުވާތީ މިއަހަރުގެ ކުރީކޮޅަށް މުބާރާތް ބަދަލުކުރީ އެވެ. އޭޝިއަން ކަޕްގައި ވާދަކުރާ 24 ޓީމުގެ މެޗުތައް ކުރިއަށް ދާނީ މިރެއިން ފެށިގެން އަންނަ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ.
އެންމެ ފަހުން ބޭއްވި އޭޝިއަން ކަޕްގެ ޗެމްޕިއަން ޓީމަކީ ގަތަރެވެ. އަމިއްލަ ސަޕޯޓަރުން ކުރިމަތީ ގަތަރުން މިފަހަރުގެ މުބާރާތުގެ ފުރަތަމަ މެޗުގައި ނުކުންނާނީ ލެބަނާންއާ ދެކޮޅަށެވެ. އެއީ ގްރޫޕް އޭގެ މެޗެކެވެ.
އޭޝިއަން ކަޕްގެ މެޗުތައް ގަތަރުގެ ނުވަ ސްޓޭޑިއަމްގައި ކުޅޭނެ އެވެ. އެތަނުން އެންމެ ޖާގަ ބޮޑީ މިރޭ މުބާރާތް ފަށާ ލުސައިލް ސްޓޭޑިއަމްގަ އެވެ. އެ ދަނޑަށް 88966 ސަޕޯޓަރުންނަށް ވަދެވެ އެވެ.
މީގެ 68 އަހަރު ކުރިން ފެށި މުބާރާތުގެ އެންމެ ކާމިޔާބު ގައުމަކީ ހަތަރު ފަހަރު ޗެމްޕިއަންކަން ހޯދާފައިވާ ޖަޕާން އެވެ. ދެ ވަނައިގައި އޮތީ ތިން ފަހަރު ޗެމްޕިއަންކަން ހޯދާފައިވާ ސައުދީ އަރަބިއާ އާއި އީރާން އެވެ.
ގަތަރާއި ލެބަނާން ވާދަކުރާ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 9 ޖަހާއިރު އެވެ. މުބާރާތުގެ ދެ ވަނަ މެޗުގައި މާދަމާ ހަވީރު އިންޑިއާ ނުކުންނާނީ އޮސްޓްރޭލިއާއާ ދެކޮޅަށެވެ. އެ މެޗު ފަށާނީ މާދަމާ ހަވީރު 4:30 ގަ އެވެ.
އޭޝިއަން ކަޕްގެ ގްރޫޕްތައް
ގްރޫޕް އޭ: ގަތަރު، ޗައިނާ، ތަޖިކިސްތާން، ލެބަނާން
ގްރޫޕް ބީ: އޮސްޓްރޭލިއާ، އުޒްބެކިސްތާން، ސީރިއާ، އިންޑިއާ
ގްރޫޕް ސީ: އީރާން، ޔޫއޭއީ، ހޮންގްކޮން، ފަލަސްތީން
ގްރޫޕް ޑީ: ޖަޕާން، އިންޑޮނީޝިއާ، އިރާގް، ވިއެތުނާމް
ގްރޫޕް އީ: ދެކުނު ކޮރެއާ، މެލޭޝިއާ، ޖޯޑަން، ބަހްރޭން
ގްރޫޕް އެފް: ސައުދީ އަރަބިއާ، ތައިލެންޑް، ކިރްގިސްތާން، އޮމާން
Advertisement


Leave a Reply