ބޮޑު އަގުގައި ޔުނައިޓެޑުން ގަތް ސަންޗޯ ޑޯޓްމަންޑަށް ދޫކޮށްލަނީ

Advertisement

ބޮޑު އަގުގައި ޔުނައިޓެޑުން ގަތް ސަންޗޯ ޑޯޓްމަންޑަށް ދޫކޮށްލަނީ

ފަހުމިނެޓް

އުއްމީދާ އެކު ބޮޑު އަގުގައި މެންޗެސްޓާ ޔުނައިޓެޑުން ގެނައި އިނގިރޭސި ފޯވާޑް ޖޭޑޮން ސަންޗޯ ލޯނު އުސޫލުން ކުރީގެ ކްލަބް ބޮރޫޝިއާ ޑޯޓްމަންޑަން ފޮނުވާލުމުގެ މަސައްކަތް ޔުނައިޓެޑުން ފަށައިފި އެވެ.

ރިޕޯޓްތައް ބުނާގޮތުން ޔުނައިޓެޑުން މިހާރު ވަނީ ސަންޗޯ ލޯނު އުސޫލުން ޑޯޓްމަންޑަށް ފޮނުވާލަން އެއްބަސްވެފަ އެވެ. ސަންޗޯ އެ ކްލަބާ އަލުން ގުޅޭނީ މި ސީޒަނުގެ ނިޔަލަށެވެ. އެކަމަކު މާލީ ބައެއް މައްސަލަތައް އުޅޭތީ ޑީލް އެއްކޮށް އަދި ފައިނަލެއް ނުކުރެވެ އެވެ.

ޑޯޓްމަންޑުގައި މޮޅު ކުޅުމެއް ދައްކަމުން ދަނިކޮށް ޔުނައިޓެޑުން ސަންޗޯގެ ސޮއި 2021 ވަނަ އަހަރުގެ ޖުލައި މަހު ހޯދީ 93 މިލިއަން ޑޮލަރަށެވެ.

ޔުނައިޓެޑަށް ބަދަލުވުމަށް ފަހު ޑޯޓްމަންޑުގައި ދެއްކި މޮޅު ކުޅުން ސަންޗޯ އަށް ތަކުރާރެއް ނުކުރެވުނެވެ. މި ސީޒަނުގައި ސަންޗޯގެ ފޯމު އިތުރަށް ދަށްވެ ކޯޗު އެރިކް ޓެން ހާގާ މައްސަލަ ޖެހުމުން މިހާރު ވަނީ ސީނިއާ ޓީމުން ވެސް ބޭރުކޮށްފަ އެވެ. ސީނިއާ ޓީމުން ބާކީކުރުމުން ސަންޗޯ މިހާރު ފަރިތަކުރަމުން އަންނަނީ ވަކިންނެވެ. އެންމެ ފަހުން ސަންޗޯ ޔުނައިޓެޑް ޓީމަށް މެޗެއް ކުޅުނީ މިދިޔަ އޮގަސްޓް މަހުގެ 26 ވަނަ ދުވަހު އެވެ.

ސަންޗޯއާއި ޓެން ހާގް މައްސަލަ ޖެހުނީ އިނގިރޭސި ޕްރިމިއާ ލީގުގައި މިދިޔަ ސެޕްޓެމްބަރު މަހު އާސެނަލް އަތުން ޔުނައިޓެޑް ބަލިވި މެޗުގެ ސްކޮޑަށް ސަންޗޯ ނުނެގުމުންނެވެ. އެކަމާ ގުޅޭގޮތުން ސުވާލުކުރުމުން ޓެން ހާގް ބުނީ ސަންޗޯ ސްކޮޑަށް ނުނެގީ ފަރިތަކުރުންތަކުގައި ފަރުވާކުޑަވުމުން ކަމަށެވެ.

ޓެން ހާގް އެހެން ބުނުމުން ސަންޗޯ ވަނީ ސޯޝަލް މީޑިއާގައި އެކަމާ މެދު ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. ސަންޗޯ ސޯޝަން މީޑިއާގައި ވާހަކަދެއްކުމުން ޔުނައިޓެޑުން ހުށަހެޅީ ސަންޗޯ އެކަމަށް މާފަށް އެދޭށެވެ. އެކަމަކު ސަންޗޯގެ އެ އަމަލަށް އޭނާ މާފަށް އެދިފައެއްނުވެ އެވެ.

ޔުނައިޓެޑަށް ކުޅުނު ލީގު 58 މެޗުގައި ސަންޗޯ އަށް ޖެހުނީ ނުވަ ގޯލެވެ.

ޑޯޓްމަންޑް މިހާރު އޮތީ ޖަރުމަނު ލީގުގެ ފަސް ވަނައިގަ އެވެ. ފިނި މޫސުމަށް ޖަރުމަނު ލީގުގެ ކުޅުން މެދުކަނޑާލުމުން ޑޯޓްމަންޑް މިހާރު އަންނަނީ ގައުމުން ބޭރުގައި ތަމްރީނުތައް ކުރަމުންނެވެ. ބްރޭކަށް ފަހު ޖަރުމަނު ލީގުގައި ޑޯޓްމަންޑް ކުޅޭ ފުރަތަމަ މެޗުގައި މި މަހުގެ 13 ވަނަ ދުވަހު ނުކުންނާނީ ޑަމްސްޓަޑްއާ ދެކޮޅަށެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *