ހަމީސް: އެންމެ 16 އަހަރުގައި ދައްކާލި ހުނަރަށް އެންމެންގެ ތައުރީފް
ށ. މިލަންދޫގައި މިދިޔަ ހޯމަ ދުވަހު ނިމުނު އެސްޓީއޯ ޓީނޭޖް ކަޕް ވެގެންދިޔައީ ޒުވާން ކުޅުންތެރިންނަށް ހުނަރު ދައްކާލަން ލިބުނު ރަނުގެ ފުރުސަތަކަށެވެ. އުމުރުން 13 އަހަރާއި 19 އަހަރާއި ދެމެދުގެ ކުޅުންތެރިންނަށް ހާއްސަކުރި މުބާރާތުގައި މިލަންދޫ އާއި ރާއްޖޭގެ އެކި ރަށްތަކުން ހުނަރުވެރި ކުޅުންތެރިން ތަމްސީލްކުރި އެވެ. އޭގެތެރެއިން އެންމެ ފާހަގަކޮށްލެވުނު އެއް ކުޅުންތެރިއަކީ ސިކްސްޕެކް ޓީމަށް ކުޅުނު އުމުރުން 16 އަހަރުގެ އަހުމަދު ހަމީސް އަރީފް އެވެ.
ށ. ފުނަދޫ އަށް ނިސްބަތްވާ ހަމީސް އަކީ ވާތުފައިން ކުޅޭ ހުނަރުވެރި ފޯވާޑެކެވެ. ހަމީސް އަކީ މިފަހަރުގެ މުބާރާތުގައި އެންމެ ވިދުން ގަދަވި އެއް ކުޅުންތެރިޔާ އެވެ. ހަމީސް ކުޅުނު ސިކްސްޕެކް ޓީމު މުބާރާތުން ކެޓީ ސެމީ ފައިނަލުންނެވެ. ސެމީގައި ޕެނަލްޓީ ޖަހައިގެން އެޓީމު ބަލިވީ ޗެމްޕިއަން ވޮލްކޯ ޔުނައިޓެޑް އަތުންނެވެ.
އެރަށުގެ 8 ޓީމު ވާދަކުރި މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ހަމީސް އެވެ. ސެމީ ފައިނަލުގައި ބަލިވި ޓީމެއްގެ ކުޅުންތެރިއަކަށް މޮޅު ކުޅުންތެރިޔާގެ މަގާމް ލިބުމުން “ފަހުމިނެޓް” އިން އެ ސުވާލު އަމާޒުކުރީ އެސްޓީއޯ ޓީނޭޖް ކަޕް އިންތިޒާމުކުރި ޓީމާ އެވެ.
“ވަރަށް ތަފާތު ކުޅުންތެރިއެއް. ހުރިހާ މެޗެއްގައިވެސް އާދަޔާހިލާފު މޮޅު ކުޅުމެއް ދެއްކި” މުބާރާތް އިންތިޒާމު ކުރި ޓީމުގެ އިސް އޮފިޝަލަކު ބުންޏެވެ.
މުބާރާތުގައި ހަމީސް ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އެވެ. ސެމީ ފައިނަލުގައި ވޮލްކޯ ޔުނައިޓެޑް ކޮޅަށް ހެޓްރިކް ހެދި އެވެ. ހަތަރު މެޗުގައި ވެސް ހަމީސް ފެނުނީ އެ އުމުރުގެ އެހެން ކުޅުންތެރިންނާއި އަޅާބަލާއިރު ތަފާތު ކުޅުންތެރިއެއްގެ ގޮތުގަ އެވެ.
ޗެމްޕިއަން ވޮލްކޯ ޔުނައިޓެޑްގެ ކޯޗު އަހުމަދު ޝާތިރު ބުނީ ހަމީސް އަކީ ހުނަރާއި އެއްވަރަށް އަހުލާގު ރަނގަޅު މަޑުމައިތިރި ކުއްޖެއް ކަމަށެވެ.
“އަޅުގަނޑުމެންނާ ދެކޮޅަށް ސެމީ މެޗުގަ ހެޓްރިކް ހެދި. ހަމީސް ހުރެގެން އެޓީމަށް ސެމީއާ ހަމައަށް ދެވުނީ. އެއީ ވަރަށް ހުނަރުވެރި އަހުލާގު ރަނގަޅު އަދި މަޑުމައިތިރި ކުއްޖެއް. ފުޓްބޯޅަ ކެރިއަރެއްގެ ގޮތުގައި ނަގައިފިއްޔާ ވަރަށް ކުރިއަށް ދެވޭނެ. ހާއްސަކޮށް ފުޓްސަލްގައި ހަމީސް ފާހަގަކޮށްލެވޭ” ހަމީސްއާ ގުޅޭގޮތުން ޗެމްޕިއަން ޓީމުގެ ކޯޗު ބުންޏެވެ.
ފުނަދޫ ފުޓްބޯޅައިގެ އެންމެ އުއްމީދީ ތަރި
ހަމީސް ކިޔަވަމުން އަންނަނީ ފުނަދޫ ސްކޫލުގެ ގްރޭޑް 10 ގަ އެވެ. އޯލެވެލް އަށް ތައްޔާރުވަމުން އަންނައިރު ދިރާސީ ތައުލީމުގައި ހަމީސް އަށް މި އަހަރު މުހިއްމެވެ.
ފުނަދޫގައި މިވަގުތު ހުރި އެންމެ މޮޅު ކުޅުންތެރިއަކީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންއާއި ރާއްޖޭގެ ސީނިއާ ގައުމީ ފުޓްބޯޅަ ޓީމުގައި ހިމެނޭ އިބްރާހީމް އައިސަމް އެވެ. އައިސަމްގެ ފަހަތުން އެރަށުގެ ފުޓްބޯޅައިގެ އެންމެ އުއްމީދީ ތަރިއަކީ ހަމީސް އެވެ.
އުމުރުން އެންމެ 16 އަހަރުގައި ހަމީސް އަންނަނީ އެރަށުގެ ފުޓްބޯޅައިގައި ވެސް މުހިއްމު ދައުރެއް އަދާކުރަމުންނެވެ. މިދިޔަ ނޮވެމްބަރު މަހު އޮތް މިލައުތުރު ފުޓްސަލް މުބާރާތުގައި ހަމީސް ވަނީ ފުނަދޫ ފުޓްސަލް ޓީމުގައި ފުލްކޮށް ކުޅެފަ އެވެ. އެހާ ހަގު އުމުރުގައި ތަޖުރިބާކާރު ކުޅުންތެރިންނާއި ދެކޮޅަށް ހަމީސް މޮޅު ކުޅުމެއް ދެއްކި އެވެ.
މިލައުތުރު ފުޓްސަލް މުބާރާތުގެ ކުއާޓާ ފައިނަލުން ފުނަދޫ ކެޓިއިރު ހަމީސް ތިން މެޗުގައި ހަތަރު ގޯލު ޖެހި އެވެ. މަރޮށި އަތުން ފުނަދޫ މޮޅުވީ ހަމީސް ޖެހި ހަމައެކަނި ގޯލުންނެވެ. މާއުނގޫދޫއާ ދެކޮޅަށް ކުޅުނު މެޗުގައި ދެ ގޯލު ޖެހި އެވެ. އަދި، ނަރުދޫއާ ވާދަކޮށް ފުނަދޫ އެއްވަރުވި މެޗުގައި ގޯލު ޖަހައި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އެވެ.
ހަމީސް ވަނީ 2022 ވަނަ އަހަރު ފުނަދޫ އިން މިލައުތުރު ފުޓްސަލްގެ ޗެމްޕިއަންކަން ހޯދިއިރު އެޓީމުގައި ވެސް ހިމެނިފަ އެވެ.
މިލަންދޫ ސްޕޯޓްސް ކްލަބުން އިންތިޒާމުކުރި މުބާރާތުގެ އެންމެ ބޮޑު އެއް ބޭނުމަކީ ހުނަރުވެރި ކުޅުންތެރިން އުފެއްދުމެވެ. ޓީނޭޖް ކަޕްގެ ދެ ވަނަ މުބާރާތް ފުރިހަމަކަމާއި އެކު ނިންމާލިއިރު އިންތިޒާމު ކޮމިޓީ އަށް އޮތް ހިތްހަމަޖެހުމަކީ ހުނަރުވެރި ކުޅުންތެރިންތަކެއް މިއަހަރު ވެސް ނެރެވުމެވެ. އެސްޓީއޯ ޓީނޭޖް ކަޕް ވެގެންދިޔައީ ހަމީސްގެ އުއްމީދީ ކެރިއަރަށް ވެސް ކޮށުނު މަގަކަށެވެ.
Advertisement
Leave a Reply