ބާސެލޯނާ މޮޅަކާ އެކު އާ އަހަރު ފަށައިފި

ސްޕެނިޝް ލީގުގައި ރޭ އިލްކާއީ ގުންޑޮގާން ފަހު ވަގުތު ވައްދާލި ޕެނަލްޓީ އިން މޮޅުވެ ބާސެލޯނާ އިން އާ އަހަރުގެ ފެށުން ރަނގަޅުކޮށްފި އެވެ.
އާ އަހަރު ބާސެލޯނާގެ ފުރަތަމަ މެޗުގައި ރޭ ރަށުން ބޭރުގައި ލަސް ޕަލްމާސްއާ ވާދަކޮށް މޮޅުވީ 2-1 އިންނެވެ.
މޮޅާ އެކު ބާސެލޯނާ ވަނީ 19 މެޗުން ހޯދި 41 ޕޮއިންޓާ އެކު ތިން ވަނަ އަށް ކުރިއަށް ޖެހިލާފަ އެވެ. ހަތަރު ވަނައިގައި އޮތީ ރޭ ރަށުން ބޭރުގައި 2-0 އިން ސެވިއްޔާ ބަލިކުރި އެތުލެޓިކް ބިލްބާއޯ އެވެ. އެޓީމަށް 19 މެޗުން ލިބިފައިވަނީ 38 ޕޮއިންޓެވެ. ހަމަ އެ އަދަދަށް ޕޮއިންޓް ހޯދާފައިވާ އެތުލެޓިކޯ މެޑްރިޑް އޮތީ ފަސް ވަނައިގަ އެވެ.
ލީގުގެ އެއް ވަނައިގައި އޮތް ރެއާލް މެޑްރިޑާއި ދެ ވަނައިގައި އޮތް ޖިރޯނާ ވަނީ 48 ޕޮއިންޓް ހޯދައިފަ އެވެ. ލީގުގެ ކުޅުން ދެބައިވީއިރު އެ ދެޓީމު އެއް ވަނައިގައި އޮތީ ހަތް ޕޮއިންޓުގެ ލީޑެއްގަ އެވެ.
ރޭގެ މެޗުގެ 12 ވަނަ މިނެޓުގައި ލަސް ޕަލްމާސް އަށް ލީޑު ނަގައިދިނީ ކުރިން ބާސެލޯނާ އަށް ކުޅުނު މުނީރު އަލް ހެއްދާދީ އެވެ.
ބާސެލޯނާ އިން މެޗުގެ ނަތީޖާ އަނބުރާލީ ދެ ވަނަ ހާފުގަ އެވެ. އެޓީމުގެ ފުރަތަމަ ގޯލު 55 ވަނަ މިނެޓުގައި ޖެހީ ފެރާން ޓޮރޭޒް އެވެ. ބާސެލޯނާ މޮޅުވި ގޯލު 93 ވަނަ މިނެޓުގައި ގުންޑޮގާން ޖެހީ އޭނާ އަށް ލަސް ޕަލްމާސްގެ ޑެލޭ ސިންގްރަވެން ކުރި ފައުލަކަށެވެ. އެ ފައުލްއާ ގުޅިގެން ރެފްރީ ވަނީ ސިންގްރަވެން އަށް ސީދާ ރަތް ކާޑެއް ދައްކާފަ އެވެ.
ފަހުވަގުތު ދިން ޕެނަލްޓީއާ ގުޅިގެން ލަސް ޕަލްމާސްގެ ކޯޗާއި ކުޅުންތެރިން ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފަ އެވެ. އެ ޓީމުގެ ކެޕްޓަން ކިރިއަން ރޮޑްރިގޭޒް މެޗަށް ފަހު ބުނީ، އެއީ ދޭންޖެހޭ ޕެނަލްޓީއެއް ނޫން ކަމަށާއި އެވަގުތު ހިނގާދިޔަ ކަންތަކުގެ ވީއޭއާރު އޯޑިއޯ އަޑުއަހަން ބޭނުންވާ ކަމަށެވެ.
ބާސެލޯނާގެ ކޯޗު ޒަވީ ބުނީ އެއީ ޕެނަލްޓީއެއްކަން ވަރަށް ސާފު ކަމަށެވެ.
“އަހަރެމެން ފަހު ވަގުތު މޮޅުވީ ޕެނަލްޓީއަކުން. އަހަރެންނަށް އިނގޭ އެޓީމުގެ ކުޅުންތެރިންނަށް ކުރާނެ އަސަރު. އެކަމަކު ކޮށްޕާލީމަ އެއީ ޕެނަލްޓީ ދޭންޖެހޭ ހާލަތެއް” މެޗަށް ފަހު ޒަވީ ބުންޏެވެ.
Advertisement


Leave a Reply