ވޮލީބޯޅަ އެސޯސިއޭޝަން ކަޕް: ވެމްކޯ އިން އަންހެން ޑިވިޝަންގެ ތަށި މިލްކު ކުރިއިރު ފިރިހެން ޑިވިޝަނުގައި އާ ޗެމްޕިއަނެއް

Advertisement

ވޮލީބޯޅަ އެސޯސިއޭޝަން ކަޕް: ވެމްކޯ އިން އަންހެން ޑިވިޝަންގެ ތަށި މިލްކު ކުރިއިރު ފިރިހެން ޑިވިޝަނުގައި އާ ޗެމްޕިއަނެއް

ފަހުމިނެޓް
ކްލަބް ވެމްކޯ ޖެހިޖެހިގެން ތިންވަނަ ފަހަރަށް ވޮލީބޯޅަ އެސޯސިއޭޝަން ކަޕް ތަށީ އުފުލާލަނީ. ފޮޓޯ: ވެމްކޯ/ އަބްދުﷲ ޔަޝައު

އަންގާރަ ދުވަހުގެ ރޭ ނިމުނު މިއަހަރުގެ ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ އަންހެން ޑިވިޝަނުގެ ތަށި ކްލަބް ވެމްކޯ މިލްކު ކުރިއިރު، ފައިނަލްގައި ވެމްކޯ ބަލިކޮށް ސިޓީ ސްޕޯޓްސް ކްލަބުން މުޅިން އަލަށް މުބާރާތުގެ ތަށި އުފުލާލައިފި އެވެ.

އަންހެން ޑިވިޝަންގެ ފައިނަލުން ވެމްކޯ މޮޅުވީ ޕޮލިސް ކްލަބާ ވާދަކޮށް ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓްތައް ގެންދިޔައީ 25-21، 25-23 އަދި 25-17 އިންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެމްކޯގެ ބްރެޒިލް ކުޅުންތެރިޔާ ޖެސިކާ ސޯރެސް އެވެ.

Advertisement

ވެމްކޯ އެންމެ ފުރަތަމަ ޗެމްޕިއަންކަން ހޯދީ 2019 ވަނަ އަހަރެވެ. އެއަށް ފަހު މިދިޔަ އަހަރުގެ މުބާރާތް ވެސް ކާމިޔާބު ކުރީ ޕޮލިސް ކްލަބާ ވާދަކޮށެވެ.

އަންހެން ޑިވިޝަންގެ ތިން ވަނަ ހޯދީ ކ. ހުރައަށް ނިސްބަތްވާ އަލްމާ ސްޕޯޓްސް ކްލަބެވެ.

މުބާރާތުގެ ޑްރީމް ޓީމުގައި ހިމެނެނީ ޕޮލިސް ކްލަބްގެ ހައްވާ ރާޝިދާ، ވެމްކޯގެ އައިޝަތު މާޖިދާ، އާމިނަތު އަރީޝާ، ހައްވާ ނާޒިމާ، ފާތިމަތު ޖޫޒާން ޒަރީރު އަދި އަލްމާ ސްޕޯޓްސްގެ ހައްވާ ސަހާ އާއި ނުހާ ވަހީދެވެ. އެންމެ މޮޅު ކޯޗަކީ ވެމްކޯގެ ހާލިދު މުހައްމަދެވެ.

މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިއަކަށް ވެމްކޯގެ މާޔާ ހުސެއިން ސޮލާހު ހޮވުނުއިރު އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔަކީ ވެމްކޯގެ ޖެސިކާ އެވެ. އަދި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކީ އެ ޓީމުގެ މާޖިދާ އެވެ.

ސިޓީ ސްޕޯޓްސް ކްލަބް ފުރަތަމަ ފަހަރަށް ވޮލީބޯޅަ އެސޯސިއޭޝަން ކަޕް ތަށިި އުފުލާލަނީ. ފޮޓޯ: ސިޑިބަރި

 

ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދީ، ޕްރިލިމިނަރީ ބުރުން ފަށައިގެން ކުޅުނު ސިޓީ ސްޕޯޓްސް ކްލަބެވެ. ތ. ހިރިލަންދޫއަށް ނިސްބަތްވާ ކުޅުންތެރިންތަކަކާ އެކު ކުޅުނު ޓީމުން ޕްރިލިމިނަރީ ބުރުގެ ފުރަތަމަ މެޗުން ބަލިވި ނަމަވެސް ދެން ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން އެޓީމުން މިވަނީ ބައިވެރިވި ފުރަތަމަ ފަހަރު ޗެމްޕިއަންކަން ހޯދައިފަ އެވެ.

ސިޓީ ސްޕޯޓްސް ޗެމްޕިއަންކަން ހޯދީ ފައިނަލްގައި ސީދާ ތިން ސެޓުން ވެމްކޯ ބަލިކޮށްގެންނެވެ. މެޗުގެ ސެޓްތައް ގެންދިޔައީ 28-26، 25-17 އަދި 25-22 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިޓީގެ އުޒްބަކިސްތާނު ކުޅުންތެރިޔާ އުމަރުބެކް ޒުނުސޯވް އެވެ.

ފިރިހެން ޑިވިޝަންގެ ތިން ވަނަ ހޯދީ ކްލަބް އާބަންކޯ އެވެ. އާބަންކޯ އަކީ ވެސް ޕްރިލިމިނަރީ ބުރުން އެސޯސިއޭޝަން ކަޕަށް ކޮލިފައިވި ޓީމެކެވެ.

ފިރިހެން ޑިވިޝަންގެ ޑްރީމް ޓީމުގައި ހިމެނެނީ ސިޓީގެ އަހުމަދު ފާޒިލް އާއި އަލީ ނިމާލްގެ އިތުރުން ވެމްކޯގެ އަލީ ހުޒާމް، ހުސެއިން ޔޫސުފް، އަހުމަދު ނަބީލް އަދި އާބަންކޯގެ އިސްމާއިލް ސާޖިދާއި އާދަމް ފައިރޫޒް އެވެ. އެންމެ މޮޅު ކޯޗަކީ ސިޓީގެ މުހައްމަދު ޝަރަފް އެވެ.

އެންމެ އުންމީދީ ކުޅުންތެރިއަކަށް ހޮވުނީ ޕޮލިސް ކްލަބްގެ މުހައްމަދު ލުތުފާން އަލީ އެވެ. އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔަކީ ސިޓީގެ ޓޮކްޓޮއޭވް އެވެ. އަދި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކީ ސިޓީގެ ފާޒިލް އެވެ.

އެސޯސިއޭޝަން ކަޕަށް ފަހު، އިއްޔެ ވަނީ އަންހެން ޑިވިޝަނުން ވޮލީބޯޅަ ގައުމީ މުބާރާތް ފަށައިފަ އެވެ. ފިރިހެން ޑިވިޝަންގެ ކުޅުން މިއަދު ފަށާނެ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *