އެންފީލްޑްގެ ފޯރި އާސެނަލް އަށް މިރޭ ދައްކާލަން އެބަޖެހޭ: ކްލޮޕް

Advertisement

އެންފީލްޑްގެ ފޯރި އާސެނަލް އަށް މިރޭ ދައްކާލަން އެބަޖެހޭ: ކްލޮޕް

ފަހުމިނެޓް

ލިވަޕޫލްގެ ދަނޑު އެންފީލްޑުގެ ފޯރި މިރޭ އާސެނަލްގެ ސަޕޯޓަރުންނަށް ދައްކާލަން ޖެހޭކަމަށް ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ލިވަޕޫލް އަމިއްލަ ދަނޑުގައި އާސެނަލްއާ ދެކޮޅަށް ނުކުންނާނެ އެވެ. ދެ ޓީމު އަންނަނީ މި ސީޒަނުގެ ލީގަށް ވާދަކުރަމުންނެވެ. އާސެނަލް 39 ޕޮއިންޓާ އެކު އެއް ވަނައިގައި އޮތްއިރު ޕޮއިންޓެއް ފަހަތުން ލިވަޕޫލް އޮތީ ތިން ވަނައިގަ އެވެ. ލީގުގެ ދެ ވަނައިގައި އޮތީ ރޭ ޝެފީލްޑް ޔުނައިޓެޑާ ވާދަކޮށް 1-1 އިން އެއްވަރުވި އެސްޓަން ވިލާ އެވެ.

އިނގިރޭސި ލީގު ކަޕްގައި މިދިޔަ ހަފްތާ 1-5 އިން ވެސްޓް ހޭމް ޔުނައިޓެޑް ބަލިކުރި މެޗަށް ފަހު ކްލޮޕް ވަނީ އެ ޓީމުގެ ސަޕޯޓަރުން ދިން ތަރުހީބަށް ފާޑު ކިޔައިފަ އެވެ. ކްލޮޕް ބުނީ އެ މެޗުގައި ސަޕޯޓަރުން ތިބީ މާ މަޑުން ކަމަށެވެ.

“އާސެނަލް މެޗުގައި އެންފީލްޑްގެ ފޯރި ދައްކާލަން އެބަޖެހޭ. ސަޕޯޓަރުންގެ ފަރާތުން އަހަރެން ބޭނުންވާ ކަމަކީ އެއީ” މިރޭ ކުޅޭ ވާދަވެރި މެޗުގެ ކުރިން ކްލޮޕް ބުންޏެވެ.

ލިވަޕޫލް ދަނޑުގައި ކުޅޭ މެޗުގެ ކުރިން އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ވެސް ވަނީ އެ ދަނޑުގައި އޮންނަ ފޯރީގެ ވާހަކަ ދައްކައިފަ އެވެ.

“އެއީ އާދަޔާހިލާފު ސްޓޭޑިއަމެއް. އޯލްޑް ޓްރެފޯޑެކޭ އެއްގޮތަށް އެންފީލްޑްގައި ވެސް ފެންނަނީ ތަފާތު މާހައުލެއް. އިންގްލެންޑުގައި އެގޮތަށް އޮންނަނީ މަދު ސްޓޭޑިއަމެއް. އާސެނަލްގެ އެމިރޭޓްސް އަކީ ވެސް އެފަދަ ތަނެއް” ލިވަޕޫލް ދަނޑުން ނެރޭ ޖޯޝުގެ ވާހަކަ ދައްކަމުން އާޓެޓާ ބުންޏެވެ.

މިދިޔަ ސީޒަނުގައި ލިވަޕޫލް ދަނޑުގައި އާސެނަލް ދެ ލަނޑުގެ ލީޑެއްގައި އޮއްވައި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. ލިވަޕޫލް ދަނޑުގައި ލީގު މެޗަކުން އާސެނަލް މޮޅުނުވާތާ މިހާރު 11 އަހަރު ވަނީ ވެފަ އެވެ.

މިރޭގެ މެޗުން މޮޅުވެގެން ލިވަޕޫލަށް އަލުން އެއް ވަނަ މަގާމަށް އެރޭނެ އެވެ.

“މިއީ އަދި 18 ވަނަ މެޗު. ބާކީ 20 މެޗު އެބައޮތް. މިރޭ މޮޅުވިޔަސް ލީގެއް ނުލިބޭނެ. އެކަމަކު މިއީ ވަރަށް މުހިއްމު މެޗެއް. އަހަރެންގެ ވިސްނުން ހުރީ މި މެޗަށް. ސީޒަނުގެ ބާކީ ބަޔަކަށް ނޫން” ކްލޮޕް ބުންޏެވެ.

މިދިޔަ ސީޒަނުގައި ދެއްކި މޮޅު ކުޅުން ތަކުރާރުކޮށް އާސެނަލް އަންނަނީ މި ސީޒަނުގެ ލީގުގައި ވެސް ރަނގަޅު ނަތީޖާތަކެއް ނެރެމުންނެވެ. މިދިޔަ ސީޒަނުގައި އެޓީމު އަތުން ލީގު ގެއްލުނީ ފަހުވަގުތު އެވެ. ލީގު ނިމެން ދޮޅު މަހަށް ވީއިރުވެސް އާސެނަލް އޮތީ އަށް ޕޮއިންޓުގެ ލީޑުގަ އެވެ. އެކަމަކު ފަހު މެޗުތަކުން ޕޮއިންޓް ގެއްލުމުން ލީގު ޗެމްޕިއަންކަން ހޯދީ މެންޗެސްޓާ ސިޓީ އެވެ.

އާސެނަލް އަށް ޕްރިމިއާ ލީގު އެންމެ ފަހުން ކާމިޔާބުކުރެވުނީ 2004 ވަނަ އަހަރު އެވެ. އޭގެފަހުން ލީގު ހޯދޭ ފެންވަރުގެ ރަނގަޅު ވާދައެއް އެޓީމަށް ކުރެވެން ފެށީ އާޓެޓާގެ ކޯޗުކަމުގަ އެވެ.

ލިވަޕޫލް ދަނޑުގައި އާސެނަލްއާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 10:30 ގަ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *