އެފްއޭއެމްގެ އިންތިހާބު ޖެނުއަރީގައި ބާއްވަން ނިންމައި ބައްސާމް ޓާޓާ ކިޔަނީ
ފެއިލްވެފައިވާ ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އިންތިހާބު 45 ދުވަސްތެރޭ ބާއްވަން ނިންމައި، އެ އިންތިހާބުގައި ވާދަނުކުރަން އެފްއޭގެ ރައީސް ބައްސާމް އަދީލް ޖަލީލް ނިންމައިފި އެވެ.
އެފްއޭއެމްގައި ބައްސާމް ހޭދަކުރާ ދެ ވަނަ ދައުރު ހަމަވާން އަދި ހަ ވަރަކަށް މަސް އެބައޮތެވެ. އެކަމަކު ކުއްލިއަކަށް އެ އިދާރާއިން މިއަދު އާއްމުކުރި އިއުލާންގައި ބުނީ އެފްއޭއެމްގެ ހިންގާ ކޮމިޓީގެ 20 ވަނަ ބައްދަލުވުމުގައި އާ އިންތިހާބު 45 ދުވަސްތެރޭ ބާއްވަން ނިންމާފައިވާކަމަށެވެ.
އެފްއޭއެމްގެ ބަޔާނުގައި ބުނީ އާ އިންތިހާބު އޮންނާނީ އަންނަ ޖެނުއަރީ މަހުގެ 31 ވާ ބުދަ ދުވަހު ކަމަށެވެ. އެއާއެކު އަސާސީ ގަވާއިދުގައިވާ ގޮތުގެ މަތީން ޑިސެމްބަރު 27 ވަނަ ދުވަހުގެ 14:00 ގެ ކުރިން އެފްއޭއެމްގެ މަގާމްތަކަށް ކުރިމަތިލާން ވަނީ ހުޅުވާލާފަ އެވެ.
އަންނަ މަހު ބާއްވާ އިންތިހާބުގެ ހުރިހާ ކަމެއް ހިންގާނީ އެ އިދާރާގެ “އިލެކްޓޯރަލް ކޮމިޓީ” އިން ކަމަށް އެފްއޭއެމް އިން ވަނީ ބުނެފަ އެވެ.
ނެރުނު ބަޔާނާ ގުޅިގެން ދެން އޮންނަ އިންތިހާބުގައި ބައްސާމް ވާދަކުރާނަންތޯ، އެފްއޭއެމްގެ މީޑިއާ ގްރޫޕްގައި ނޫސްވެރިއަކު އެހުމުން ބައްސާމް ވަނީ ޖަވާބުގައި ނޫސް ބަޔާނެއް ނެރެފަ އެވެ. ބައްސާމްގެ ބަޔާނުގައި ބުނެފައިވަނީ އެފްއޭއެމް އާ ލީޑަޝިޕެއްގެ ދަށުން ކުރިއަށް ގެންދަން ފެންނާތީ އިންތިހާބުގައި ވާދަނުކުރާނެ ކަމަށެވެ.
ބައްސާމް ބުނީ އޭނާގެ ދައުރުގައި އެތައް ކާމިޔާބީއަކާއި “ކުޅިވަރުގެ ކަންކަން ހިނގާ ބީދައިން” އެތައް ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހުނު ކަމަށެވެ.
“އެހެންކަމުން ދިވެހި ފުޓްބޯޅައަށް ފާގަތި ދުވަސްތަކެއް ހޯދައިދިނުމަކީ އަޅުގަނޑުގެވެސް އުއްމީދެއް. އެކަން ހާސިލްކުރުމަށް އަޅުގަނޑުވެސް އެތަކެއް މަސައްކަތްތަކެއް ކޮށްފައިވާނެ. ވުމާއެކު ދިވެހި ފުޓްބޯޅަ އާ ޒައާމަތެއްގެ ގިޔާދަތުގެ ދަށުން ކުރިއަށް ގެންދިއުމަށް ފުރުސަތު ދިނުމަކީ އެންމެ ރަނގަޅު ކަމެއްކަމުގަ ދެކޭ ހާލު، ކުރިއަށް މިއޮތް އެފްއޭއެމްގެ އިންތިހާބުގައި އަޅުގަނޑު ވާދަނުކުރާނެކަން އިއުލާން ކުރަން”
އެފްއޭއެމްގެ ފަރާތުން ކުރިއަށް ގެންދާނީ މިނިވަން އިންސާފުވެރި އިންތިހާބެއް ކަމަށް ބަޔާނުގައި ވަނީ ބުނެފަ އެވެ.
“އިންތިހާބުގެ ކަންކަން އިލެކްޓޯރަލް ކޮމިޓީގެ ބެލުމުގެ ދަށުން ކުރިއަށް ގެންދެވޭނެ ވާހަކަވެސް ފާހަގަކުރަން. އަދި އިދާރީ ހިންގުމުގެ ކަންކަން ނައިބު ރައީސް އާއި ޖެނެރަލް ސެކްރެޓަރީގެ ބެލުމުގެ ދަށުން ހިންގަމުންދާނެކަން ދަންނަވަން” އިންތިހާބާ ގުޅޭގޮތުން ބައްސާމް ނެރުނު ނޫސް ބަޔާނުގައި ބުނެފައިވެ އެވެ.
އެފްއޭއެމް އިން ކުއްލިއަކަށް އިންތިހާބް އިއުލާން ކުރިއިރު، ބައްސާމް މަގާމުން ބޭރުކުރަން ބޭނުންވާ ސޮއި ހަމަކުރުމުގެ މަސައްކަތް މަހިބަދޫ ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ތޯރިގު (ޓޮމް) އިސްވެހުރެ އަންނަނީ ކުރަމުންނެވެ.
އިންތިހާބެއް ނުބާއްވައި ކުރިއަށް އޮތް ހަ މަހު މަގާމުގައި ދެމިހުންނަން ވިސްނައިފި ނަމަ ބައްސާމް އަށް އޮތް ބިރަކީ ކްލަބްތަކުގެ އިތުބާރު ނެތްކަމުގެ ވޯޓާ އެކު މަގާމް ގެއްލުމެވެ. އަނެއްކޮޅުން ހިންގާ ކޮމިޓީގެ ގިނަ މެމްބަރުންތަކެއް އިސްތިއުފާ ދީފައިވާތީ މިހާރު އޮތް ކޮމިޓީ އުވިގެން ދިއުމުގެ ބިރު ވެސް ބައްސާމް އަށް އެބައޮތެވެ.
ފީފާ އާއި އޭއެފްސީ އިން އެފްއޭއެމް އަށް ފޮނުވާ ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާ ކަމުގެ ތުހުމަތާއި ގުޅިގެން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ އެންގުމަކަށް ދިވެހި ފުލުހުންގެ ހިދުމަތުން އަންނަނީ އެ އިދާރާގެ މައްސަލަތައް ތަހުގީގް ކުރަމުންނެވެ. ތަހުގީގާ ގުޅިގެން ބައްސާމަށް ބޮޑެތި ތުހުމަތުތަކެއް ކުރެވޭތީ މިހާރު އޭނާގެ ޕާސްޕޯޓް ވަނީ ހިފަހައްޓައިފަ އެވެ.
އެފްއޭއެމްގެ ރައީސްކަމުގައި ބައްސާމް ދެ ވަނަ ދައުރު ފުރިހަމަކުރަމުން އަންނައިރު އެ އިދާރާ އޮތީ ނުހިންގޭ ވަރަށް ނިކަމެތިވެފަ އެވެ. މުވައްޒަފުންނަށް މުސާރަ ނުދެވޭއިރު އެފްއޭއެމްގެ މުބާރާތްތައް ވެސް އޮތީ ހުއްޓިފަ އެވެ. ބައްސާމާ އެކު އެފްއޭއެމްގެ ލީޑަޝިޕް ފެއިލްވުމުން ގިނަ ބަޔަކު އަންނަނީ އޭނާގެ އިސްތިއުފާ އަށް ގޮވަމުންނެވެ.
Advertisement
Leave a Reply