ބާސެލޯނާ އަށް ދެރަ ދުވަސްތަކެއް، ރޭ ވެސް މޮޅެއް ނުލިބުނު
ސްޕެނިޝް ލީގުގައި ރޭ ބާސެލޯނާ ރަށުން ބޭރުގައި ވެލެންސިއާއާ ދެކޮޅަށް ކުޅުނު މެޗު 1-1 އިން އެއްވަރުވެއްޖެ އެވެ.
ބާސެލޯނާ އަށް މޮޅެއް ނުލިބުމާ އެކު ލީގު ރޭހުގައި ކުރިއަށް ދިއުމަށް އެޓީމަށް ވަނީ އުނދަގޫވެފަ އެވެ. އެޓީމަށް 17 މެޗުން ލިބުނު 35 ޕޮއިންޓާ އެކު އޮތީ ތިން ވަނައިގަ އެވެ. އެއް ވަނައިގައި އޮތް ޖިރޯނާއާއާ އެޓީމަށް ދެމެޗު ހަ ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ. ޖިރޯނާ މި ހަފްތާ ކުޅޭ މެޗު ކާމިޔާބު ކޮށްފިނަމަ ބާސެލޯނާއާ ދެމެދު އޮތް ފަރަގު ނުވަ ޕޮއިންޓަށް ބޮޑު ކުރެވެނޭ އެވެ.
ލީގުގެ ދެ ވަނައިގައި އޮތީ 16 މެޗުން 39 ޕޮއިންޓް ހޯދާފައިވާ ރެއާލް މެޑްރިޑެވެ.
ރޭގެ މެޗަށް ބާސެލޯނާ ނުކުތްއިރު އެންމެ ފަހުން ކުޅުނު ދެ މެޗުން ވެސް ވަނީ ބަލިވެފަ އެވެ. މިދިޔަ ހަފްތާ ލީގުގައި އަމިއްލަ ދަނޑުގައި 4-2 އިން ޖިރޯނާ އަތުން ބަލިވިއިރު ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޯޔަލް އަންޓްވާޕްއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވީ 2-3 އިންނެވެ.
ރޭގެ މެޗުގައި ބާސެލޯނާ އަށް ލީޑު ނަގައިދިނީ 55 ވަނަ މިނެޓުގައި ޔާއޯ ފީލިކްސް އެވެ. އެކަމަކު 70 ވަނަ މިނެޓުގައި ވެލެންސިއާގެ ހޫގޯ ގިލަމެން ވަނީ 70 ވަނަ މިނެޓުގައި ނަތީޖާ ހަމަހަމަކޮށްފަ އެވެ.
މެޗުގެ ފަހުކޮޅު ބާސެލޯނާ އިން ވަނީ މޮޅަށް ކުޅޭ ގިނަ ހަމަލާތަކެއް އުފައްދައިފަ އެވެ. އެކަމަކު ބާސެލޯނާ ހުއްޓުވުމުގައި ވެލެންސިއާގެ ގޯލްކީޕަރު މޮޅު ކުޅުމެއް ދެއްކި އެވެ.
ކުރިން ތިން ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑް ރޭ ވަނީ ރަށުން ބޭރުގައި އެތުލެޓިކް ބިލްބާއޯ އަތުން 0-2 އިން ބަލިވެފަ އެވެ. އެ މެޗުން ބަލިވުމުން 34 ޕޮއިންޓާ އެކު އެޓީމު ވަނީ ހަތަރު ވަނަ އަށް ވެއްޓިފަ އެވެ.
Advertisement
Leave a Reply