މާޒިޔާ މޮޅުވެ ލީގު ޗެމްޕިއަން ކަނޑައެޅުން ފަހު މެޗަށް

ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ޓީސީ ސްޕޯޓްސް ކްލަބާ ވާދަކޮށް 0-4 އިން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން މޮޅުވެއްޖެ އެވެ.
ދިވެހި ޕްރިމިއާ ލީގުގައި މި ސީޒަނުގެ ފަހު މެޗުގައި ވާދަކުރާނީ މާޒިޔާ އާއި ކްލަބް އީގަލްސް އެވެ. އެ މެޗު ކުޅޭނީ އަންނަ އަންގާރަ ދުވަހު އެވެ.
ލީގުގެ އެއް ވަނައިގައި މާޒިޔާ އޮތީ 13 މެޗުން 37 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް އީގަލްސް އަށް 13 މެޗުން ލިބިފައިވަނީ 35 ޕޮއިންޓެވެ.
ފަހު މެޗުން ލީގު ޗެމްޕިއަންކަން އީގަލްސް އަށް ލިބޭނީ މާޒިޔާ ބަލިކޮށްގެންނެވެ. މެޗު އެއްވަރުކޮށްލައިގެން ވެސް މާޒިޔާ އަށް ލީގު ޗެމްޕިއަންކަން ކަށަވަރުވާނެ އެވެ.
މިއަދުގެ މެޗާ އެކު ޓީސީ ލީގު ނިންމާލީ 14 މެޗުން 22 ޕޮއިންޓް ހޯދައިގެންނެވެ.
މެޗުގައި މާޒިޔާ އިން ވަނީ ފުރަތަމަ ހާފުގެ ކުރީކޮޅު ތިން ގޯލު ޖަހައިފަ އެވެ. އެ ޓީމުގެ ފަހު ގޯލު ޖެހީ ދެ ވަނަ ހާފުގެ ފަހުކޮޅު އެވެ.
މާޒިޔާގެ ހަތަރު ގޯލުގެ ތެރެއިން ދެ ގޯލު ޖެހީ ސާބިއާގެ ފޯވާޑް ވޮޖިސްލާވް ބަލަބަނޮވިޗް އެވެ. އަނެއް ދެ ގޯލު ޖެހީ ހަމްޒާ މުހައްމަދު (ހަމްޕު) އާއި އިބްރާހީމް އައިސަމް އެވެ. މެޗުގައި ހަމްޕު ގޯލު ޖެހީ ލިބުނު ޕެނަލްޓީއަކުންނެވެ.
މި ސީޒަނުގެ ލީގު ފެށީ 8 ޓީމާ އެކު އެވެ. އެކަމަކު މާލީ މައްސަލަތަކާއި ގުޅިގެން ޓީމު ނުހިންގި ކްލަބް ވެލެންސިއާ އާއި ކްލަބް ގްރީން ސްޓްރީޓްސް ލީގުން ވަކިވީ އެވެ. އެހެންވެ ދެ ވަނަ ބުރުގެ ވަކި ހިސާބަކުން ލީގުގައި ވާދަކުރަމުން އަންނަނީ 6 ޓީމެވެ.
ޓީމުތައް މަދުވުމާ އެކު އެފްއޭއެމް އިން ނިންމީ ލީގުގެ ތިން ވަނަ ބުރު ނުކުޅޭށެވެ.
މާޒިޔާ އާއި އީގަލްސް ފުރަތަމަ ބުރުގައި ކުޅުނު މެޗު ނިމުނީ އެއްވަރުވެގެންނެވެ. އެ ދެޓީމު ވާދަކުރާ ލީގު ފަހު މެޗު ކުޅޭނީ އަންގާރަ ދުވަހުގެ ހަވީރު އެވެ.
Advertisement


Leave a Reply