ފަހު ވަގުތު މޮޅުވެ އާސެނަލް އަށް އެއްވަނައިގައި ލީޑެއް
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލޫޓަން ޓައުންއާ ވާދަކުރި މެޗުން އާސެނަލް ފަހު ވަގުތު 4-3 އިން މޮޅުވެއްޖެ އެވެ.
ގިނަ ގޯލުތަކެއް ފެނުނު މެޗުގެ މޮޅުވި ގޯލު އާސެނަލަށް ކާމިޔާބުކޮށްދިނީ ބޮޑުއަގުގައި އެ ކްލަބާ މި ސީޒަނުގައި ގުޅުނު ޑެކްލަން ރައިސް އެވެ. މާޓިން އޮޑިގާޑް ނަގައިދިން ހުރަސް، ރައިސް ގޯލަށް ވައްދާލީ ބޮލުން ޖަހަ އެވެ.
އާސެނަލް ލީގުގެ އެއް ވަނައިގައި އޮތީ ފަސް ޕޮއިންޓުގެ ލީޑަކާ އެކު އެވެ. އެޓީމަށް 15 މެޗުން 36 ޕޮއިންޓް ލިބިފައިވާއިރު ދެ ވަނައިގައި އޮތް ލިވަޕޫލަށް 14 މެޗުން ލިބިފައިވަނީ 31 ޕޮއިންޓެވެ. ތިން ވަނައިގައި އޮތީ 14 މެޗުން 30 ޕޮއިންޓް ލިބިފައިވާ ޗެމްޕިއަން މެންޗެސްޓާ ސިޓީ އެވެ. ސިޓީ މިރޭ ނުކުންނާނީ 29 ޕޮއިންޓާ އެކު ހަތަރު ވަނައިގައި އޮތް އެސްޓަން ވިލާއާ ދެކޮޅަށެވެ.
ރޭގެ މެޗުގެ 20 ވަނަ މިނެޓުގައި އާސެނަލް ލީޑު ނެގީ ގެބްރިއެލް މާޓިނެލީގެ ގޯލުންނެވެ. އެކަމަކު އޭގެ ފަސް މިނެޓު ފަހުން ލޫޓަން އިން ނަތީޖާ ހަމަހަމަކުރި އެވެ. ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ގެބްރިއެލް ޖީސުސްގެ ގޯލާ އެކު އާސެނަލުން އަލުން ލީޑު ނެގި އެވެ.
ދެ ވަނަ ހާފުގެ ފުރަތަމަ 15 މިނެޓު ލޫޓަން އިން ވަނީ ދެ ގޯލު ޖަހައި ލީޑު ނަގައިފަ އެވެ. އެކަމަކު އާސެނަލުން ވަނީ ހިތްވަރާ އެކު ކުޅެ އިތުރު ދެ ގޯލު ޖަހައި މޮޅުވެފަ އެވެ. މެޗުގެ ފަހު ސިކުންތުގައި ރައިސް މޮޅުވި ގޯލު ޖެހުމުގެ ކުރިން އާސެނަލަށް ނަތީޖާ ހަމަހަމަކޮށްދިން ގޯލު ކާމިޔާބުކޮށްދިނީ ކައި ހަވާޓްޒް އެވެ.
ލީގުގައި މިރޭ ވެސް ފޯރިގަދަ މެޗުތަކެއް ކުޅޭނެ އެވެ. ސިޓީ އާއި އެސްޓަން ވިލާ މެޗުގެ އިތުރުން މިރޭ ކުޅޭ ފާހަގަކޮށްލެވޭ މެޗަކީ ޗެލްސީ އާއި މެންޗެސްޓާ ޔުނައިޓެޑް ވާދަކުރާ މެޗެވެ.
Advertisement
Leave a Reply