ލައިޓްތައް ނިވުނަސް މާޒިޔާ އިން މަގު އަމާންކޮށްފި

ދިވެހި ޕްރިމިއާ ލީގުގައި ރޭ މާޒިޔާ އިން ބުރު ސްޕޯޓްސް ކްލަބް ބަލިކުރި މެޗުގެ ދެ ވަނަ ހާފުގައި ލައިޓްތައް ނިވިގެން ކުޅުން މެދުކަނޑާލަން ޖެހުނަސް، މާޒިޔާ އިން ބޮޑު މޮޅެއް ހޯދައިފި އެވެ.
ފެއިލްވެފައިވާ އެފްއޭއެމުން އިން ހިންގާ ލީގުގައި ރޭ މާޒިޔާ މޮޅުވީ 0-6 އިންނެވެ. މެޗުގެ ދެ ވަނަ ހާފު ފެށިގެން އިރުކޮޅެއްތެރޭ ގަލޮޅު ދަނޑުގެ ލައިޓްތައް ނިވުމުން މެޗު 30 ވަރަކަށް މިނެޓަށް މެދުކަނޑާލަން ޖެހުނެވެ. ނުވައެއް ޖެހިއިރު ފެށި މެޗު ނިންމާލިއިރު ހުރީ 12 ޖަހަން ކައިރިވެފަ އެވެ.
ފަހަކަށް އައިސް ކުޅުނު މެޗުތަކުގައި ގަލޮޅު ދަނޑުގެ ލައިޓް މައްސަލަ ވަނީ ފާހަގަކުރެވިފަ އެވެ. އެހެންވެ ރާއްޖޭގެ ގައުމީ ޓީމުގެ މެޗުތަކާއި ކްލަބްތަކުގެ ބައިނަލްއަގްވާމީ މެޗުތައް ވެސް މިހާރު ކުޅެނީ ހަވީރު އެވެ. ލައިޓްތަކަށް ޖެހުނު މައްސަލައެއް، ހައްލު ކުރުމަށް ކުރަމުންދާ މަސައްކަތެއް އެފްއޭއެމުން ހާމަކޮށްފައެއްނުވެ އެވެ. އެކަމާ ގުޅިގެން ސުވާލެއް ކުރިޔަސް އެފްއޭއެމްގެ ޖަވާބެއް ނުލިބެ އެވެ.
ރޭގެ މެޗުގެ ކޮންމެ ހާފެއްގައި މާޒިޔާ އިން ތިން ގޯލު ޖެހި އެވެ. ހަ ގޯލުގެ ތެރެއިން ތިން ގޯލު ޖެހީ ސާބިއާގެ ފޯވާޑް، ވޮޖިސްލާވް ބަލަބަނޮވިޗް އެވެ.
ފުރަތަމަ ލަނޑު ފުރަތަމަ ހާފުގައި ލިބުނު ޕެނަލްޓީއަކުން ޖެހީ ހަމްޒާ މުހައްމަދު (ހަމްޕު) އެވެ. ދެ ވަނަ ގޯލު ބަލަބަނޮވިޗް ޖެހިއިރު ތިން ވަނަ ގޯލު ޖެހީ ޖަޕާނުގެ މިޑްފީލްޑަރު ޓޮމޯކީ ވާޑާ އެވެ. ދެ ވަނަ ހާފުގެ ކުރީކޮޅު މާޒިޔާ އިން ވަނީ އިތުރު ތިން ގޯލު ޖަހައިފަ އެވެ. އެ ހާފުގައި ބަލަބަނޮވިޗް ދެ ގޯލު ޖެހިއިރު އަނެއް ގޯލު ޖެހީ ނާއިޒް ހަސަން (ދާދު) އެވެ.
މާލީ ހާލަތު ގޯސްވެ ކްލަބް ގްރީން ސްޓްރީޓްސް އާއި ކްލަބް ވެލެންސިއާ ލީގުން ވަކިވާން ނިންމުމުން މިހާރު ލީގުގައި ކުޅެނީ ހަ ޓީމެވެ. އެހެންވެ އެފްއޭއެމުން ނިންމާފައިވަނީ ލީގުގެ ތިން ވަނަ ބުރު ނުކުޅުމަށެވެ.
ދެ ވަނަ ބުރުގެ މެޗުތަކަށް ފަހު ލީގު ނިމޭއިރު، މިހާރު ބާކީ އޮތީ ދެ މެޗެވެ. އެއީ މި މަހުގެ 15 ވަނަ ދުވަހު މާޒިޔާ އިން ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅޭ މެޗާއި މި މަހުގެ 19 ވަނަ ދުވަހު އީގަލްސް އާއި މާޒިޔާ ވާދަކުރާ މެޗެވެ.
ރޭގެ މޮޅާ އެކު ލީގު ހޯދުމުގެ އަމިއްލަ ބާރު އޮތީ މާޒިޔާ އަށެވެ.
މިހާރު ތާވަލުގެ އެއް ވަނައިގައި އޮތީ 13 މެޗުން 35 ޕޮއިންޓް ހޯދާފައިވާ އީގަލްސް އެވެ. ދެ ވަނައިގައި އޮތް މާޒިޔާ އަށް 12 މެޗުން ލިބިފައިވަނީ 34 ޕޮއިންޓެވެ. ލީގުގައި ބާކީ އޮތް ދެ މެޗުން މޮޅުވެގެން މާޒިޔާ އަށް ލީގު ޗެމްޕިއަންކަން ކަށަވަރުވާނެ އެވެ. މާޒިޔާ އިން ޓީސީ ބަލިކޮށްފި ނަމަ، އީގަލްސް އަށް ލީގު ޗެމްޕިއަންކަން ލިބޭނީ ފަހު މެޗުގައި މާޒިޔާ ބަލިކޮށްގެންނެވެ.
Advertisement


Leave a Reply