މުޅި ގޮއިދޫ ހިމޭންވެ، މިލައުތުރު ފުޓްސަލްގެ ރަސްކަން ކަނޑިތީމަށް
ފައިނަލުގައި 3-2 އިން ގޮއިދޫ ބަލިކޮށް ށ. އަތޮޅު ކައުންސިލުން އިންތިޒާމުކުރި މިލައުތުރު ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ށ. ކަނޑިތީމް ހޯދައިފި އެވެ.
ށ. އަތޮޅުގެ 14 ރަށް ބައިވެރިވި މުބާރާތުގެ ޗެމްޕިއަންކަން ކަނޑިތީމު ހޯދީ ފައިނަލުގައި ފެނުނު ވާދަވެރި ކުޅުމަށް ފަހު އެވެ. ފައިނަލް މެޗު ބެލުމަށް ގޮއިދޫ އަށް އަތޮޅުގެ އެތައް ސަތޭކަ ބަޔަކު ވަނީ ގޮސްފަ އެވެ. މެޗު ކުރިއަށްދިޔައީ ހުއްޓުމެއް ނެތި އިވުނު ސަޕޯޓަރުންގެ އަޑާ އެކު އެވެ.
އަމިއްލަ ރަށުގައި ކުޅެމުން ދިޔަ ގޮއިދޫ ކޮޅަށް މެޗުގެ ކުރީކޮޅު ކަނޑިތީމުން ގޯލު ޖެހި އެވެ. އެ ގޯލު ކާމިޔާބުކޮށްދިނީ އިބްރާހީމް ނަދާދު އެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން ގޮއިދޫ އަށް ލިބުނު ޖެހުމަކުން މުހައްމަދު މިސްބާހް ނަތީޖާ ހަމަހަމަކޮށްދިނެވެ. ދަނޑުގެ މެދުން ކަހަލަ ގޮތަކަށް މިސްބާހް ފޮނުވާލި ބާރު ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ.
ދެ ވަނަ ހާފުގައި އަނެއްކާވެސް ކަނޑިތީމުން ލީޑު ނެގި އެވެ. ގޮއިދޫ ގޯލްކީޕަރު އަތުގައި ޖެހިފައި ނުކުތް ބޯޅަ ވައްދާލައިގެން ގޮއިދޫގެ ދެ ވަނަ ލަނޑު ކާމިޔާބުކޮށްދިނީ އާދަމް ތައުފީގް އެވެ. ކަނޑިތީމު ލީޑުގައި އޮއްވައި ގޮއިދޫ އިން އަނެއްކާވެސް ނަތީޖާ ހަމަހަމަކުރި އެވެ. އެ ގޯލު ކާމިޔާބުކޮށްދިނީ މުހައްމަދު އަހުސަމް އެވެ.
އެއްވަރުވާން ދަނިކޮށް މުޅި ގޮއިދޫ ހިމޭންކޮށްލި ލަނޑު މެޗުގެ ފަހު މިނެޓުގައި ޖެހީ ނަދާދު އެވެ. އޭރިޔާ ބޭރުން ނަދާދު އަށް ލިބުނު ބޯޅަ ކައިރީގައި ހުރި ކުޅުންތެރިޔާ ކައިރިން ކަޓުވާލުމަށް ފަހު ތިރިތިރިން ވައްދާލީ ކަނަށެވެ.
ގޯލަށް ފަހު ކަނޑިތީމު މުޅި ޓީމު ވަނީ ސަޕޯޓަރުންނާއި އެކު ވަރަށް ބޮޑަށް އުފާފާޅުކޮށްފަ އެވެ. ފަހު ގޯލު ޖެހިތާ އިރުކޮޅެއް ފަހުން މެޗު ނިމުމާ އެކު ގޮއިދޫ ޓީމާއި އެރަށުގެ ސަޕޯޓަރުން ހިމޭންވި އެވެ.
ޗެމްޕިއަންކަން ހޯދި ކަނޑިތީމް މުބާރާތުގައި ބަލިވީ އެންމެ މެޗަކުންނެވެ. އެއީ ގްރޫޕް ސްޓޭޖުގައި ފޯކައިދޫއާ ދެކޮޅަށް ކުޅުނު މެޗެވެ. ގްރޫޕުގެ ދެ ވަނަ ޓީމުގެ ގޮތުގައި ނޮކްއައުޓް ބުރަށް ދަތުރުކޮށް ކުއާޓާ ފައިނަލުގައި ކަނޑިތީމް މޮޅުވީ ޅައިމަގު އަތުންނެވެ. އޭގެފަހުން ސެމީ ފައިނަލުގައި ވަރުގަދަ މިލަންދޫ ބަލިކުރި އެވެ.
ކަނޑިތީމް ތަށި ހޯދިއިރު އެންމެ މުހިއްމު ދައުރެއް އަދާކުރީ ގްރޫޕް ސްޓޭޖުގެ މެޗުތަކަށް ފަހު އެޓީމާ ގުޅުނު ނަދާދު އެވެ. ޓީމާ ގުޅުމަށް ފަހު ނަދާދު ވަނީ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދާފަ އެވެ. އޭގެތެރޭގައި ފައިނަލް ވެސް ހިމެނެ އެވެ.
މިއަހަރުގެ މުބާރާތް އަތޮޅު ކައުންސިލުން އިންތިޒާމުކުރީ ށ. މާއުނގޫދޫ ކައުންސިލާއި ގޮއިދޫ ކައުންސިލް ގުޅިގެންނެވެ. ގްރޫޕް އޭގެ މެޗުތައް ގޮއިދޫގައި ކުޅުނުއިރު ގްރޫޕް ބީގެ މެޗުތައް ކުޅުނީ މާއުނގޫދޫގަ އެވެ.
މެޗުތައް ކުޅޭނެ އިންތިޒާމުތައް ދެ ރަށުގައި ވެސް ވަރަށް ރަނގަޅަށް ހަމަޖެއްސި އެވެ. ހާއްސަކޮށް ގޮއިދޫ އިން މުބާރާތް ބޭއްވިލެއް ފުރިހަމަކަމުން ގިނަ ބަޔަކު އަންނަނީ އެރަށުގެ ކައުންސިލާއި ރަށު ރައްޔިތުންނަށް ތައުރީފް ކުރަމުންނެވެ. ހިތްދަތި ގޮތަކަށް ފައިނަލުން ބަލިވިޔަސް ގޮއިދޫ އަށް އެންމެންގެ އިހުތިރާމާއި ލޯބި ވަނީ ލިބިފަ އެވެ.
މިއަހަރުގެ މުބާރާތުގެ މެއިން ސްޕޮންސަރަކީ ށ. އަތޮޅު ކައުންސިލެވެ. ކޯ ސްޕޮންސަރުންނަކީ ބޭންކް އޮފް މޯލްޑިވްސް އާއި އައިލެންޑް އެޕެރަލްސް އެވެ. އޮފިޝަލް މީޑިއާ ޕާޓްނަރަކީ ފަހުމިނެޓް އެވެ.
Advertisement
Leave a Reply
-
-
ގޮއިދޫ ޓީމްތަކަށް ސައި ދެނީ މީހަކަށް 3 ހެދިކާ މާއުނގޫދޫ ނީދެ އެސްޓީއޯ ރޭޓް އެއް ގޮއިދޫ ހާ ރަށުތެރެ ރީތި ނޫނަސް މާއުނގޫދޫ އިންތިޒާމް މާ ފުރިހަމަ (ގުރޫޕް އޭ ގެ ޓީމެއްގެ ޕުލޭއަރ އެއް)
ގޮއިދޫ ޓީމްތަކަށް ސައި ދެނީ މީހަކަށް 3 ހެދިކާ މާއުނގޫދޫ ނީދެ އެސްޓީއޯ ރޭޓް އެއް ގޮއިދޫ ހާ ރަށުތެރެ ރީތި ނޫނަސް މާއުނގޫދޫ އިންތިޒާމް މާ ފުރިހަމަ (ގުރޫޕް އޭ ގެ ޓީމެއްގެ ޕުލޭއަރ އެއް)