ޒަމީންގެ ހުށިޔާރުކަމާ އެކު ވަރުގަދަ މިލަންދޫ ބަލިކޮށް، ކަނޑިތީމް ފައިނަލަށް

Advertisement

ޒަމީންގެ ހުށިޔާރުކަމާ އެކު ވަރުގަދަ މިލަންދޫ ބަލިކޮށް، ކަނޑިތީމް ފައިނަލަށް

ފަހުމިނެޓް
ކަނޑިތީމުގެ ގޯލްކީޕަރު ޒަމީން. މިލަންދޫ އަތުން އެރަށް މޮޅުވި މެޗުގައި ތަފާތު މޮޅު ކުޅުމެއް ދެއްކި

ކަނޑިތީމްގެ ގޯލްކީޕަރު އިބްރާހީމް ޒަމީން ދެއްކި އާދަޔާހިލާފު މޮޅު ކުޅުމާ އެކު ވަރުގަދަ މިލަންދޫ ބަލިކޮށް ކަނޑިތީމް މިލައުތުރު ފުޓްސަލް މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފި އެވެ.

މާއުނގޫދޫގައި މިއަދު ހަވީރު ކުޅުނު ސެމީ ފައިނަލުން ކަނޑިތީމް މޮޅުވީ 2-1 އިންނެވެ.

ވިއްސާރައިގެ ސަބަބުން މެޗު ފެށުން ކުޑަކޮށް ލަސްވި ނަމަވެސް ވާދަވެރި ދެ ޓީމުގެ ކުރިމަތިލުން ފެނުނީ ވަރަށް ފޯރިގަދަކޮށެވެ. ދެ ރަށުގެ ސަޕޯޓަރުންގެ އިތުރުން ކައިރި ރަށްރަށުގެ މީހުން ވެސް މެޗު ބެލުމަށް މާއުނގޫދޫ އަށް ދިޔަ އެވެ. ސަޕޯޓަރުންނާ އެކު ދަނޑު ބޭރު އޮތީ ފުރިފަ އެވެ.

މިލަންދޫ ސެމީ ފައިނަލާ ހަމައަށް ދަތުރުކުރީ ކުޅުނު ހުރިހާ މެޗަކުން ފަސޭހަކަމާ އެކު މޮޅުވެގެންނެވެ. ސެމީ ފައިނަލުގެ ކުރިން އެޓީމު ކޮޅަށް ވަނީ ވެސް އެންމެ ގޯލެކެވެ. އެއީ ކުއާޓާ ފައިނަލުގައި ފޭދޫ ޓީމުން ޖެހި ގޯލެވެ. އެކަމަކު މިއަދު ކަނޑިތީމުން މިލަންދޫ ބަލިކުރީ ރަނގަޅު ވާދައެއްކޮށް މޮޅު ކުޅުމެއް ދައްކައިގެންނެވެ.

މެޗުގައި ކަނޑިތީމުގެ ދެ ގޯލު ވެސް ޖެހީ މުހައްމަދު ޝާން އެވެ. ދެ ގޯލު ވެސް ޖެހީ ފަސް ފައުލް ހަމަވެގެން ލިބުނު ޕެނަލްޓީތަކުންނެވެ. ޗާންގެ ޕެނަލްޓީ އިން ފުރަތަމަ ހާފު ކަނޑިތީމުން ނިންމާލީ ލީޑުގައި އޮވެގެންނެވެ. އެކަމަކު ދެ ވަނަ ހާފު ފެށިގެން އިރުކޮޅެއް ނުވެ އިބްރާހީމް ޒާހީގެ ގޯލުން މިލަންދޫ އެއްވަރުކުރި އެވެ.

ދެ ވަނަ ހާފުގައި މޮޅަށް ކުޅެ ގިނަ ހަމަލާ އުފެއްދީ މިލަންދޫ އިންނެވެ. އެކަމަކު ހުށިޔާރު ކީޕަރު ޒަމީން ފޫއަޅުވާލަން މިލަންދޫ އަށް އުނދަގޫވީ އެވެ. ދެ ވަނަ ހާފުގައި ޒަމީން ވަނީ މިލަންދޫ ޓީމުން އުފެއްދި ނުރައްކާތެރި ނުވަ ވަރަކަށް ހަމަލާ ހުށިޔާރުކަމާ އެކު މަތަކޮށްފަ އެވެ.

ދެ ވަނަ ހާފުގެ ފަހުކޮޅު މިލަންދޫ އަށް ލިބުނު ޕެނަލްޓީ ވެސް ޒަމީން މަތަކުރީ މޮޅަށެވެ. އޭނާ އަތުގައި ޖެހިފައި ނުކުތް ބޯޅަ ދެ ވަނަ ފަހަރަށް ފޮނުވާލުމުން ވެސް ހުއްޓުވި އެވެ.

ކަނޑިތީމް މޮޅުވި ގޯލު ޕެނަލްޓީ އިން ޝާން ކާމިޔާބުކުރީ މެޗު ނިމެން އިރުކޮޅަކަށް ވެފައިވަނިކޮށެވެ. އޭނާ ފޮނުވާލި ޕެނަލްޓީ ވަނީ ގޯލުގެ މަތީ ކަނަށެވެ. ޝާން އަކީ މިފަހަރުގެ މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ކުޅުންތެރިއެކެވެ. ގޯލަށް ފަހު ކަނޑތީމުން ލީޑުގައި ހިފަހައްޓައި ތާރީހީ މޮޅު ހޯދި އެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ކީޕަރު ޒަމީން އެވެ.

މޮޅަށް ފަހު ކަނޑިތީމުގެ ރައްޔިތުން ވަނީ ޓީމާ އެކު އުފާފާޅުކޮށްފަ އެވެ. ސީދާ ތައްޓަށް އަމާޒުހިފައިގެން މޮޅު ކުޅުމެއް ދައްކައި އައި މިލަންދޫ ބަލިވުމުން އެ ޓީމުގެ ކުޅުންތެރިންގެ ފަރާތުން ފެނުނީ މާޔޫސްކަމެވެ.

ފޯރިގަދަ ފުޓްސަލް މުބާރާތުގެ މެއިން ސްޕޮންސަރަކީ މުބާރާތް އިންތިޒާމުކުރާ ށ. އަތޮޅު ކައުންސިލެވެ. އޮފިޝަލް މީޑިއާ ޕާޓްނަރަކީ ފަހުމިނެޓް އެވެ.

ފައިނަލުގައި ކަނޑިތީމް ނުކުންނާނީ ގޮއިދޫއާ ދެކޮޅަށެވެ. ސެމީގައި ގޮއިދޫ މިއަދު ވަނީ ނަރުދޫ 1-2 އިން ބަލިކޮށްފަ އެވެ. ފައިނަލް މެޗު ކުޅޭނީ އަންނަ އާދީއްތަ ދުވަހުގެ ހަވީރު ގޮއިދޫގަ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *