ފުރުސަތު ހަނިވިއަސް ޔުނައިޓެޑްގެ މިސްރާބު ހުރީ ރަނގަޅަށް: ޓެން ހާގް

Advertisement

ފުރުސަތު ހަނިވިއަސް ޔުނައިޓެޑްގެ މިސްރާބު ހުރީ ރަނގަޅަށް: ޓެން ހާގް

ފަހުމިނެޓް

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ތުރުކީގެ ގަލަޓަސާރާއިއާ ދެކޮޅަށް މެންޗެސްޓާ ޔުނައިޓެޑް ކުޅުނު މެޗު އެއްވަރުވެ މުބާރާތުގެ ނޮކައުޓް ސްޓޭޖަށް އަމިއްލަ ބާރުގައި ދިއުމުގެ ފުރުސަތު ގެއްލުނު ނަމަވެސް ޓީމުގެ މިސްރާބު ހުރީ ރަގަޅަށް ކަމަށް ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގު ބުނެފިއެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް އެޗް ގައި ރޭ ގަލަޓަސަރާއިއާ ވާދަކޮށް މެންޗެސްޓާ ޔުނައިޓެޑް ކުޅުނު މެޗު ނިމުނީ 3-3 އިން އެއްވަރުވެގެންނެވެ. މި ނަތީޖާއާއެކު ޔުނައިޓެޑް މިވަގުތު އޮތީ ގްރޫޕްގެ އެންމެ ފުލުގައެވެ. 13 ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނައިގައި އޮތީ ބަޔާން މިޔުނިކެވެ. ގްރޫޕްގެ ދެވަނަ އަދި ތިންވަނައިގައި އޮތް ކޯޕަން ހޭގަން އާއި ގަލަޓަސާރާއިއަށް ލިބިފައި ވަނީ 5 ޕޮއިންޓެވެ. ގްރޫޕްގައި ކޮންމެ ޓީމަކަށްވެސް ބާކީ އެއް މެޗު އޮތްއިރު ޔުނައިޓެޑަށް ލިބިފައި އޮތީ އެންމެ 4 ޕޮއިންޓެވެ.

Advertisement

ގްރޫޕްގެ ފަހު މެޗުގައި ޔުނައިޓެޑުން އަމިއްލަ ރަށުގައި ބަޔާން މިއުނިކާ ވާދަކުރަން ހަމަޖެހިފައި އޮތްއިރު ޔުނައިޓެޑަށް ކިރިޔާވެސް ފުރުސަތެއް އޮތީ ބަޔާން މިޔުނިކް ބަލިކޮށްގެންނެވެ. އެކަމަކު ކޯޕަން ހޭގަންއާއި ގަލަޓަސަރާއީ ވާދަކުރާ މެޗުން ދެ ޓީމުންކުރެ ކޮންމެ ޓީމެއް މޮޅުވިޔަސް ޔުނައިޓެޑަށް ގަދަ 16 ގެ ފުރުސަތު ގެއްލޭނެއެވެ.

ރަށުން ބޭރުގައި ރޭ ޔުނައިޓެޑުން ކުޅުނު މެޗުގައި ފުރަތަމަ ދެ ގޯލުވެސް ޖެހީ އެ ޓީމުންނެވެ. މެޗު ފަށައިގެން 11 ވަނަ މިނެޓްގައި އަލެހަންދްރޯ ގާނާޗޯ ޔުނައިޓެޑަށް ލީޑް ހޯދައިދިންއިރު އޭގެ ހަތް މިނެޓް ފަހުން ބްރޫނޯ ފެނާންޑެސް ވަނީ އިތުރު ގޯލެއް ޖަހައި ޔުނައިޓެޑަށް ލީޑް ފުޅާކޮށްދީފައެވެ. އެކަމަކު މެޗުގެފުރަތަމަ ހާފު ނިމުމުގެ ކުރިން ގަލަޓަސަރާއިގެ ހަކިމް ޒިޔެޝް ގޯލެއް ޖަހައި ނަތީޖާގެ ފަރަގު ކުޑަކުރިއެވެ. މެޗްގެ ފަހު ހާފު ފަށައިގެން 10 ވަނަ މިނެޓްގެ ތެރޭގައި ޔުނައިޓްޑްގެ ސްކޮޓް މެކްޓޮމިނޭ ލަނޑެއް ޖަހައި އަނެއްކާވެސް ޔުނައިޓެޑަށް ލީޑު ފުޅާކޮށްދިނެވެ.

ޔުނައިޓެޑުން ރޭގެ މެޗުގައި ރަގަޅު ކުޅުމެއް ދެއްކި ނަމަވެސް އެ ޓީމުގެ ގޯލުކީޕަރު އެންޑްރޭ އޮނާނާ އަށް ހެދުނު ބޮޑެތި ގޯސްތަކާއެކު މެޗުގެ 62 ވަނަ މިނެޓްގައާއި 71 ވަނަ މިނެޓްގައި ގަލަޓަސަރާއިން ޖެހި ދެ ގޯލާއެކު ޔުނައިޓެޑް ގްރޫޕްގެ ފުލުން އަރަން ލިބުނު ފުރުސަތު ގެއްލުނެވެ. ޒިޔެޝް ފޮނުވާލި ހިލޭޖެހުމެއް އަންޑްރޭ އޮނާނާ ގައިގައި ޖައްސާފައި ގޯލަށް ފޮނުވާލައި ފަރަގު ކުޑަކުރިއިރު އެއްވަރުކުރި ގޯލު ޖަހައިދިނީ މުހައްމަދު ކަރީމް އެވެ.

ރޭގެ މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގު ބުނީ ޓީމަށް ދިމާވި ކަންތައްތަކުގެ ޒިންމާ އޭނާ ނަގާ ކަމަށާއި، ޓީމަށް ކުރިއެުން ލިބެމުން އަންނަ ކަމަށެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގައި ދެ ގޯލުގެ ލީޑެއް ހޯދައިފައިވަނިކޮށް ގަލަޓަސަރާއިން މެޗު އެއްވަރުކުރި ގޮތަށް އެންމެފަހުން ރަށުން ބޭރުގައި ކޯޕަން ހޭގަންއާ ދެކޮޅަށް ކުޅުނު މެޗުގައިވެސް ޔުނައިޓެޑަށް ކަންދިމާވިއެވެ. އެ މެޗުގައި ކޯޕަންހޭގަން އަތުން ޔުނައިޓެޑް 4-3 އިން ބަލިވީ މެޗުގެ ވަރަށް ކުރީކޮޅު ދެ ގޯލުގެ ލީޑެއް ޔުނައިޓެޑުން ނަގާފައިއޮއްވައެވެ. ގާތްގާތުގައި މިހެން ދިމާވި ނަމަވެސް ޔުނައިޓެޑްގެ ކޯޗު ބުނެފައިވަނީ ޓީމު ކުރިއަށްދަނީ ރަގަޅު މިސްރާބަށް ކަމަށެވެ.

“މި ބަލީގެ ޒިންމާ އަހަރެން ނަގަން. މިއީ ޕްރޮޖެކްޓެއް. އަހަރެމެން މިދަނީ ކުރިއަށް. އަދި ޓީމަށް އަންނަނީ ކުރިއެރުން ލިބެމުން. އެކަމުގެ ސަބަބުން އަހަރެމެންނަށް ވަރަށް ބޮޑު އުންމީދެއް އެބަ ލިބޭ.” ޓެން ހާގު ބުނެފައިވެއެވެ.

“އަހަރެމެމެން މިދަނީ ރަގަޅު ދިމާލަށް. އަހަރެމެންނަށް އެނގޭ އަހަރެމެން ދާންވީ ކޮން ދިމާލަކަށް ކަން. އެ ހިސާބަށް ދާން މިކުރާ މަސައްކަތްތަކާއެކު ކުރިއަށް އޮތް ތަނުގައި ކާމިޔާބު ލިބޭނެ.”

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *