ޗެމްޕިއަން ކަޓުވާލުމަށް ފަހު، ގޮއިދޫ އަށް ސެމީ ފައިނަލުގެ އުފާވެރިކަން

Advertisement

ޗެމްޕިއަން ކަޓުވާލުމަށް ފަހު، ގޮއިދޫ އަށް ސެމީ ފައިނަލުގެ އުފާވެރިކަން

ފަހުމިނެޓް
ގޮއިދޫ އާއި ފުނަދޫ ވާދަކުރި މެޗުގެ ތެރެއިން. ފޮޓޯ: ގޮއިދޫ ފުޓްސަލް

މިލައުތުރު ފުޓްސަލް މުބާރާތުގެ ކުއާޓާ ފައިނަލުގައި އެންމެ ފަހުގެ ޗެމްޕިއަން ފުނަދޫ ކަޓުވާލުމަށް ފަހު މުބާރާތް ބާއްވާ ގޮއިދޫ ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.

އަމިއްލަ ސަޕޯޓަރުން ކުރިމަތީ ގޮއިދޫ އިން ފުނަދޫ ބަލިކުރީ މެޗު 0-0 އިން އެއްވަރުވުމުން ޖެހި ޕެނަލްޓީގައި 4-2 އިން މޮޅުވެގެންނެވެ.

Advertisement

ޕެނަލްޓީގައި ގޮއިދޫ އިން ވަނީ ހަތަރު ޕެނަލްޓީ ކާމިޔާބުކޮށްފަ އެވެ. ފުނަދޫ އިން ޖެހި ހަތަރު ޕެނަލްޓީގެ ތެރެއިން ވައްދާލެވުނީ ދެ ޕެނަލްޓީ އެވެ. އެޓީމުގެ އަހުމަދު ހަމީސް ޖެހި ޕެނަލްޓީ ގޮއިދޫގެ ގޯލްކީޕަރު އަބްދުﷲ ރިލްވާން ވަނީ މަތަކޮށްފަ އެވެ. ފުނަދޫ ބަލިވީ މުހައްމަދު މަމްދޫހް ޖެހި ޕެނަލްޓީ ބޭރަށް ދިއުމުންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ގޮއިދޫ ޓީމުގެ މުހައްމަދު އަހުސަމް އެވެ.

ޕެނަލްޓީ ޖަހައިގެން މޮޅުވުމުން ގޮއިދޫ ކުޅުންތެރިން އުފާފާޅުކުރަނީ. ފޮޓޯ: ގޮއިދޫ ފުޓްސަލް

ފުނަދޫ އަކީ މިދިޔަ އަހަރުގެ ޗެމްޕިއަނުންނެވެ. ފައިނަލުގައި މިދިޔަ އަހަރު ފުނަދޫ މޮޅުވީ ނަރުދޫއާ ވާދަކޮށެވެ. މިއަދު ކުއާޓާ ފައިނަލުގައި ނަރުދޫ ވަނީ 1-2 އިން ފޯކައިދޫ ބަލިކޮށް ސެމީ އަށް ދަތުރުކޮށްފަ އެވެ.

ފުނަދޫ އިން މެޗުގައި ލީޑު ނެގީ މުހައްމަދު ރިޝްވާން ޖެހި ގޯލުންނެވެ. ނަރުދޫ އިން ނަތީޖާ އަނބުރާލީ ދެ ވަނަ ހާފުގަ އެވެ. ނަރުދޫގެ ފުރަތަމަ ގޯލު މުހައްމަދު ނާއިޒް ޖެހިއިރު މޮޅުވި ގޯލު ޖެހީ މުހައްމަދު އަޒުމޫން އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ނަރުދޫ ޓީމުގެ އަޒުމޫން އެވެ.

ފޯކައިދޫ އާއި ނަރުދޫ ވާދަކުރި މެޗުގެ ތެރެއިން. ނަރުދޫ ވަނީ ސެމީ އަށް ދަތުރުކޮށްފަ. ފޮޓޯ: ގޮއިދޫ ފުޓްސަލް

މުބާރާތުގެ ސެމީގައި ގޮއިދޫ އާއި ނަރުދޫ ވާދަކުރާ މެޗު އޮންނާނީ އަންނަ ހުކުރު ދުވަހު ގޮއިދޫގަ އެވެ. މެޗު ފަށާނީ އެދުވަހު ހަވީރު 4:30 ގަ އެވެ. އަނެއް ސެމީގައި ވާދަކުރާނީ މިލަންދޫ އާއި ކަނޑިތީމު އެވެ.

ށ. އަތޮޅު ކައުންސިލުން އިންތިޒާމުކުރާ މުބާރާތުގެ އޮފިޝަލް މީޑިއާ ޕާޓްނަރަކީ ފަހުމިނެޓް އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *