ރޮނާލްޑޯ އެދިގެން ޕެނަލްޓީ ކެންސަލް ކުރުމުން ޓީމަށް ގެއްލުން

އޭއެފްސީ ޗެމްޕިއަންސް ލީގުގައި ރޭ ސައުދީ އަރަބިއާގެ އަލް ނަސްރު އަމިއްލަ ދަނޑުގައި އިރާނުގެ ޕާސިޕޯލިސް އާ ދެކޮޅަށް ކުޅެ ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވި މެޗުގައި އެޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ލިބުނު ޕެނަލްޓީ އޭނާ ގަބޫލު ނުކޮށް ދޫކޮށްލައިފި އެވެ.
މެޗުގެ ދެ ވަނަ މިނެޓުގައި އޭރިއާ ތެރެއިން ޕާސިޕޯލިސްގެ ކުޅުންތެރިއަކު ރޮނާލްޑޯ އަތުން ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި ފައުލް ކުރި ކަމަށް ބަލައި ޗައިނާގެ ރެފްރީ މާ ނިން ވަނީ ލަހެއް ނުވެ ޕެނަލްޓީއެއް ކަމަށް ނިންމައިފަ އެވެ. ނަމަވެސް ދެން ފެނުނީ ޕާސިޕޯލިސްގެ ކުޅުންތެރިންނާ އެކު ރޮނާލްޑޯ ވެސް ރެފްރީ ގާތަށް ގޮސް އެއީ ޕެނަލްޓީއެއް ނޫން ކަމަށް ބުނާ މަންޒަރެވެ.
އެހެން ނަމަވެސް ރެފްރީ ޕެނަލްޓީ ނުދޭން ނިންމީ ވީއޭއާރު މޮނީޓަރުން ރީޕްލޭ ބެލުމަށް ފަހު އެވެ.

ރެފްރީ ޕެނަލްޓީ ދޭން ނިންމުމުން ރޮނާލްޑޯ ވަނީ ޕާސިޕޯލިސް ކުޅުންތެރިންނާ އެކު ރެފްރީ ގާތަށް ގޮސް ޕެނަލްޓީއެއް ނޫން ކަމަށް ބުނެފަ.
ދުނިޔޭގެ އެންމެ ނުފޫޒު ގަދަ ފުޓްބޯޅަ ކުޅުންތެރިން ކަމަށްވާ ރޮނާލްޑޯ އާއި އާޖެންޓީނާގެ ލިއޮނެލް މެސީ، ގިނަ ކާމިޔާބީތަކަކާ އެކު މިއަހަރު ވަނީ ޔޫރަޕްގެ ފުޓްބޯޅަ ދޫކޮށްލައިފަ އެވެ. ނަމަވެސް ސަޕޯޓަރުންގެ މެދުގައި ދެ ކުޅުންތެރިން އަޅާކިޔުން އަދިވެސް ނުހުއްޓެ އެވެ.
ޕެނަލްޓީއަކުން ގޯލެއް ޖަހާ ފަހަރަކު ރޮނާލްޑޯ އަށް “ޕެނާލްޑޯ” ގެ ނަމުން ދިމާކޮށް ހަދާއިރު، މެސީ އާ ދިމާއަށް “ޕެސީ” އޭ ގޮވައި ދިމާކުރެ އެވެ. އެކަމަކު ރޭގެ މެޗުގައި ރޮނާލްޑޯ އޭނާ އަށް ރެފްރީ ދިން ޕެނަލްޓީ އެއީ ސައްހަ ޕެނަލްޓީއެއް ނޫން ކަމަށް ބުނާ މަންޒަރާ އެކު ރޮނާލްޑޯގެ ތެދުވެރިކަމަށް ގިނަ ބަޔަކު އަންނަނީ ތައުރީފް ވެސް ކުރަމުންނެވެ.
ރޭގެ މެޗުގެ 17 ވަނަ މިނެޓުގައި ނަސްރުގެ ޑިފެންޑަރު އަލީ ލަޖަމީ އަށް ސީދާ ރަތް ކާޑެއް ދެއްކުމާ ގުޅިގެން އެޓީމުން މެޗު ފުރިހަމަ ކުރަން ޖެހުނީ އެކަކު މަދުކޮށެވެ. އަދި މެޗުގެ ފުރިހަމަ ވަގުތު ހަމަވާން 10 ވަރަކަށް މިނިޓަށް ވެފައި ވަނިކޮށް ރޮނާލްޑޯގެ ކަރަށް އަނިޔާވެގެން އޭނާ ބަދަލު ކުރި އެވެ.

ރޮނާލްޑޯގެ ކަރަށް އަނިޔާ ވެގެން މެޗުގެ ފަހު ވަގުތު ވަނީ ބަދަލުކުރަން ޖެހިފަ.
މި ނަތީޖާއާ އެކު ވެސް ނަސްރު ވަނީ ގުރޫޕްގެ އެއް ވަނަ ޓީމުގެ ގޮތުގައި ގަދަ 16 އަށް ދަތުރު ކޮށްފަ އެވެ. ގުރޫޕް ސްޓޭޖުގައި ބާކީ އެއް މެޗު އޮއްވައި ނަސްރުން ވަނީ މެޗަކުން ބަލިނުވެ، ފަސް މެޗުން 13 ޕޮއިންޓް ހޯދައިފަ އެވެ. ދެ ވަނައިގައި އޮތީ އަށް ޕޮއިންޓް ހޯދާފައިވާ ޕާސިޕޯލިސް އެވެ.
ކޮންމެ ގުރޫޕަކުން ވެސް ދެ ވަނައަށް ދާ ޓީމުތަކުގެ ތެރެއިން ގަދަ 16 އަށް ދަތުރު ކުރާނީ ހުޅަނގާއި އިރުމަތީ ސަރަހައްދުގެ ގުރޫޕުތައް ވަކިން، ކޮންމެ ސަރަހައްދަކުން ވެސް އެންމެ ނަތީޖާ ރަނގަޅު ތިން ޓީމެވެ.
ނަސްރާއި ޕާސިޕޯލިސްއާ އެކު ގުރޫޕް އީ ގައި ހިމެނޭ ގަތަރުގެ އައް ދުހެއިލް އާއި ތަޖިކިސްތާނުގެ އިސްތިކޯލް ބައްދަލުކުރި މެޗު 2-0 އިން ކާމިޔާބު ކުރީ ދުހެއިލް އެވެ. ދުހެއިލް އަށް ހަތަރު ޕޮއިންޓް ލިބިފައި ވާއިރު އިސްޓިކޯލް އަށް ވަނީ ދެ ޕޮއިންޓް ލިބިފަ އެވެ. މިއާ އެކު ދެ ޓީމަށް ވެސް ވަނީ މުބާރާތުގައި ކުރިއަށް ދިއުމުގެ ދޮރު ބަންދުވެފަ އެވެ.

ހަމްދުﷲ ގޯލު ޖެހުމަށް ފަހު، އެޓީމުގެ ކެޕްޓަން ކަރީމް ބެންޒެމާ އާއެކު.
ސައުދީ އަރަބިއާގެ އަލް އިއްތިހާދު ވެސް ވަނީ ރޭ ރަށުން ބޭރުގައި 2-1 އިން އުޒްބަކިސްތާނުގެ އޭޖީއެމްކޭ ބަލިކޮށް ގަދަ 16 އިން ފުރުސަތު ހޯޯދައިފަ އެވެ. އިއްތިހާދުގެ ދެ ގޯލު ވެސް ޖަހައިދިނީ މޮރޮކޯ ގައުމީ ޓީމަށް ކުޅޭ އަބްދުއްރައްޒާގު ހަމްދުﷲ އެވެ.
ގުރޫޕް ސީގެ އެއް ވަނައިގައި އިއްތިހާދު އޮތީ ފަސް މެޗުން 12 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތީ ރޭ 1-0 އިން އިރާގުގެ އެއާފޯސް ކްލަބް ބަލިކޮށް 10 ޕޮއިންޓް ހޯދި ސެފަހާން އެވެ.
އެއް މެޗު ބާކީ އޮއްވައި އޭޖީއެމްކޭ އާއި އެއާފޯސް ކްލަބް މުބާރާތުން ކަޓާފައި ވާއިރު، ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި އިއްތިހާދު ނުކުންނާނީ އަމިއްލަ ދަނޑުގައި ސެފަހާން އާ ދެކޮޅަށެވެ. އެ މެޗުން ބަލިވެގެން ގުރޫޕްގެ އެއް ވަނަ އިއްތިހާދަށް ގެއްލުނަސް ހުޅަނގު ސަރަހައްދުގެ ފަސް ގުރޫޕުގެ ދެވަނަ ހޯދާ ޓީމުތަކުގެ ތެރޭން ގަދަ 3 އޮތީ ޔަގީން ވެފަ އެވެ.
Advertisement

Leave a Reply

ރޮނާލްޑޯ އަކީ މެސީ ކަހަލަ ކޮރަޕްޓް މަކަރުވެރިއެއް ނޫން. އަހަރެންނަށް އޭނަ ކަމުދަނީ މީހެއްގެ މޫނަށް ބެލުމެއް ނެތި ސީދަލަށް ބުނާމީހަކަށް ވީތީ. އިންސާފަށް ލޯބިކުރާތީ.