ޖަވާ އިސްތިއުފާ ދިނުމުން އެފްއޭއެމްގެ ވަގުތީ ޖީއެސް އަކަށް ޖައުޝަން

Advertisement

ޖަވާ އިސްތިއުފާ ދިނުމުން އެފްއޭއެމްގެ ވަގުތީ ޖީއެސް އަކަށް ޖައުޝަން

ފަހުމިނެޓް
އެފްއޭއެމްގެ ޖީއެސްގެ މަގާމުން ޖަވާ އިސްތިއުފާ ދެއްވުމުން، ވަގުތީގިތުން އެ މަގާމަށް ޖައުޝަން ވަނީ ހަމަޖައްސާފަ. ފޮޓޯ: މިހާރު، ރައީސް އޮފީސް

ގަޑުބަޑުވެފައިވާ ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަން (އެފްއޭއެމް) ގެ ޖެނެރަލް ސެކްރެޓަރީ ކަމުގެ މަގާމުގައި ހުރި ހުސައިން ޖަވާޒު (ޖަވާ) އިސްތިއުފާ ދެއްވުމާ އެކު، ވަގުތީ ޖީއެސް އަކަށް އެސޯސިއޭޝަންގެ ލީގަލް ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު ޖައުޝަން ޝަރީފް ހަމަޖައްސައިފި އެވެ.

އެފްއޭއެމްގެ ޖީއެސްކަމުން އިސްތިއުފާ ދެއްވިކަން ޖަވާޒު ވަނީ އިއްޔެ، އެފްއޭއެމްގެ މީޑިއާ ގުރޫޕުގައި ނޫސްވެރިންނަށް އަންގައިފަ އެވެ.

Advertisement

“އެފްއޭއެމްގައި އަޅުގަނޑުގެ މަގާމުން އިސްތިއުފާ ދީފިން” އިސްތިއުފާ ދޭން ނިންމި ނިންމުމަކީ އުނދަގޫ ނިންމުމެއް ކަން ހާމަ ކުރައްވަމުން ޖަވާޒު ފޮނުއްވި މެސެޖުގައި ވެއެވެ.

އެފްއޭއެމްގައި 24 އަހަރާއި 3 މަސް ވަންދެން މަސައްކަތް ކުރެއްވި ޖަވާޒު ވަނީ އެސޯސިއޭޝަންގެ އެކި އެކި މަގާމުތައް ފުރުއްވައިފަ އެވެ.

އެސޯސިއޭޝަންގެ މިހާރުގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ފުރަތަމަ ދައުރުގައި، 2016 ވަނަ އަހަރުގެ ނޮވެމްބަރުން ފެށިގެން ޖީއެސްގެ ޒިންމާއާ ހަވާލު ވުމުގެ ކުރިން، ޖަވާޒު ވަނީ ކުރީގެ ރައީސް އިލްހާމް އަހުމަދުގެ ދައުރުގައި ވެސް ޖީއެސްގެ މަގާމު ފުރުއްވައިފަ އެވެ.

އެފްއޭއެމް އެކީ ގަޑުބަޑު ވެފައި ވާއިރު، އެސޯސިއޭޝަންގެ މުވައްޒަފުންނަށް ވަނީ އެތައް މަހެއްގެ މުސާރަ ނުދެވިފަ އެވެ. މީގެ ސަބަބުން ސްޓާފުން މަސައްކަތަށް ނުކުތުން ވެސް ހުއްޓާލާފައި އޮތުމުން ގަލޮޅު ދަނޑުގައި ކުރިއަށްދާ ލީގު މެޗުތަކުގެ އިދާރީ ކަންކަން ވެސް ކުރަމުން ގެންދިޔައީ ޖަވާ އެވެ.

ބައްސާމުގެ ދައުރު ހަމަވާން ގާތްވެފައި ވަނިކޮށް ޖަވާ މަގާމުން އިސްތިއުފާ ދިން އިރު، ބައްސާމުގެ އިތުރުން ޖަވާ އަށް ވެސް ވަނީ ބޮޑެތި ފާޑުކިޔުން އަމާޒުވެފަ އެވެ. ނަމަވެސް ޖަވާ އަށް ވެސް އެފްއޭއެމުން މުސާރަ ނުދޭތާ ނުވަ މަސް ވެފައި ވާކަން މި ނޫހަށް ވަނީ އެނގިފަ އެވެ.

ޖަވާގެ އިސްތިއުފާއާ އެކު ބައްސާމް ވަނީ، އިސްތިއުފާ ގަބޫލު ކުރާކަން ހާމަކޮށް، ޖަވާގެ ހިދުމަތްތަކަށް ޝުކުރު އަދާކޮށްފަ އެވެ. އަދި އެފްއޭއެމްގެ އެކްސްކޯގެ ފުރިހަމަ އަގުލަބިއްޔަތާ އެކު ރޭ، އެ އެސޯސިއޭޝަންގެ ވަގުތީ ޖީއެސް އަކަށް ޖައުޝަން ހަމަޖެއްސިކަން ވެސް ބައްސާމް ވިދާޅުވި އެވެ.

ހޭންޑްބޯލް އެސޯސިއޭޝަންގެ މިދިޔަ ދައުރުގެ ޖެނެރަލް ސެކްރެޓަރީގެ މަގާމު އަދާކުރެއްވި ޖައުޝަން އަކީ ކުޅިވަރުގެ ގާނޫނީ ރޮނގުން މާސްޓާސް ޑިގްރީ ހާސިލް ކޮށްގެން ހުންނެވި ފަރާތެކެވެ.

ޖައުޝަން ވަނީ މީގެ ކުރިން ވެސް އެފްއޭއެމްގެ އެކިއެކި މަގާމުތައް ފުރުއްވައިފަ އެވެ. އެގޮތުން އެފްއޭއެމްގެ ސްޕޯޓްސް ޑިވެލޮޕްމަންޓް އޮފިސަރުކަމާއި، މީޑިއާ އޮފިސަރުގެ އިތުރުން ގައުމީ ޓީމުތަކުގެ މީޑީއާ އޮފިސަރުގެ މަގާމް ވެސް އޭނާ ފުރުއްވި އެވެ. އަދި 2016 ވަނަ އަހަރު ކުރީކޮޅު ފީފާ އިން އެކުލަވާލި އެފްއޭއެމް ނޯމަލައިޒިން ކޮމިޓީގައި ވެސް އޭނާ ހިމެނުނެވެ.

މީގެ އިތުރުން ބެޑްމިންޓަން އޭޝިއާ ކޮންފެޑެރޭޝަނާއި ރާއްޖޭގެ އޮލިމްޕިކް ކޮމިޓީގެ އިތުރުން މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް ގައި ވެސް ޖައުޝަން ވަނީ މަސައްކަތް ކުރައްވައިފަ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *