ހަނި މޮޅަކާ އެކު ފޯކައިދޫ ކުރިއަށް، ގޮއިދޫ ބަލިވެ ހާސްކަން
މިލައުތުރު ފުޓްސަލް މުބާރާތުގެ ގްރޫޕް އޭގައި މިއަދު ފޯކައިދޫ އިން ހަނިގޮތަކަށް މޮޅުވިއިރު މުބާރާތް ހޯސްޓްކުރާ އެއް ރަށް ކަމަށްވާ ގޮއިދޫ ކުޅުނު މެޗުން ބަލިވެ ހާސްކަމާ ކުރިމަތިލާން ޖެހިއްޖެ އެވެ.
މިއަދު ފޯކައިދޫ މޮޅުވީ ނޫމަރާއާ ވާދަކޮށް 3-2 އިންނެވެ. ގޮއިދޫ ވަނީ ކަނޑިތީމު އަތުން 1-0 އިން ބަލިވެފަ އެވެ. މިއަދު އެ ގްރޫޕުގައި ކުޅުނު އަނެއް މެޗުގައި ފޭދޫ އިން ވަނީ 0-2 އިން ބިލެތްފަހި ބަލިކޮށްފަ އެވެ.
ނޫމަރާ ކޮޅަށް ފޯކައިދޫގެ ގޯލުތައް ކާމިޔާބުކޮށްދިނީ އިބްރާހީމް މުޝީރު އާއި ޝައުކަތު ޝާމް އަދި މުހައްމަދު ރިޝްވާން އެވެ. ނޫމަރާގެ ދެ ގޯލު ޖެހީ އަހުމަދު ހައްމާޒު އާއި އިބްރާހީމް ފަހުމީ އެވެ. މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ފޯކައިދޫ ޓީމުގެ މުޝީރު އެވެ.
ގޮއިދޫ ސަޕޯޓަރުން ކުރިމަތީ ކަނޑިތީމު މޮޅުވީ ރައުލް ނިޔާޒް ޖަހައިދިން ގޯލުންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ކަނޑިތީމު ޓީމުގެ އާދަމް ތައުފީގެވެ.
ފޭދޫ އިން ބިލެއްފަހި ބަލިކުރި މެޗުގައި ގޯލުތައް ޖަހައިދިނީ އަހުމަދު އަނާން އާދަމް އާއި އަހުމަދު ފާއިން މުހައްމަދު އެވެ. މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ފާއިން އެވެ.
ގްރޫޕް އޭގެ އެއް ވަނައިގައި މިހާރު އޮތީ 12 ޕޮއިންޓް ހޯދާފައިވާ ކަނޑިތީމެވެ. އެޓީމަށް ކުއާޓާ ފައިނަލުގެ ޖާގަ މިހާރު ގާތްގަނޑަކަށް ވަނީ ކަށަވަރުވެފަ އެވެ. ދެ ވަނައިގައި އޮތް ފޯކައިދޫ އަށް 10 ޕޮއިންޓް ލިބިފައިވާއިރު ގޮއިދޫ ތިން ވަނައިގައި އޮތީ ހަތް ޕޮއިންޓާ އެކު އެވެ.
ހަތަރު ވަނައިގައި އޮތް ފީވަށް އަދި ފަސް ވަނައިގައި އޮތް ފޭދޫ އަށް ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ. ގްރޫޕުގެ ފަހަތުގައި އުޅޭ ބިލެތްފަހި އަދި ނޫމަރާ އަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ.
ލީގު ބުރުގެ ފަހު މެޗުތަކާ ގާތްވެފައިވާއިރު މާދަމާ ހަވީރު ފީވަކާއި ބިލެތްފަހި ވާދަކުރާނެ އެވެ. މާދަމާގެ ދެ ވަނަ މެޗުގައި ފޭދޫ އަދި ފޯކައިދޫ ވާދަކުރާއިރު މާދަމާ ރޭ ކުޅޭ މެޗުގައި ނޫމަރާ ނުކުންނާނީ ގޮއިދޫއާ ދެކޮޅަށެވެ.
އެންމެ ފަހުން ކުޅުނު ދެ މެޗުން މޮޅެއް ނުލިބުމާ އެކު ކުއާޓާ ފައިނަލުގެ ޖާގައެއް ހޯދަން ގޮއިދޫ އިން ކުރަންޖެހޭ މަސައްކަތް ވަނީ އިތުރުވެފަ އެވެ. ގޮއިދޫ އަކީ މުބާރާތް ހޯސްޓް ކުރުމުގެ އިތުރުން ޓީމެއްގެ ގޮތުގައި މިފަހަރުގެ ތައްޔާރީތައް އެންމެ ރަނގަޅު އެއް ޓީމެވެ.
މިއަހަރުގެ މިލައުތުރު ފުޓްސަލް މުބާރާތުގެ އޮފިޝަލް މީޑިއާ ޕާޓްނަރަކީ ފަހުމިނެޓް އެވެ.
Advertisement
Leave a Reply