އަދަބުދިނަސް ރެފްރީންނަށް ފާޑުކިޔާނަން: އާޓެޓާ

Advertisement

އަދަބުދިނަސް ރެފްރީންނަށް ފާޑުކިޔާނަން: އާޓެޓާ

ފަހުމިނެޓް

އިނގިރޭސި ފުޓްބޯޅަ އެސޯސިއޭޝަނުން އޭނާ އަށް ކޮންމެ އަދަބެއް ދިނަސް ރެފްރީންގެ ގޯސް ނިންމުންތަކާއި ދެކޮޅަށް މިނިވަންކަމާ އެކު ފާޑުކިޔާނެ ކަމަށް އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނެފި އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ނޮވެމްބަރު ހަތަރު ވަނަ ދުވަހު ނިއުކާސަލް ޔުނައިޓެޑް އަތުން 0-1 އިން އާސެނަލް ބަލިވި މެޗަށް ފަހު އާޓެޓާ، 41، ވަނީ އެ މެޗުގެ ރެފްރީ އަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ. އެ މެޗުގެ 64 ވަނަ މިނެޓުގައި ނިއުކާސަލްގެ އެންތަނީ ގޯޑެން ޖެހި ގޯލު ގަބޫލުކޮށްގެން ނުވާނެ ކަމަށް މެޗަށް ފަހު އާޓެޓާ ބުންޏެވެ.

ރެފްރީ އެ ގޯލު ދިނީ ތިން ކަމަކަށް ބެލުމަށް ފަހު އެވެ. އެއީ ހަމަލާ އުފެއްދިއިރު ބޯޅަ ބޭރުވިތޯ އާއި އޮފްސައިޑާއި ފައުލެއް ހިނގިތޯ ބެލުމަށް ފަހު އެވެ. އެ ހުރިހާ ކަމެއް ނިއުކާސަލް ކޮޅަށް ނިންމައި އެ ގޯލު ގަބޫލުކުރުމުން އާޓެޓާ ބުނީ އެއީ ލަދުވެތި ނިންމުމެއް ކަމަށެވެ.

މެޗަށް ފަހު ރެފްރީންނާ ގުޅޭގޮތުން އާޓެޓާ ދެއްކި ވާހަކައާ ގުޅިގެން، އެ މައްސަލަ އިނގިރޭސި އެފްއޭ އިން އަންނަނީ ބަލަމުންނެވެ. އެކަމަކު އާޓެޓާ އަށް އަދި އަދަބެއް ދީފައެއްނުވެ އެވެ.

“ރެފްރީންނާ ގުޅޭގޮތުން އަހަރެން އަދިވެސް ވާހަކަދައްކާނަން. އެމީހަކު ގަބޫލުކުރާ ގޮތަކަށް ވާހަކަދެއްކެން ވާނެ. ލީޑަރުން ވާހަކަދައްކަން ޖެހޭނީ ހަގީގަތާ އެއްގޮތަށް” ޕްރިމިއާ ލީގުގައި މާދަމާ ބްރެންޓްފޯޑާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އާޓެޓާ ބުންޏެވެ.

އާޓެޓާ ބުނީ ނިއުކާސަލް މެޗުގައި ރެފްރީންގެ ނިންމުމާ މެދު އާސެނަލް ދެކޭގޮތް އެފްއޭ އަށް ރަސްމީކޮށް ހުށަހެޅި ކަމަށާއި، އެ ފުރުސަތުގެ ބޭނުން ހިފަންޖެހޭ ކަމަށް އޭނާ ގަބޫލުކުރާ ކަމަށެވެ.

“އެކަންކަމާ ގުޅޭގޮތުން މުއާމަލާތު މި ކުރަނީ ރަނގަޅަކަށް. އަހަރެމެން އެންމެން ވެސް ބޭނުންވޭ އެކަހަލަ ކަންކަމުގަ ކުރިއެރުން ހޯދަން. ރެފްރީން، މެނޭޖަރުން، އޮފިޝަލުން، ސްޕޯޓިން ޑިރެކްޓަރުން، ޖާނަލިސްޓުން އެދެނީ އެގޮތް” އާޓެޓާ ބުންޏެވެ.

ބައިނަލްއަގްވާމީ މެޗުތަކަށް ފަހު ޕްރިމިއާ ލީގު މެޗުތައް މާދަމާ އަލުން ފަށާއިރު ލީގުގައި އާސެނަލް އޮތީ ތިން ވަނައިގަ އެވެ. އާސެނަލްއާ އެއްވަރަށް ޕޮއިންޓް ހޯދައިގެން ގޯލުގެ ތަފާތުން ދެ ވަނައިގައި އޮތީ ލިވަޕޫލް އެވެ. އެއް ވަނައިގައި އޮތީ ޗެމްޕިއަން މެންޗެސްޓާ ސިޓީ އެވެ.

“ރަނގަޅު މެޗެއް ކުރިއަށްގެންދަން މިނިވަންކަމާ އެކު ވާހަކަދެއްކެން ޖެހޭ. އެކަން ކުރަން ޖެހޭނީ އިހްތިރާމާ އެކު ބިނާކުރަނިވި ގޮތަކަށް. ހަގީގަތަށް ވާހަކަދެއްކީމަ ކަންކަން ސާފު ވާނެ” މިދިޔަ ސީޒަނުގައި އާސެނަލްއާ އެކު ލީގުގެ ދެ ވަނަ ހޯދި ކޯޗު ބުންޏެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *

  • ރަނގަޅު. ތިހެން ކިޔަމުން ގޮސް ބައްސާމަށްވެސް ފާޑުކިޔާބަލަ. އޭރަށް އަހަރެމެން ޤަބޫލުކުރާނަން ތީ މޭންއެއް ކަމަށް. އަދަރވައިސް ސޮރީ