ކާރު އެކްސިޑެންޓްވި ބަލޮޓެލީގެ ހާލު ރަނގަޅު
މިދިޔަ ބުދަ ދުވަހު އިޓަލީގައި ހިނގި ކާރު އެކްސިޑެންޓަކަށް ފަހު ފޯވާޑް މާރިއޯ ބަލެޓޮލީގެ ހާލު ރަނގަޅު ކަމަށް އޭނާ މިހާރު ކުޅޭ ކްލަބް ތުރުކީގެ އެޑާނާ ޑެމިސްޕޯ އިން ބުނެފި އެވެ.
ބަލޮޓެލީ، 33، ދުއްވި ކާރު އެކްސިޑެންޓްވީ މިދިޔަ ބުދަ ދުވަހު އެވެ. ބަލޮޓެލީ ދުއްވާފައި ދިޔަ ކާރު ކޮންޓްރޯލުން ނެއްޓި ގޮސް ޖެހުނީ ފާރެއްގަ އެވެ. ބަލޮޓެލީ ކާރު ދުއްވީ އިޓަލީގެ އޭނާގެ އުފަން އަވަށް، ބްރެޝިއާގަ އެވެ.
ފާރުގައި ޖެހުނު ކާރު ބޭނުންނުކުރެވޭ ވަރަށް ވަނީ ހަލާކުވެފަ އެވެ. ތުރުކީގެ ކްލަބުން ބުނީ އެކްސިޑެންޓަށް ފަހު ބަލޮޓެލީ މިހާރު ހުރީ ގޭގައި ކަމަށާއި، ބަލޮޓެލީ އަށް ސިއްހީގޮތުން ކަންބޮޑުވާކަމެއް ދިމާނުވާ ކަމަށެވެ.
“އިޓަލީގައި ހިނގި އެކްސިޑެންޓަށް ފަހު ބަލޮޓެލީގެ ހާލު ރަނގަޅު. ބަލޮޓެލީ ހުރީ ގޭގައި. މިވަގުތު ކަންބޮޑުވާންޖެހޭ ކަމެއް ނެތް” ޑެމިސްޕޯ އިން ބުނެފައިވެ އެވެ.
ކުރިން އެ ކްލަބަށް ކުޅުމަށް ފަހު ބަލޮޓެލީ އަލުން އެޓީމާ ގުޅުނީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ. މިފަހަރު މިހާތަނަށް އެ ކްލަބަށް ބަލޮޓެލީ ފަސް މެޗު ވަނީ ކުޅެފަ އެވެ. އެ ކްލަބުގައި ހުއްޓައި ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން ސާޖަރީ ހެދުމަށް ފަހު ބަލޮޓެލީ ރިކަވަރީ ފުރިހަމަކުރަމުން އަންނަނީ އިޓަލީގަ އެވެ.
ބަލޮޓެލީ އެންމެ ފާހަގަކުރެވުނީ އިންޓަ މިލާނުން 2010 ވަނަ އަހަރު މެންޗެސްޓާ ސިޓީ އަށް ބަދަލުވި ހިސާބުންނެވެ. ސިޓީ އިން ފުރަތަމަ ފަހަރަށް އިނގިރޭސި ޕްރިމިއާ ލީގު 2012 ވަނަ އަހަރު ހޯދިއިރު ބަލޮޓެލީ މުހިއްމު ދައުރެއް އަދާކުރި އެވެ. ލީގުގެ އިތުރުން ސިޓީއާ އެކު ބަލޮޓެލީ އެފްއޭ ކަޕް ކާމިޔާބުކުރި އެވެ.
ސިޓީ ދޫކޮށް 2013 ވަނަ އަހަރު ބަލޮޓެލީ ބަދަލުވީ އޭސީ މިލާނަށެވެ. އޭގެފަހުން ލިވަޕޫލަށް ކުޅުމަށް ފަހު ފްރާންސް، އިޓަލީ އަދި ސްވިޒަލެންޑުގައި ކުޅެނެވެ.
އިޓަލީގެ ގައުމީ ޓީމަށް ބަލޮޓެލީ ވަނީ 36 މެޗު ކުޅެފަ އެވެ. އެންމެ ފަހުން އިޓަލީ އަށް ރަސްމީ މެޗެއްގައި ކުޅުނީ 2018 ވަނަ އަހަރު އެވެ. އެކަމަކު މިދިޔަ އަހަރު އޮތް ޓްރެއިނިން ކޭމްޕެއްގައި ބަލޮޓެލީ ގައުމީ ޓީމާ ގުޅުނެވެ. އެހެންނަމަވެސް ގައުމީ ޓީމުން ފެނިފައެއްނުވެ އެވެ.
Advertisement
Leave a Reply