ކަނޑިތީމު ޓީމުގައި ޒުވާން ރައުލް ތަފާތު ދައްކަނީ

މިލައުތުރު ފުޓްސަލް މުބާރާތް ގޮއިދޫ އާއި މާއުނގޫދޫގައި ކުރިއަށްދާއިރު، މުބާރާތުގައި ހުނަރުވެރި ގިނަ ކުޅުންތެރިންތަކެއް އަންނަނީ ފާހަގަވަމުންނެވެ. ފުރަތަމަ ތިން ދުވަހުގެ ކުޅުން ނިމުނުއިރު މުބާރާތުގެ ފުރަތަމަ ތިން މެޗުން މޮޅުވި ދެ ޓީމަކީ މިލަންދޫ އާއި ކަނޑިތީމެވެ. އެ ދެ ޓީމުގައި ވެސް ހުނަރުވެރި މޮޅެތި ކުޅުންތެރިން އެބަތިއްބެވެ. މިފަހަރު ގިނަ ބައެއްގެ ނަޒަރު ހުއްޓުނީ ކަނޑިތީމު ޓީމުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އުމުރުން އެންމެ 18 އަހަރުގެ ރައުލް ނިޔާޒަށެވެ.
ރައުލް ވަނީ މިއަހަރު ކުރީކޮޅު އޮތް ގޯލްޑެން ފުޓްސަލް ޗެލެންޖުގައި ވެސް އެ ރަށް ތަމްސީލުކޮށްފަ އެވެ. ރަށުގައި ދިރިއުޅޭ ރައުލް، ހުނަރު އޮތް ކަނޑިތީމާ އެކު މިފަހަރު ދައްކާ ކުޅުމަށް ގިނަ ބަޔަކު އަންނަނީ ތައުރީފް ކުރަމުންނެވެ.

ގޯލު ޖެހުމަށް ފަހު ރައުލް (8) އާ އެކު ކަނޑިތީމު ކުޅުންތެރިން އުފާފާޅުކުރަނީ. ރައުލް ވަނީ ދެ މެޗުގައި ހެޓްރިކް ހަދާފަ. ފޮޓޯ: ގޮއިދޫ ފުޓްސަލް
ފުރަތަމަ ތިން މެޗުގައި ކަނޑިތީމުން 13 ގޯލު ޖެހިއިރު ރައުލް ވަނީ ދެ މެޗުގައި ހެޓްރިކް ހަދައިފަ އެވެ. ރައުލް ފުރަތަމަ ހެޓްރިކް ހެދީ މުބާރާތުގެ ފުރަތަމަ މެޗުގައި ފީވަކާ ދެކޮޅަށެވެ. ފީވަށް އަތުން 1-5 އިން މޮޅުވި މެޗުގައި ހެދި ހެޓްރިކާ އެކު ރައުލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އެވެ.
ރައުލް ދެ ވަނަ ހެޓްރިކް ހެދީ ރޭ 2-5 އިން ފޭދޫ ބަލިކުރި މެޗުގަ އެވެ. މެޗުގެ ފުރަތަމަ ހާފުގައި އެއް ގޯލު ޖެހިއިރު ދެ ވަނަ ހާފުގައި ރައުލް ދެ ގޯލު ޖެހި އެވެ. ރޭ ވެސް މޮޅު ކުޅުންތެރިޔާގެ މަގާމް ލިބުނީ ރައުލް އަށެވެ.
ފޯވާޑަށް ކުޅޭ ރައުލް އަކީ އެރަށުން ވިދަމުން އަންނަ އުއްމީދީ ކުޅުންތެރިއެކެވެ. ކަނޑިތީމަށް ބާކީ ގިނަ މެޗުތަކެއް ހުރިއިރު އެ ޓީމުގެ އުއްމީދަކީ ރައުލް ފޯމު ދަމަހައްޓައި ގިނަ ގޯލުތަކެއް ޖެހުމެވެ. މިހާރު ރައުލް ދައްކަމުންދާ ކުޅުމަށް ބަލާއިރު އޭނާގެ ދައުރު ޓީމުގައި ބޮޑުވާނެ އެވެ.

މުބާރާތުގައި ވާދަކުރާ ކަނޑިތީމު ޓީމް. ގްރޫޕް އޭގައި އެންމެ ފޯމުގައި އޮތީ އެރަށް. ފޮޓޯ: ގޮއިދޫ ފުޓްސަލް
ގްރޫޕް އޭގައި ކަނޑިތީމު ވަނީ ފުރަތަމަ ތިން މެޗުން މޮޅުވެ 9 ޕޮއިންޓާ އެކު ގްރޫޕުގެ އެއް ވަނައިގައި ހަމަޖެހިލާފަ އެވެ. ފުރަތަމަ މެޗުގައި ފީވަށް އަތުން މޮޅުވުމަށް ފަހު ކަނޑިތީމުން ދެ ވަނަ މެޗުގައި ނޫމަރާ ބަލިކުރީ 1-3 އިންނެވެ.
އެ ގްރޫޕުގެ ދެ ވަނައިގައި އޮތް ފޯކައިދޫ އާއި ތިން ވަނައިގައި އޮތް ގޮއިދޫ އަދި ހަތަރު ވަނައިގައި އޮތް ފީވަކަށް ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. ނޫމަރާ އަށް ތިން ޕޮއިންޓް ލިބިފައިވާއިރު ހަ ވަނައިގައި އޮތް ފޭދޫ އަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ. ފުލުގައި އޮތް ބިލެތްފަހި ވަނީ ފުރަތަމަ ދެ މެޗުން ވެސް ބަލިވެފަ އެވެ.

ކަނޑިތީމު ކުޅުންތެރިއަކު ބޯޅަ ފޮނުވާލަނީ. ފޮޓޯ: ގޮއިދޫ ފުޓްސަލް
މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ލިބޭނީ ހަތް ޓީމުގެ ތެރެއިން ގަދަ ހަތަރު ޓީމަށެވެ. ކުއާޓާގެ އަނެއް ހަތަރު ޖާގަ ލިބޭނީ މާއުނގޫދޫގައި ކުޅޭ ގްރޫޕް ބީގެ ގަދަ ހަތަރު ޓީމަށެވެ.
މިއަހަރުގެ މުބާރާތުގެ މެއިން ސްޕޮންސަރަކީ މުބާރާތް އިންތިޒާމުކުރާ ށ. އަތޮޅު ކައުންސިލެވެ. ކޯ ސްޕޮންސަރުންނަކީ ބޭންކް އޮފް މޯލްޑިވްސް އާއި އައިލެންޑް އެޕެރަލްސް އެވެ. އޮފިޝަލް މީޑިއާ ޕާޓްނަރަކީ ފަހުމިނެޓް އެވެ. މީޑިއާ ޕާޓްނަރަކީ މިލައުތުރު.ކޮމް އެވެ.
Advertisement


Leave a Reply