ފަލަސްތީނުން ވޯލްޑް ކަޕް ކޮލިފައިންގައި އޮސްޓްރޭލިއާއާ ދެކޮޅަށް ގަދަ ހިތްވަރެއް ނެރެފި

Advertisement

ފަލަސްތީނުން ވޯލްޑް ކަޕް ކޮލިފައިންގައި އޮސްޓްރޭލިއާއާ ދެކޮޅަށް ގަދަ ހިތްވަރެއް ނެރެފި

ފަހުމިނެޓް
އޮސްޓްރޭލިއާ އިން ގޯލު ޖެހުމުން ފަލަސްތީން ކުޅުންތެރިން މާޔޫސްވެފައި. އެޓީމުން ދެއްކީ ހިތްވަރު ގަދަ ކުޅުމެއް

ވޯލްޑް ކަޕް ކޮލިފައިންގެ އޭޝިއާ ޒޯނުގައި ރޭ އޮސްޓްރޭލިއާއާ ދެކޮޅަށް ފަލަސްތީނުން ހިތްވަރުގަދަ ކުޅުމެއް ދައްކައިފި އެވެ. ނުވަ ގްރޫޕަކަށް ބަހާލައިގެން ކުރިއަށްގެންދާ އޭޝިއާ ޒޯނުގެ ދެވަނަ ބުރުގައި ރޭ އޮސްޓްރޭލިއާއާއި ފަލަސްތީނު ވާދަކުރި މެޗުން ފަލަސްތީނު ބަލިވީ 0-1 އިންނެވެ.

ގްރޫޕް އައިގައި ފަލަސްތީނުން ރޭ ކުޅުނު މެޗަކީ އެ ޓީމުގެ ހޯމް މެޗު ކަމަށް ވީނަމަވެސް އިޒްރޭލާއި ފަލަސްތީނާއި ދެމެދު މިހާރު ހިނގަމުން އަންނަ ހަނގުރާމައިގެ ސަބަބުން މެޗު ކުޅެފައިވަނީ ކުވޭތުގަ އެވެ. ފަލަސްތީނުގެ ގައްޒާގައި ހިނގަމުން އަންނަ ހަނގުރާމައާހެދި ފަލަސްތީނުން ރޭގެ މެޗް ކުޅުނީ ގައުމުން ބޭރަށް ނުދެވި ގައްޒާގައި ތާށިވި އެ ޓީމުގެ މުހިންމު ތިން ކުޅުންތެރިއަކު ނުލަ އެވެ.

Advertisement

ރޭގެ މެޗުގައި އޮސްޓްރޭލިއާއިން ޖެހި ހަމައެކަނި ލަނޑު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ މެޗުގެ ފުރަތަމަ ހާފުގަ އެވެ. މިދިޔަ އަހަރު ގަތަރުގައި އޮތް ވޯލްޑް ކަޕްގައި ވެސް ކުޅެފައިވާ އޮސްޓްރޭލިއާ އަށް ރޭގެ މެޗުގައި ގިނަ ހަމަލާތަކެއް އުފައްދަން ފުރުސަތު ލިބިފައި ނުވާއިރު މެޗުގައި ރަގަޅުކުޅުމެއް ވެސް ދެއްކިފައެއް ނުވެ އެވެ.

ފަލަސްތީނުގެ ފަރާތުން މެޗުގެ ފުރަތަމަ ހާފުގައި ވަރަށް ރަގަޅު ކުޅުމެއް ފެނުނުއިރު ލަނޑު ޖަހާނެ ރަގަޅު ފުރުސަތެއް ވެސް އެ ހާފުގައި އެ ޓީމަށް ލިބުނެވެ. މެޗަށް ފަހު ވާހަކަދައްކަމުން ފަލްސްތީނުގެ ކޯޗު ބުނީ މެޗުން ރަގަޅު ނަތީޖާއެއް ހޯދަން ޓީމުގެ ކުޅުންތެރިންނަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރި ކަމަށާއި އެކަމަކު އެއީ ފަސޭހަ ކަމެއް ނޫން ކަމަށެވެ.

މެޗަށް ނުކުތް ފަލަސްތީން ޓީމު. ހަނގުރާމައިގައި ޝަހީދުވި މީހުންގެ ހަނދާން އާކުރި

ފީފާ ރޭންކިންގެ 96 ވަނައިގައި އޮތް ފަލަސްތީނުން ރޭ ކުވޭތުގައި ކުޅުނު މެޗު ބަލަން ގާތްގަނޑަކަށް 15 ހާހެއްހާ މީހުން ސްޓޭޑިއަމަށް ވަދެތިއްބެވެ. މެޗު ފެށުނީއްސުރެ ނިމެންދެން އެމީހުން ދިޔައީ ފަލަސްތީނުގެ ދިދަ ހޫރައި އެ ޓީމަށް ވަރަށް ބޮޑަށް ތަރުހީބު ދެމުންނެވެ. ރޭގެ މެޗު ފެށުމުގެ ކުރިން ހަނގުރާމައިގައި މަރުވި މީހުންގެ ހަނދާނުގައި އެއް މިނެޓްގެ ސުކޫތެއް ގެނެސްފައިވާއިރު އޮސްޓްރޭލިއާގެ ކުޅުންތެރިންގެ ފަރާތުން ވަނީ ފަލަސްތީނަށް ފައިސާގެ އެހީއެއް ވެސް ފޯރުކޮށްދީފަ އެވެ.

މިދިޔަ މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ފަލަސްތީނާއި އިޒްރޭލާއި ދެމެދު ކުރިއަށްދާ ހަނގުރާމައިގައި މިހާތަނަށް އިޒްރޭލުން 1200 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު ފަލަސްތީނުން ޝަހީދުވި މީހުންގެ އަދަދު ވަނީ އެގާރަ ހާހަށްވުރެ މައްޗަށް ގޮސްފަ އެވެ.

އެ ގްރޫޕުގައި އިއްޔެ ބަންގްލަދޭޝް ވަނީ އަމިއްލަ ދަނޑުގައި ލެބަނަންއާ ވާދަކޮށް 1-1 އިން އެއްވަރުކޮށްފަ އެވެ. އެ ގްރޫޕުގައި ކޮންމެ ޓީމަކުން ދެ މެޗު ކުޅެފައިވާއިރު އެއް ވަނައިގައި އޮތީ ދެ މެޗުން މޮޅުވި އޮސްޓްރޭލިއާ އެވެ. އޮސްޓްރިއާ ނޫން އެހެން ޓީމުތައް ވާދަކުރި މެޗުތައް ވީ އެއްވަރެވެ.

ލެބަނަން ފުރަތަމަ ދެ މެޗު އެއްވަރުވިއިރު ބަންގްލަދޭޝް އާއި ފަލަސްތީނުން ވަނީ ދެ މެޗުން އެއް ޕޮއިންޓް ހޯދައިފަ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *