ނަރުދޫ މޮޅުވިއިރު މިލަންދޫ އިން ޗެމްޕިއަން ފުނަދޫ ބަލިކޮށްފި

Advertisement

ނަރުދޫ މޮޅުވިއިރު މިލަންދޫ އިން ޗެމްޕިއަން ފުނަދޫ ބަލިކޮށްފި

ފަހުމިނެޓް
މިލަންދޫ އާއި ފުނަދޫ ވާދަކުރި މެޗުގެ ތެރެއިން

ށ. އަތޮޅުގައި ފޯރިއާ އެކު ކުރިއަށްދާ މިލައުތުރު ފުޓްސަލް މުބާރާތުގައި މިއަދު ނަރުދޫ އިން މަރޮށި ބަލިކުރިއިރު ވާދަވެރި ފުނަދޫ އާއި މިލަންދޫގެ ކުރިމަތިލުން މިލަންދޫ ކާމިޔާބުކޮށްފި އެވެ.

ގްރޫޕް ބީގެ މެޗުތައް މާއުނގޫދޫގައި ކުރިއަށްދާއިރު މިއަދު ވެސް ތިން މެޗު ކުޅުނެވެ. ހަވީރު އެންމެ ފުރަތަމަ ކުޅުނު މެޗުގައި ޅައިމަގު ވަނީ ކޮމަންޑޫ އަތުން މޮޅުވެފަ އެވެ.

Advertisement

މިދިޔަ އަހަރު ފައިނަލުގައި ކުޅުނު ނަރުދޫ އިން މަރޮށި ބަލިކުރީ 4-2 އިންނެވެ. މެޗުގައި ނަރުދޫގެ ގޯލުތައް ކާމިޔާބުކޮށްދިނީ ނާއިލް ސޮބާހު އާއި މުހައްމަދު ނާއިޒްގެ އިތުރުން މުހައްމަދު ޖުނެއިދު އަދި ވިޝާން އާރިފް އެވެ. މެޗުގައި މަރޮށި ޓީމުގެ ދެ ގޯލު ކާމިޔާބުކޮށްދިނީ އިބްރާހީމް ނިޔާޒު އާއި އަބްދުއްރަހްމާން ސާމީ އެވެ. މޮޅު ކުޅުންތެރިއަކަށް ހޮވުނީ ނަރުދޫ ޓީމުގެ ނާއިޒް އެވެ.

ހަވީރު ކުޅުނު އަނެއް މެޗުގައި ޅައިމަގުން ކޮމަންޑޫ ބަލިކުރީ 0-2 އިންނެވެ. ޅައިމަގުގެ ދެ ގޯލު ޖެހީ މުހައްމަދު ރިފްޝާން އާއި މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އަބްދުލް ކަރީމް އަހުމަދު އެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ޅައިމަގު ވަނީ މިލަންދޫ އަތުން 0-7 އިން ބަލިވެފަ އެވެ. އެކަމަކު ދެ ވަނަ މެޗުގައި އެޓީމު ވަނީ ކުޅުން ރަނގަޅުކޮށްފަ އެވެ.

ކޮމަންޑޫއާ ވާދަކޮށް ޅައިމަގު މޮޅުވި މެޗުގެ ތެރެއިން. ކޮމަންޑޫ ވަނީ ފުރަތަމަ ދެ މެޗުން ބަލިވެފަ

މިރޭ ކުޅުނު ވާދަވެރި މެޗުގައި މިލަންދޫ އިން އެންމެ ފަހުގެ ޗެމްޕިއަން ފުނަދޫ ބަލިކުރީ 0-2 އިންނެވެ. މެޗުގައި މިލަންދޫގެ ދެ ގޯލު ވެސް ޖެހީ އަލީ އީނާސް އެވެ. ފުރަތަމަ ލަނޑު ފުރަތަމަ ހާފުގައި ޖެހިއިރު ދެ ވަނަ ލަނޑު އީނާސް ޖެހީ ދެ ވަނަ ހާފުގަ އެވެ. ދެ ގޯލާ އެކު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ލިބުނީ އޭނާ އަށެވެ.

މިލަންދޫ އިން ފުރަތަމަ ދެ މެޗު ކާމިޔާބު ކުރިއިރު ނުވަ ލަނޑު ވަނީ ޖަހައިފަ އެވެ. އެޓީމު ކޮޅަށް ގޯލެއް ނުވަދެ އެވެ.

މާއުނގޫދޫގައި ގްރޫޕް ބީގެ ތިން މެޗު މާދަމާ ވެސް ކުޅޭނެ އެވެ. މާދަމާ ހަވީރު ކުޅޭނީ މާއުނގޫދޫ އާއި ނަރުދޫ ވާދަކުރާ މެޗާއި މިލަންދޫ އާއި ކޮމަންޑޫ ވާދަކުރާ މެޗެވެ. ފުރަތަމަ ދެ މެޗުން ބަލިވުމާ އެކު ކޮމަންޑޫ މާދަމާ މިލަންދޫ އަތުން މޮޅުވުން މަޖުބޫރެވެ.

މާދަމާ ރޭ ކުޅޭ މެޗުގައި ވާދަކުރާނީ ޅައިމަގާއި ފުނަދޫ އެވެ. އެއިން ކޮންމެ ޓީމަކުން ވަނީ އެއް މޮޅު ހޯދައިފަ އެވެ.

ކޮންމެ ގްރޫޕެއްގައި ހަތް ޓީމު ހިމެނޭ އިރު ކުއާޓާ ފައިނަލަށް ހޮވޭނީ ކޮންމެ ގްރޫޕަކުން ގަދަ ހަތަރެއް ކަށަވަރުކުރާ ޓީމުތަކެވެ.

ށ. އަތޮޅުގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް އިންތިޒާމުކުރަނީ މިފަހަރުގެ މެއިން ސްޕޮންސާގެ ގޮތުގައި ހަރަކާތްތެރިވާ ށ. އަތޮޅު ކައުންސިލެވެ. މީޑިއާ ޕާޓްނަރުންނަކީ ފަހުމިނެޓާއި ށ. އަތޮޅަށް ނިސްބަތްވާ މިލައުތުރު.ކޮމް އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *