މެސީ ވޯލްޑް ކަޕްގައި ލީ ޖޯޒީތަކެއް ނީލަން ކިޔަނީ

Advertisement

މެސީ ވޯލްޑް ކަޕްގައި ލީ ޖޯޒީތަކެއް ނީލަން ކިޔަނީ

ފަހުމިނެޓް

އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ، މިދިޔަ އަހަރުގެ ފީފާ ވޯލްޑް ކަޕް ގައި ބޭނުން ކުރި ހަ ޖޯޒީއެއް ނީލަމުގައި ވިއްކާލަން، އިނގިރޭސިވިލާތުގެ ސުދެބީސް އިން ނިންމައިފި އެވެ.

ސުދެބީސް އިން ލަފާކުރާ ގޮތުގައި މެސީގެ ޖޯޒީތައް ވިއްކާލައިގެން 10 މިލިއަން ޑޮލަރަށް ވުރެ ބޮޑު އަދަދެއް ނީލަމުގައި އެއްކުރެވޭނެ އެވެ.

ސުދެބީސް އިން ހާމަކުރާ ގޮތުގައި ވޯލްޑް ކަޕް މުބާރާތުގެ މެޗުތަކުގެ ފުރަތަމަ ހާފުގައި މެސީ ބޭނުން ކުރި ހަތް ޖޯޒީގެ ތެރެއިން ހަ ޖޯޒީ ނީލަން ކިޔަން ހަމަޖެހިފައި ވާއިރު، އޭގެ ތެރޭގައި ފައިނަލް މެޗުގައި ބޭނުން ކުރި ޖޯޒީ ވެސް ހިމެނެ އެވެ.

އާޖެންޓީނާ އިން ތިންވަނަ ފަހަރަށް ވޯލްޑް ކަޕް ކާމިޔާބު ކުރީ ފައިނަލްގައި 3-3 އިން ފްރާންސާ އެއްވަރުކޮށް ޕެނަލްޓީ ޖަހައިގެންނެވެ. އެ މެޗުގައި މެސީ ވަނީ ދެ ގޯލު ޖަހައިފަ އެވެ.

އިނގިރޭސިވިލާތުގެ ލަންޑަނުގައި 1744 ވަނަ އަހަރު އުފެދުނު ސުދެބީސް އިން، މެސީގެ ޖޯޒީ ނީލަން ކިޔަން ހަމަޖެހިފައި ވަނީ އެމެރިކާގެ ނިއު ޔޯކުގައި، ނޮވެމްބަރު 30 އާއި ޑިސެމްބަރު 14 އާ ދެމެދުގަ އެވެ.

މިއަދާ ހަމައަށް، ކުޅިވަރު މެޗެއްގައި ބޭނުން ކުރި ޖޯޒީއެއް އެންމެ ބޮޑޫ އަގުގައި ނީލަމުގައި ވިކިފައި ވަނީ 1998 ވަނަ އަހަރުގެ އެންބީއޭ ފައިނަލްސްގައި ބާސްކެޓްބޯޅަ ލެޖެންޑް މައިކަލް ޖޯޑަން ލީ ޖޯޒީ އެވެ. ސުދެބީސް 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ކުރިއަށް ގެންދިޔަ ނީލަމުގައި އެ ޖޯޒީ ވިކިފައި ވަނީ 10.1 މިލިއަން ޑޮލަރަށެވެ.

އެންމެ އަގުބޮޑުކޮށް ނީލަމުގައި މިހާތަނަށް ވިކިފައިވާ ފުޓްބޯޅަ ޖޯޒީ އަކީ އާޖެންޓީނާގެ ލެޖެންޑް ޑިއޭގޯ މަރަޑޯނާގެ ޖޯޒީއެކެވެ. ވޯލްޑް ކަޕް 1986 ވަނަ އަހަރު އިނގިރޭސީން ކޮޅަށް އަތުން މަރަޑޯނާ ގޯލު ޖެހި މެޗުގައި ބޭނުން ކުރި ޖޯޒީ، ސުދެބީސް އިން ވަނީ 2022 ވަނަ އަހަރުގެ މެއި މަހު 9.3 މިލިއަން ޑޮލަރަށް ވިއްކައިފަ އެވެ.

މެސީގެ ޖޯޒީ ނީލަމުގައި ވިއްކައިގެން ލިބޭ ފައިސާގެ ބައެއް ހަދިޔާ ކުރަން ނިންމާފައި ވަނީ، ލިއޯ މެސީ ފައުންޑޭޝަންގެ ސަޕޯޓާ އެކު ހިންގާ ބާސެލޯނާގައި ހުންނަ ހޮސްޕިޓަލަކަށެވެ. އެ ހޮސްޕިޓަލަކީ ދުނިޔޭން ވަރަށް މަދުން ފެންނަ އެކިއެކި ބަލިތަކަށް ފަރުވާ ހޯދަމުންދާ ކުޑަކުދިންނަށް ހާއްސަ ހޮސްޕިޓަލެކެވެ.

މެސީ، 36، ވަނީ މި ސީޒަންގައި ޔޫރަޕްގެ ފުޓްބޯޅަ ދޫކޮށް، އެމެރިކާ ލީގުގެ އިންޓަ މަޔާމީ އަށް ބަދަލުވެފަ އެވެ. އޭނާ ވަނީ ބާސެލޯނާ އާއި ފްރާންސްގެ ޕީއެސްޖީގައި އެތައް ކާމިޔާބެއް ހޯދައި، ބެލޮންޑިއޯ އެވޯޑް ވެސް ރެކޯޑް އަށް ފަހަރު ހޯދައިފަ އެވެ.

ގަތަރުގައި ވޯލްޑް ކަޕް ތަށި އުފުލާލުމާ އެކު މެސީ ވަނީ ފުޓްބޯޅައިގެ ލެޖެންޑުން ކަމަށްވާ މަރަޑޯނާ އާއި ޕެލޭ ފަދަ ކުޅުންތެރިންނާ ފައި ހަމަކޮށްފަ އެވެ. އޭނާގެ ޖޯޒީ އެހާ އަގު ބޮޑުވާ ސަބަބަކީ އެއީ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *