އަމިއްލަ ސަޕޯޓަރުން ކުރިމަތީ ގޮއިދޫ އާއި މާއުނގޫދޫ މޮޅުވެއްޖެ

Advertisement

އަމިއްލަ ސަޕޯޓަރުން ކުރިމަތީ ގޮއިދޫ އާއި މާއުނގޫދޫ މޮޅުވެއްޖެ

ފަހުމިނެޓް
މާއުނގޫދޫ މިރޭ ކުޅުނު މެޗުގައި ދަގަނޑޭ ކުޅުންތެރިންނާ ސަލާންކުރަނީ. މާއުނގޫދޫ މޮޅުވީ ފަހަތުންއަރައި ޖެހި ގޯލުތަކުން

ށ. އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ މިލައުތުރު ފުޓްސަލްގައި މުބާރާތް ހޯސްޓް ކުރާ މާއުނގޫދޫއާއި ގޮއިދޫ ކުޅުނު މެޗުތަކުން ރޭ މޮޅުވެއްޖެ އެވެ.

މުބާރާތުގެ ގްރޫޕް އޭގައި ހިމެނޭ ހަތް ރަށުގެ ކުޅުން ކުރިއަށްދަނީ އެ އަތޮޅު ގޮއިދޫގަ އެވެ. މުބާރާތުގައި ގޮއިދޫ ކުޅުނު ފުރަތަމަ މެޗުގައި މިރޭ ބިލެތްފަހި އަތުން މޮޅުވީ 1-3 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ގޮއިދޫ ޓީމުގެ މުހައްމަދު އަހުސަމް އެވެ.

މިލައުތުރު ފުޓްސަލް މުބާރާތް ރަސްމީކޮށް ފެށީ އިއްޔެ ހަވީރު މާއުނގޫދޫގަ އެވެ. އެކަމަކު އެރަށުގެ ފުރަތަމަ މެޗު ކުޅުނީ ރޭގަ އެވެ. މަރޮއްޓާ ވާދަކޮށް މާއުނގޫދޫ މެޗު ކާމިޔާބުކުރީ 2-5 އިންނެވެ.

މެޗު ފަށައިގެން އެންމެ ފުރަތަމަ ދެ ގޯލުގެ ލީޑު ނެގީ މަރޮށި ޓީމުންނެވެ. އެކަމަކު މާއުނގޫދޫ އިން ވަނީ ފަހުން ކުޅުން ރަނގަޅުކޮށް ފަހަތުން އަރައި ފަސް ގޯލު ޖަހައިފަ އެވެ.

މެޗުގައި މާއުނގޫދޫގެ އިބްރާހީމް ސިނާން އާއި ހުސައިން މުނާޒް، މިއިން ކޮންމެ ކުޅުންތެރިއަކު ދެ ގޯލު ޖެހި އެވެ. އަނެއް ގޯލު ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އިސްމާއީލް ޝިނާން އެވެ. މަރޮށި ޓީމުގެ ދެ ގޯލު ޖެހީ އަބްދުﷲ ނާސިފް އާއި އިބްރާހީމް ނިޔާޒް އެވެ.

މުބާރާތުގައި މިއަދު ކޮންމެ ރަށެއްގައި ތިން މެޗު ކުޅޭނެ އެވެ. ހަވީރު ގޮއިދޫގައި ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ކަނޑިތީމާއި ނޫމަރާ އެވެ. އެ މެޗު ފަށާނީ ހަވީރު ހަތަރެއް ޖަހާއިރު އެވެ. ހަވީރު ފަހެއް ޖަހާއިރު ފަށާ މެޗުގައި ބައްދަލުކުރާނީ ބިލެތްފަހި އަދި ފޯކައިދޫ އެވެ. މިރޭ ގޮއިދޫގައި ކުޅޭ ގްރޫޕް އޭގެ މެޗުގައި ފީވަށް ނުކުންނާނީ ފޭދޫއާ ދެކޮޅަށެވެ.

ގްރޫޕް ބީގެ މެޗުތައް ކުޅޭ މާއުނގޫދޫގައި މިއަދު ހަވީރު ހަތަރެއް ޖަހާއިރު ބައްދަލުކުރާނީ ޅައިމަގު އާއި ކޮމަންޑޫ އެވެ. ހަވީރު ކުޅޭ އަނެއް މެޗުގައި މަރޮށި އަދި ނަރުދޫ ވާދަކުރާނެ އެވެ. ނަރުދޫ ފުރަތަމަ މެޗަށް ނުކުންނައިރު އެރަށް ވަނީ މިދިޔަ އަހަރުގެ ފައިނަލުގައި ކުޅެ ފުނަދޫ އަތުން ބަލިވެފަ އެވެ. ރޭގަނޑު މާއުނގޫދޫގައި ކުޅޭ މެޗުގައި ވާދަކުރާނީ ފޯރިގަދަވާނެކަމަށް ބެލެވޭ މިލަންދޫ އާއި ފުނަދޫ އެވެ.

މުބާރާތުގައި މިއަދު ގޮއިދޫގައި ކުޅޭ މެޗުތައް ބެލުމަށް އަލީ އަޝްފާގް (ދަގަނޑޭ) އެރަށަށް ދާގޮތަށް ވަނީ ހަމަޖެހިފަ އެވެ. ދަގަނޑޭ ވަނީ އިއްޔެ އެ މުބާރާތް ޝަރަފްވެރިކޮށްދިނުމަށް މާއުނގޫދޫ އަށް ގޮސްފަ އެވެ. މާއުނގޫދޫގެ ރައްޔިތުންނާއި މުބާރާތުގައި ވާދަކުރާ އެހެން ރަށްތަކުގެ ކުޅުންތެރިންނާއި ސަޕޯޓަރުން ހިމެނޭހެން ދަގަނޑޭ އަށް ހޫނު މަރުހަބާއެއް ކިއެވެ.

މިލައުތުރު ފުޓްސަލް މުބާރާތުގައި ށ. އަތޮޅުގެ 14 ރަށް ވެސް ކުޅެ އެވެ. މުބާރާތަށް އެ އަތޮޅުގެ ހުރިހާ ރަށަކުން ވެސް ދިޔައީ ދުރާލާ ތައްޔާރުވަމުންނެވެ. އަދި، މެޗުތައް ހޯސްޓް ކުރުމުގެ އިންތިޒާމުތައް މާއުނގޫދޫ އާއި ގޮއިދޫގައި ވަނީ ފުރިހަމައަށް ހަމަޖައްސައިފަ އެވެ.

ށ. އަތޮޅު ކައުންސިލްގެ މެއިން ސްޕޮންސާއާ އެކު ކުރިއަށް މުބާރާތުގެ ކޯ ސްޕޮންސަރުންނަކީ ބޭންކް އޮފް މޯލްޑިވްސް އާއި އައިލެންޑް އެޕެރަލްސް އެވެ. އޮފިޝަލް މީޑިއާ ޕާޓްނަރަކީ ފަހުމިނެޓް އެވެ. އަދި މީޑިއާ ޕާޓްނަރުގެ ގޮތުގައި މިލައުތުރު.ކޮމް ހަރަކާތްތެރިވެ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *