ދަގަނޑޭ އަށް ދިން ޝަރަފާއެކު މިލައުތުރު ފުޓްސަލް މުބާރާތް ފަށައިފި

Advertisement

ދަގަނޑޭ އަށް ދިން ޝަރަފާއެކު މިލައުތުރު ފުޓްސަލް މުބާރާތް ފަށައިފި

ފަހުމިނެޓް
ދަގަނޑޭ އިއްޔެ މާއުނގޫދޫ އަށް ދިއުމުން މަރުހަބާ ކިިޔަނީ. މިލައުތުރު ފުޓްސަލް މުބާރާތް މިއަދު ޝަރަފްވެރިކޮށްދިނީ ދަގަނޑޭ

ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ، އަލީ އަޝްފާގް (ދަގަނޑޭ) ޝަރަފްވެރިކޮށްދިން މިލައުތުރު ފުޓްސަލް މުބާރާތް މިއަދު ހަވީރު ފަށައިފި އެވެ.

ށ. އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ މުބާރާތުގެ މެޗުތައް ކުޅެނީ ށ. ގޮއިދޫ އާއި ށ. މާއުނގޫދޫގަ އެވެ. މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު މިއަދު ހަވީރު އޮތީ މާއުނގޫދޫގަ އެވެ. ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދިނުމަށް ދަގަނޑޭ މާއުނގޫދޫ އަށް ދިޔައީ އިއްޔެ ހަވީރު އެވެ. އެރަށަށް ދަގަނޑޭ ދިއުމުން ކުދިބޮޑު އެންމެން ނުކުމެ ހޫނު މަރުހަބާއެއް ކިއެވެ.

Advertisement

މުބާރާތް ރަސްމީކޮށް ހުޅުވުމުގެ ގޮތުން މާއުނގޫދޫގައި ކުޅުނު މެޗުގައި މިލަންދޫ އިން ވަނީ 0-7 އިން ޅައިމަގު ބަލިކޮށްފަ އެވެ. ފުޓްބޯޅައިގައި މީގެކުރިން ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރި ރަށުން ބޮޑު މޮޅު ހޯދި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ މިލަންދޫ ޓީމުގެ އަހުމަދު ޝާނީ އެވެ.

މާއުނގޫދޫގައި މިއަދު ހަވީރު ކުޅުނު އަނެއް މެޗުގައި ޗެމްޕިއަން ފުނަދޫ ވަނީ 0-3 އިން ކޮމަންޑޫ ބަލިކޮށްފަ އެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ފުނަދޫ ޓީމުގެ އަބްދުﷲ ޒަމީން އެވެ.

މިއަދުގެ މެޗަކަށް ފަހު މޮޅު ކުޅުންތެރިޔާ އަށް ދަގަނޑޭ ޓްރޮފީ ހަވާލުކުރަނީ. ފޮޓޯ: މިލައުތުރު ފުޓްސަލް

ގޮއިދޫގައި ކުޅުނު ގްރޫޕް އޭގެ ދެ މެޗުގައި މިއަދު ހަވީރު މޮޅުވީ ކަނޑިތީމާއި ނޫމަރާ އެވެ.

ހުނަރުވެރި ކުޅުންތެރިން ގިނަ ކަނޑިތީމު މޮޅުވީ ފީވަކާ ވާދަކޮށް 1-5 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ކަނޑިތީމު ޓީމުގެ ރައުލް ނިޔާޒް އެވެ.

ގޮއިދޫގައި ކުޅުނު ދެ ވަނަ މެޗުގައި ފޭދޫއާ ވާދަކޮށް ނޫމަރާ މޮޅުވީ 0-3 އިންނެވެ. މޮޅު ކުޅުންތެރިއަކީ ނޫމަރާ ޓީމުގެ މުއާޒް ސޯލިހު އެވެ.

މުބާރާތުގައި އެ އަތޮޅުގެ 14 ރަށުން ވެސް ވާދަކުރެ އެވެ. ގްރޫޕް އޭގައި ހިމެނެނީ ގޮއިދޫގެ އިތުރުން ކަނޑިތީމް، ނޫމަރާ، ފެށޫ، ފީވަށް، ބިލެތްފަހި އަދި ފޯކައިދޫ އެވެ. ގްރޫޕް ބީގައި ހިމެނެނީ މެޗުތައް ހޯސްޓްކުރާ މާއުނގޫދޫ، ނަރުދޫ، މަރޮށި، ޅައިމަގު، ކޮމަންޑޫ، ފުނަދޫ އަދި މިލަންދޫ އެވެ.

މުބާރާތުގައި މިރޭ ވެސް ފޯރިގަދަ ދެ މެޗު ކުޅޭނެ އެވެ. ގްރޫޕް އޭގައި މިރޭ ބިލެތްފަހިން ގޮއިދޫއާ ދެކޮޅަށް ނުކުންނާނެ އެވެ. ށ. އަތޮޅު ފުޓްސަލްގައި އެންމެ ފާހަގަކޮށްލެވޭ ގޮއިދޫ އަކީ ގްރޫޕް އޭގެ މެޗުތައް ހޯސްޓްކުރާ ރަށެވެ. ގޮއިދޫ ޓީމު ވަނީ މިފަހަރުގެ މުބާރާތަށް ވަރަށް ބޮޑަށް ތައްޔާރުވެފަ އެވެ.

މިރޭ ކުޅޭ އަނެއް މެޗުގައި ގްރޫޕް ބީގެ މެޗުތައް ހޯސްޓްކުރާ މާއުނގޫދޫ ނުކުންނާނީ މަރޮށިއާ ދެކޮޅަށެވެ.

މުބާރާތުގެ މެއިން ސްޕޮންސަރަކީ ށ. އަތޮޅު ކައުންސިލެވެ. ކޯ ސްޕޮންސަރުންނަކީ ބޭންކް އޮފް މޯލްޑިވްސް އާއި ރާއްޖޭގައި ފުޅާދާއިރާއެއްގައި ޖާޒީގެ ހުރިހާ ހިދުމަތެއް ދެމުން އަންނަ އައިލެންޑް އެޕެރަލްސް އެވެ. އޮފިޝަލް މީޑިއާ ޕާޓްނަރަކީ “ފަހުމިނެޓް” އެވެ. މީޑިއާ ޕާޓްނަރަކީ މިލައުތުރު.ކޮމް އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *