ގްރީން ސްޓްރީޓްސް ވެސް ލީގުން ވަކިވެއްޖެ، މިހާރު އޮތީ 6 ޓީމް

Advertisement

ގްރީން ސްޓްރީޓްސް ވެސް ލީގުން ވަކިވެއްޖެ، މިހާރު އޮތީ 6 ޓީމް

ފަހުމިނެޓް
ކްލަބް ވެލެންސިއާ އާއި ގްރީން ސްޓްރީޓްސް ވާދަކުރި މެޗުގެ ތެރެއިން. އެ ދެ ކްލަބް ވެސް ވަނީ މާލީ މައްސަލަތަކާ ހެދި ލީގުން ވަކިވެފަ. ފޮޓޯ: އެފްއޭއެމް

މާލީ ހާލަތު ދަށްވުމާއި ގުޅިގެން ކްލަބް ގްރީން ސްޓްރީޓްސް ވެސް ދިވެހި ޕްރިމިއާ ލީގުގެ ބާކީ މެޗުތައް ނުކުޅެން ނިންމައިފި އެވެ.

ރާއްޖޭގެ ފުޓްބޯޅަ މިއިން ދުވަހަކު ނުދާހާ ދަށަށްގޮސް ލީގުގައި ވާދަކުރުމުގެ މާލީ ޤާބިލްކަން ހުރީ މަދު ޓީމުތަކެއްގަ އެވެ. ގްރީން ސްޓްރީޓްސް ލީގުގައި ނުކުޅޭނެކަން ރަސްމީކޮށް އެންގީ މިއަދު އެވެ. އެކަމަކު އޭގެކުރިން ވެސް އެޓީމު ލީގުން ވަކިވާނެ ކަމުގެ އިޝާރާތެއް ވަނީ ދީފަ އެވެ.

ގްރީން ސްޓްރީޓްސްގެ އިތުރުން ކްލަބް ވެލެންސިއާ ވެސް ވަނީ މާލީ މައްސަލަތަކާއި ގުޅިގެން ލީގުން ވަކިވެފަ އެވެ.

ރާއްޖޭގެ އެންމެ ބޮޑު ލީގުގައި މިހާރު ބާކީ އޮތީ އެންމެ ހަ ޓީމެވެ. އެއީ ޗެމްޕިއަން މާޒިޔާގެ އިތުރުން ކްލަބް އީގަލްސް އާއި ޓީސީ ސްޕޯޓްސް ކްލަބް، ސުޕަ ޔުނައިޓެޑް ސްޕޯޓްސް، ބުރު ސްޕޯޓްސް ކްލަބް އަދި ޔުނައިޓެޑް ވިކްޓްރީ އެވެ.

ވަކިވި ދެ ޓީމުން ވަނީ އެ ކްލަބްތަކަށް ސަރުކާރުގެ ފައިސާ ދިނުމުގައި ތަފާތުކުރުން ގެންގުޅުނު ކަމަށް ބުނެފަ އެވެ. އެގޮތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އެއް ވަނަ ޑިވިޝަނުގެ ކްލަބްތަކުގެ ތެރެއިން ކޮންމެ ކްލަބަށް އެއް މިލިއަން ދޭން ނިންމި ނަމަވެސް ހުރިހާ ކްލަބަކަށް އެ އަދަދަށް ފައިސާ ލިބިފައެއްނުވެ އެވެ. ހަމައަށް ފައިސާ ނުލިބޭ ޓީމުތަކުގެ ތެރޭގައި ވެލެންސިއާ އާއި ގްރީން ސްޓްރީޓްސް ހިމެނެ އެވެ.

ގާތްގަނޑަކަށް ތިން މަހެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު ލީގުގެ ކުޅުން ފެށީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެދުވަހު ކުޅުނު މެޗުގައި އީގަލްސް އިން ވަނީ 1-8 އިން ޔުނައިޓެޑް ވިކްޓްރީ ބަލިކޮށްފަ އެވެ. އަދި އިއްޔެ އީގަލްސް އިން ވަނީ 1-2 އިން ޓީސީ އަތުން މޮޅުވެފަ އެވެ.

ލީގެ ޗެމްޕިއަން މާޒިޔާ އިން ބްރޭކަށް ފަހު ކުޅުނު ފުރަތަމަ މެޗުގައި ޔުނައިޓެޑް ވިކްޓްރީ 0-11 އިން ވަނީ ބަލިކޮށްފަ އެވެ.

ލީގުގައި ގްރީން ސްޓްރީޓްސް މިއަދު ކުޅެން އޮތީ ބުރު ސްޕޯޓްސް ކްލަބާ އެވެ.

ގްރީން ސްޓްރީޓްސް އަކީ 2010 ވަނަ އަހަރު އުފައްދައި ފުޓްބޯޅައިގައި ފަހަރަކު ހަރުފަތެއް ގިރާކުރަމުން އައި ކްލަބެކެވެ. އެޓީމު އެންމެ ފުރަތަމަ ވާދަކުރީ ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގަ އެވެ. އެ ކްލަބް ދެ ވަނަ ޑިވިޝަނަށް ޕްރޮމޯޓްވީ 2012 ވަނަ އަހަރު އެވެ. އޭގެފަހުން ފުރަތަމަ ޑިވިޝަނަށް އެ ކްލަބް ކޮލިފައިވީ 2016 ވަނަ އަހަރު މެޗަކުން ބަލިނުވެ ނިންމާލި ސީޒަނަކަށް ފަހު އެވެ.

ފުރަތަމަ ޑިވިޝަނުގައި ވާދަކުރަން ފަށައި އެ ކްލަބުން ރަނގަޅު ނަތީޖާތަކެއް ނެރުނެވެ. އެކަމަކު މާލީ މައްސަލަތަކާއި ހެދި ކްލަބުގެ ހިންގުން ދޯދިޔާވެ ކްލަބް ނިކަމެތިވި އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *