މުޅި އިންޑިއާ ރޮއްވާލުމަށްފަހު އޮސްޓްރޭލިއާ ވޯލްޑް ކަޕް ކާމިޔާބުކޮށްފި

Advertisement

މުޅި އިންޑިއާ ރޮއްވާލުމަށްފަހު އޮސްޓްރޭލިއާ ވޯލްޑް ކަޕް ކާމިޔާބުކޮށްފި

ފަހުމިނެޓް
އޮސްޓްރޭލިއާ އިން ކްރިކެޓް ވޯލްޑް ކަޕްގެ ޗެމްޕިއަން ޓްރޮފީ އުފުލާލަނީ

އިންޑިއާގައި ކުރިއަށްދިޔަ އައިސީސީ ކްރިކެޓް ވޯލްޑް ކަޕްގެ ޗެމްޕިއަންކަން އޮސްޓްރޭލިއާ އިން ހޯދައިފި އެވެ. މި މުބާރާތުގެ ތަށި އޮސްޓްރޭލިއާއިން ކާމިޔާބުކުރީ އިއްޔެ ކުޅުނު ފައިނަލްގައި އިންޑިއާއާ ވާދަކޮށް ހަ ވިކްޓުން މޮޅުވެގެންނެވެ.

އިއްޔެގެ މެޗުގައި ޓޮސް ދިމާވެގެން އޮސްޓްރޭލިއާއިން ނިންމީ ފުރަތަމަ އުކާށެވެ. އިންޑިއާއަށް ކުޅެން ލިބުނު ފުރުސަތުގައި ފުރަތަމަ 15 ވަރަކަށް އޯވަރުގައި ވަރަށް ރަގަޅަށް ލަނޑު ހަދަމުން ދިޔަނަމަވެސް ފުރަތަމަ 20 އޯވަރުގެ ކުރިން 3 ވިކްޓް ގެއްލުމާއެކު އިންޑިއާ ޕްރެޝަރަށް ވެއްޓުނެވެ. އެއާއެކު އިންޑިއާ އިން ރަގަޅު ޕާޓްނަޝިޕެއް އުފައްދަން ކުރި ހުރިހާ މަސައްކަތެއް އޮސްޓްރޭލިއާއިން ވަނީ ނާކާމިޔާބުކޮށްލައި ރަގަޅު ވަގުތުތަކުގައި ވިކެޓްތައް ނަގައިފަ އެވެ. އިންޑިއާއަށް 50 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 240 ލަނޑެވެ.

އިންޑިއާއިން އިއްޔެގެ މެޗުގައި އެންމެ ރަގަޅަށް ކުޅެފައިވަނީ 63 ބޯޅައިން 54 ލަނޑު ހެދި ކެޕްޓަން ވިރާތު ކޯލީ އެވެ. މިއީ މި މުބާރާތުގައި ކޯލީ ކުޅުނު 11 މެޗުގެ ތެރެއިން 50 ލަނޑު ހަމަކުރި ނުވަ ވަނަ މެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދީ ކޯލީ އެވެ. އިންޑިއާގެ އިނިންގްސްގައި އޮސްޓްރޭލިއާއިން އެންމެ ރަގަޅަށް އުކީ 55 ލަނޑަށް ތިން ވިކެޓް ނެގި ސްޓާކެވެ.

ޖަވާބުގައި އޮސްޓްރޭލިއާއިން ކުޅެން އަރައި ފުރަތަމަ ފަސް އޯވަރުގެ ތެރޭގައި 3 ކުޅުންތެރިން ނުބައިވުމާއެކު މެޗުގެ ފޯރި ގަދަވެ އިންޑިއާ ކޮޅަށް މެޗު އެނބުރުނީ ކަމަށް ގިނަ ބަޔަކަށް ހީކުރެވުނެވެ. އެހެން ނަމަވެސް އޮސްޓްރޭލިއާގެ ޓްރަވިސް ހެޑާއި ލަބުޝޭން ވަރުގަދަ ޕާޓްނަޝިޕެއް ގާއިމުކޮށް އޮސްޓްރޭލިއާ ސަލާމަތުގެ އައްސޭރިއަށް ގެންގޮސްދިނެވެ. އޮސްޓްރޭލިއާގެ އިނިންގްސްގައި އެންމެ ރަގަޅަށް ކުޅުނީ 120 ބޯޅައިން 137 ލަނޑު ހެދި ޓްރަވިސް ހެޑެވެ. އޮސްޓްރޭލިއާއިން އިންޑިއާގެ މައްޗަށް ކުރި ހޯދިއިރު ބާކީ ހަތް އޯވަރު އޮތެވެ.

މިއީ ދުނިޔޭގެ ތަށްޓަށް ކުޅެވޭ ކްރިކެޓް މުބާރާތް އޮސްޓްރޭލިއާއިން ކާމިޔާބުކުރި ހަ ވަނަ ފަހަރެވެ. މި މުބާރާތް އެންމެ ގިނައިން ކާމިޔާބުކޮށްފައިވަނީ ވެސް އޮސްޓްރޭލިއާއިންނެވެ.

މުބާރާތް ތިން ވަނަ ފަހަރަށް ކާމިޔާބުކުރުމުގެ އަޒުމުގައި ދުނިޔޭގެ އެންމެ ބޮޑު ކްރިކެޓް ސްޓޭޑިއަމަށް ނުކުތް އިންޑިއާއަށް އިއްޔެ ކުރިމަތިވި ނާކާމިޔާބީއަކީ މިފަހަރުގެ މުބާރާތުގައި އެ މީހުން ތަޖުރިބާކުރި ފުރަތަމަ ނާކާމިޔާބެވެ. އިއްޔެގެ މެޗު ބެލުމަށް އެއްލައްކައަށްވުރެ ގިނަ މީހުން ނަރެންދުރަ މޯދީ ސްޓޭޑިއަމަށް ވަދެތިބިއިރު އޭގެ ތެރޭގައި އިންޑިއާގެ ބޮޑު ވަޒީރު މޯދީ ވެސް ހިމެނެ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *