ފްރާންސް 14 ގޯލު، ނެދަލެންޑްސް ޔޫރޯ އަށް ކޮލިފައިވެއްޖެ

Advertisement

ފްރާންސް 14 ގޯލު، ނެދަލެންޑްސް ޔޫރޯ އަށް ކޮލިފައިވެއްޖެ

ފަހުމިނެޓް

ޔޫއެފާ ޔޫރޯ ކޮލިފައިންގައި ރޭ ފްރާންސުން ޖިބްރާލްޓާ 0-14 އިން ބަލިކުރިއިރު ރިބަޕްލިކް އޮފް އަޔަލެންޑް 0-1 އިން ބަލިކޮށް ނެދަލެންޑްސް މުބާރާތަށް ކޮލިފައިވެއްޖެ އެވެ.

ރޭގެ މޮޅަކީ ފުޓްބޯޅައިގެން ތާރީހުގައި ފްރާންސަށް ލިބުނު އެންމެ ބޮޑު މޮޅެވެ. ކޮލިފައިންގައި ހުރިހާ މެޗަކުން ބަލިވަމުން އަންނަ ޖިބްރާލްޓާ ކޮޅަށް ފްރާންސުން ކޮންމެ ހާފެއްގައި ހަތް ގޯލު ޖެހި އެވެ. މެޗުގައި ޖިބްރާލްޓާ އަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ 18 ވަނަ މިނެޓުގައި އެޓީމުގެ އީތަން ސަންޓޯސް އަށް ރަތް ކާޑު ދެއްކުމެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ފްރާންސްގެ ކެޕްޓަން ކިލިއަން އެމްބާޕޭ ވަނީ ހެޓްރިކް ހަދައިފަ އެވެ. އޭގެތެރޭގައި އެއް ޕެނަލްޓީ އާއި 40 ޔާޑު ދުރުން ޖެހި ގޯލެއް ހިމެނެ އެވެ.

ފްރާންސްގެ ބާކީ ގޯލުތައް ޖަހައިދިނީ މާކަސް ތުރަމް، ވަރެން ޒެއީ-އެމެރީ، ޖޮނަތަން ކްލައުސް، ކިންގްސްލީ ކޯމަން، ޔޫސުފް ފޮފާނާ، އުސްމާން ޑެމްބެލޭ، އެޑްރިއަން ރަބިއޯ އަދި އޮލިވިއޭ ޖިރޫޑް އެވެ. ފްރާންސްގެ ފުރަތަމަ ގޯލަކީ ތިން ވަނަ މިނެޓުގައި ސަންޓޯސް އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

މެޗުގައި ކުޅުނު ޒެއީ-އެމެރީ، 17، ވެފައިވަނީ މި ގަރުނުގައި ފްރާންސް ޓީމަށް ކުޅުނު އެންމެ ހަގު ކުޅުންތެރިޔާއަށެވެ. ފްރާންސް ޓީމަށް އެންމެ ހަގު އުމުރެއްގައި ކުޅުންތެރިއަކު ކުޅުނީ 1914 ވަނަ އަހަރުގަ އެވެ.

މުޅި މެޗުގައި ފްރާންސް 39 ހަމަލާ އުފެއްދިއިރު ޖިބްރާލްޓާ އަށް ފްރާންސްގެ ގޯލަށް އެއްވެސް ހަމަލާއެއް ފޮނުވައެއް ނުލެވުނެވެ.

ނެދަލެންޑްސް ހޯދި މޮޅުގައި ހަމައެކަނި ގޯލު ޖެހީ 11 ވަނަ މިނެޓުގައި ވައުޓް ވެގޯސްޓް އެވެ. މެޗުގައި ނެދަލެންޑްސް އިން ފޮނުވާލި ގިނަ ހަމަލާތަކެއް އަޔަލެންޑުގެ ގޯލްކީޕަރު ގެވިން ބަޒޫނާ ވަނީ މަތަކޮށްފަ އެވެ.

ނެދަލެންޑްސް ގްރޫޕުގެ ދެ ވަނަ ކަށަވަރުކުރީ ހަތް މެޗުން 15 ޕޮއިންޓް ހޯދައިގެންނެވެ. އެއް ވަނަ ޓީމުގެ ގޮތުގައި ކޮލިފައިވި ފްރާންސް ވަނީ ހުރިހާ މެޗަކުން މޮޅުވެ 21 ޕޮއިންޓް ހޯދައިފަ އެވެ. ތިން ވަނައިގައި އޮތް ގްރީސް އަށް ލިބިފައިވަނީ 12 ޕޮއިންޓެވެ. އަޔަލެންޑަށް ހަ ޕޮއިންޓް ލިފައިވާއިރު ޕޮއިންޓެއް ނުލިބި ޖިބްރާލްޓާ ފުލުގައި އޮތީ ގެއްލުން 35 ގޯލާ އެކު އެވެ.

އަންނަ އަހަރު ޖަރުމަނުގައި އޮންނަ ޔޫރޯ ކޮލިފައިންގައި މިހާރު ކުރިއަށް ދަނީ ފަހު މެޗުތަކެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *