މިލައުތުރު ކައްކުވާލާނެ ފުޓްސަލް މުބާރާތް މި މަހު 20 ގައި ފަށަނީ

ށ. އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން އެ އަތޮޅަށް ހުޅުވާލައިގެން ބާއްވާ މިލައުތުރު ފުޓްސަލް މުބާރާތް ބާއްވަން ތައްޔާރުވެއްޖެ އެވެ. އުތުރުގައި ބާއްވާ އެންމެ ފޯރިގަދަ ފުޓްސަލް މުބާރާތް މިއަހަރު ހޯސްޓް ކުރާނީ ށ. މާއުނގޫދޫ އާއި ށ. ގޮއިދޫގަ އެވެ.
ކޮންމެ ގްރޫޕެއްގައި ހަތް ޓީމު ހިމެނޭއިރު ގްރޫޕް އޭގެ މެޗުތައް ކުރިއަށް ދާނީ ގޮއިދޫގަ އެވެ. ގްރޫޕް ބީގެ މެޗުތައް ކުޅޭނީ މާއުނގޫދޫގަ އެވެ.
ގްރޫޕް އޭގައި ހިމެނެނީ ގޮއިދޫގެ އިތުރުން ކަނޑިތީމް، ނޫމަރާ، ފެށޫ، ފީވަށް، ބިލެތްފަހި އަދި ފޯކައިދޫ އެވެ.
ގްރޫޕް ބީގައި ހިމެނެނީ މެޗުތައް ހޯސްޓްކުރާ މާއުނގޫދޫ، ނަރުދޫ، މަރޮށި، ޅައިމަގު، ކޮމަންޑޫ، ފުނަދޫ އަދި މިލަންދޫ އެވެ.
މުބާރާތުގެ ގުރު ނެގުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މި މަހުގެ ހަ ވަނަ ދުވަހު އަތޮޅު ކައުންސިލުގަ އެވެ. ފުރަތަމަ މެޗު މާއުނގޫދޫގައި ކުޅޭއިރު، ބައްދަލުކުރާނީ ޅައިމަގާއި މިލަންދޫ އެވެ.
ލީގު ބުރެއް ކުޅުމަށް ފަހު ކޮންމެ ގްރޫޕަކުން ގަދަ ހަތަރު ޓީމު ކުއާޓާ ފައިނަލަށް ދަތުރުކުރާނެ އެވެ. ކުއާޓާ ފައިނަލް މެޗުތަކަށް ފަހު ސެމީ ފައިނަލް ދެ މެޗު ކުޅޭނީ ޑިސެމްބަރު އެއް ވަނަ ދުވަހު އެވެ.

މުބާރާތް ހޯސްޓްކުރުމަށް ހަމަޖެހިފައިވާ މާއުނގޫދޫ އަދި ގޮއިދޫގެ މުބާރާތުގެ އިންތިޒާމް ކޮމެޓީތަކާއި އެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން. ފޮޓޯ: މިލައުތުރު ފުޓްސަލް.
މިއަހަރުގެ މުބާރާތުގައި ވެސް އެ އަތޮޅުގެ 14 ރަށުން ވަނީ ބައިވެރިވެފަ އެވެ. މުބާރާތް ކުރިއަށް ދާނީ ނޮވެމްބަރު 20 އިން ޑިސެމްބަރު 03 ވަނަ ދުވަހުގެ ނިޔަލަށެވެ. ޗެމްޕިއަން ޓީމަށް 35،000 ރުފިޔާ ދޭއިރު ރަނަރަޕް ޓީމަށް 15،000 ދޭގޮތަށް ވަނީ ހަމަޖެހިފަ އެވެ.
މިލައުތުރުގައި ފުޓްސަލްގެ ފޯރި، ފެންނަނީ އެއްބައިވަންތަކަން
މުބާރާތް ފެށެން ކުޑަތަން ވެފައިވާއިރު މުޅި މިލައުތުރު އޮތީ މުބާރާތަށް ތައްޔާރުވެފަ އެވެ. ޓީމުތަކުން އެކުވެރިކަމުގެ މެޗުތައް ކުޅެމުންދާއިރު ގޮއިދޫ އާއި މާއުނގޫދޫ އިން އަންނަނީ މެޗުތައް ކުޅެން ފެންވަރު ރަނގަޅު އިންތިޒާމު ހަމަޖައްސަމުންނެވެ. ދެ ރަށުގެ ދަނޑު ތައްޔާރުކުރުމާއި ރަށުތެރެ ޒީނަތްތެރިކުރުމުގައި ރައްޔިތުންގެ އެއްބާރުލުން ބޮޑެވެ.

މިލައުތުރު ފުޓްސަލް މުބާރާތަށް މާއުނގޫދޫ ތައްޔާރުވަނީ. މުޅި މުބާރާތަށް އަތޮޅުގެ ރަށްތަކުން އަންނަނީ ފޯރިއާ އެކު ތައްޔާރުވަމުން. ފޮޓޯ: މިލައުތުރު ފުޓްސަލް
އަތޮޅު ކައުންސިލުން ބުނީ، މުބާރާތް ބޭއްވުމުގެ މަގްސަދަކީ ޒުވާނުންގެ ހިތްތަކުގައި ގައުމީ، ވަތަނީ ރޫހު އާލާކޮށް އެއްބައިވަންތަކުރުވައި ރަށްތަކުގެ ތަރައްގީ އަށް ކުރެވޭ ތަފާތު މަސައްކަތްތަކުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުން ކަމަށެވެ.
“އަތޮޅުގެ ޒުވާނުން ގައުމީ ފެންވަރުގެ މުބާރާތްތަކުގައި ހޯދަމުންދާ ކާމިޔާބީތަކަށް ހިތްވަރުދީ އަތޮޅު ފެންވަރުގެ މުބާރާތްތަކުގައި ވާދަކުރުމުގެ ފުރުސަތު ހޯދައިދިނުން” މުބާރާތުގެ މަގްސަދު ހާމަކުރަމުން ރާއްޖޭގެ އެންމެ ހިންގުންތެރި އަތޮޅު ކައުންސިލްގެ އެވޯޑް ހޯދާފައިވާ ށ. އަތޮޅު ކައުންސިލުން ބުނެފައިވެ އެވެ.
ފުޓްސަލްގެ އުއްމީދާ ގުޅިފައިވާ އަތޮޅެއް
ށ. އަތޮޅުގެ ރަށްތައް ފާހަގަކުރެވެނީ އަތޮޅު ފެންވަރާއި ގައުމީ ފެންވަރުގެ މުބާރާތްތަކުގައި ވާދަކުރާއިރު ދުރާލާ ތައްޔާރުވާ ރަށްތަކެއް ހިމެނޭ ހުނަރުވެރި ކުޅުންތެރިން ތިބި އަތޮޅެއްގެ ގޮތުގަ އެވެ. އެ އަތޮޅުގެ ހުރިހާ ރަށެއްގައި ފުޓްސަލްގެ ފޯރި ގަދަވެފައިވާއިރު ފުޓްސަލް ދަނޑުގައި ރަށު ފެންވަރުގެ މުބާރާތްތައް އަންނަނީ ބާއްވަމުންނެވެ. އެ މުބާރާތްތަކުގައި ރާއްޖޭގެ މަޝްހޫރު ފުޓްސަލް ތަރިން ކުޅެފައިވެ އެވެ. އެކަމަކު މިލައުތުރުގެ ގަވާއިދުގައިވާ ގޮތުން މުބާރާތުގައި ރަށުން ބޭރު ކުޅުންތެރިއަކަށް ނުކުޅެވޭނެ އެވެ.

ގޯލްޑެން ފުޓްސަލް ޗެލެންޖުގައި ވާދަކުރި ގޮއިދޫ ޓީމް. 2019 ވަނަ އަހަރުގެ މުބާރާތުގެ ސެމީ އަށް އެ ޓީމު ދަތުރުކުރި
ފުޓްސަލްގައި އަތޮޅުގެ ތާރީހަށް ބަލާއިރު މިއަހަރު ކުރީކޮޅު އޮތް ގޯލްޑެން ފުޓްސަލް ޗެލެންޖުގައި އެ އަތޮޅުގެ ހަތް ރަށަކުން ވާދަކުރި އެވެ. އަދި، މިދިޔަ އަހަރު އޮތް ޓެކާސް މައިލޯ ޗެމްޕިއަންޝިޕް ފުޓްސަލްގައި ހަ ރަށް ވާދަކުރި އެވެ.
މުޅި ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ގޯލްޑެން ފުޓްސަލްގެ ސެމީ ފައިނަލާ ހަމައަށް އެ އަތޮޅު ގޮއިދޫ 2019 ވަނަ ދަތުރުކޮށްފަ އެވެ. ކޯޗު އަހުމަދު ނިޔާޒްގެ އިރުޝާދުގެ ދަށުން ކުޅުނު ގޮއިދޫ އަށް ޝަރަފްވެރި ފައިނަލުން އެފަހަރު ފުރުސަތު ގެއްލުނީ ފުޓްބޯޅަ އާއި ފުޓްސަލްގައި މަޝްހޫރު ބ. އޭދަފުށި އަތުން 3-2 ގެ ހަނި ނަތީޖާއަކުން ބަލިވުމުންނެވެ. އެ މުބާރާތުގައި ގޮއިދޫ ޓީމަށް އެރަށުން ރަތް ދޫލައިގެ މަރުހަބާ ކި އެވެ. ގޮއިދޫ އިން އެރަށުގެ ފުޓްސަލް ޓީމަށް ކީ މަރުހަބާ އަށް ރާއްޖޭގެ ސަމާލުކަން ހުއްޓުނެވެ.
މިދިޔަ އަހަރު ޗެމްޕިއަންކަން ފުނަދޫ އަށް، ރަނަރަޕް ނަރުދޫ
މިދިޔަ އަހަރުގެ މިލައުތުރު ފުޓްސަލް މުބާރާތް ހާއްސަކުރީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުމާ އެވެ. އެ މުބާރާތް ކުރިއަށް ގެންދިޔައީ މިނިސްޓްރީ އޮފް ޓޫރިޒަމްގެ ބޮޑު އެހީތެރިކަމަކާ އެކު އެވެ.
ދެ ގްރޫޕަކަށް ބަހާލައިގެން މިދިޔަ އަހަރުގެ މުބާރާތް އޮކްޓޫބަރު މަހު ބޭއްވީ ށ. ނަރުދޫ، ށ. ފޭދޫ އަދި ށ. ޅައިމަގުގަ އެވެ.

މިދިޔަ އަހަރުގެ ރަނަރަޕް ނަރުދޫ ޓީމު މުބާރާތަށް ތައްޔާރުވަނީ. މުބާރާތް ފޯރިގަދަވާނެ. ފޮޓޯ: ނަރުދޫ ސްޕޯޓްސް ކްލަބް
މިދިޔަ އަހަރުގެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ނަރުދޫ ޓީމުގެ އިބްރާހީމް ޝާފިއު އެވެ. އެންމެ ގޯލު ޖެހި ކުޅުންތެރިއަކަށް ހޮވުނީ ނޫމަރާ ޓީމުގެ މޫސާ ސަނީހު އެވެ.
ސްޕޮންސަރުންނާއި އެކު މުބާރާތުގެ އަޑު މުޅި ރާއްޖެ އަށް
މިލައުތުރު ފުޓްސަލް މުބާރާތް ބާއްވާއިރު ސްޕޮންސަރުން ވަނީ ހަމަޖައްސައިފަ އެވެ. ސްޕޮންސަރުންގެ އެހީގައި މިފަހަރުގެ މުބާރާތް ފެންނަނީ ވަރަށް ފޯރިގަދަކޮށެވެ. ސޯޝަލް މީޑއާ ހިންގުމުގެ އިތުރުން މުބާރާތުގެ އެހެނިހެން އިންތިޒާމުތައް އެންމެ ފުރިހަމަ ކުރުމަށް އަތޮޅު ކައުންސިލުން އަންނަނީ ބުރަކޮށް މަސައްކަތް ކުރަމުންނެވެ.

މުބާރާތުގެ ސްޕޮންސަރުން
މުބާރާތުގެ މެއިން ސްޕޮންސަރަކީ ށ. އަތޮޅު ކައުންސިލެވެ. ކޯ ސްޕޮންސަރުންނަކީ ބޭންކް އޮފް މޯލްޑިވްސް އާއި ރާއްޖޭގައި ފުޅާދާއިރާއެއްގައި ޖާޒީގެ ހުރިހާ ހިދުމަތެއް ދެމުން އަންނަ އައިލެންޑް އެޕެރަލްސް އެވެ. އޮފިޝަލް މީޑިއާ ޕާޓްނަރަކީ “ފަހުމިނެޓް” އެވެ. މީޑިއާ ޕާޓްނަރަކީ މިލައުތުރު.ކޮމް އެވެ.
މިލައުތުރު ފުޓްސަލް މުބާރާތުގެ ހުރިހާ މެޗެއް ފޭސްބުކް މެދުވެރިކޮށް ވަގުތުން ލައިވްކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. މުބާރާތުގެ އެންމެ ފަހުގެ ހަބަރުތަކާއި މެޗުތަކުގެ ހަބަރުތައް “ފަހުމިނެޓް” ވެބްސައިޓުން ގެނެސްދޭނެ އެވެ.
Advertisement


Leave a Reply