ކުޅިވަރު ވަކިކޮށް ވަޒީރުކަމަށް ރާފިއު ހަމަޖައްސައިފި
ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ އިއްޔެ ކުރެއްވި ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުޅިވަރު ވަކި މިނިސްޓްރީއެއްގެ ގޮތުގައި ކަނޑައަޅައި ވަޒީރުކަމަށް ޑރ. އަބްދުﷲ ރާފިއު (ރާއްޕެ) ހަމަޖައްސައިފި އެވެ.
ކުޅިވަރުގެ އާ މިނިސްޓްރީ އަކީ، މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން އެވެ. މީގެކުރިން ކުޅިވަރު މިނިސްޓްރީ ހިންގަމުން ދިޔައީ ޔޫތު މިނިސްޓްރީގެ ބައި ހިމަނައިގެންނެވެ. އެކަމަކު އާ ބަދަލާ އެކު ފިޓްނަސްގެ މެންޑޭޓުތައް ހިމަނާފައިވަނީ ކުޅިވަރު މިނިސްޓްރީގަ އެވެ.
ކުޅިވަރު މިނިސްޓްރީގެ މެންޑޭޓްގެ ތެރޭގައި މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސްގެ މަސައްކަތްތައް ވެސް ހިމެނެ އެވެ. އެ އިދާރާއިން ކުރާނީ ދިވެހިރާއްޖޭގެ ކުޅިވަރުގެ ގާނޫނުގެ 37 ވަނަ މާއްދާގައި މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސްގެ މަގްސަދުތަކުގެ ގޮތުގައި ކަނޑައަޅާފައިވާ މަގްސަދުތައް ހާސިލްކުރުމުގެ މަސައްކަތެވެ.
ކުޅިވަރު މިނިސްޓްރީގެ މެންޑޭޓުގެ ތެރޭގައި ޖުމްލަ 29 ކަމެއް ވަނީ ހިމަނައިފަ އެވެ. އޭގެތެރޭގައި ކުޅިވަރުގެ ވަސީލަތްތައް ތަރައްގީކުރުމާއި، ކުޅިވަރާއި ފިޓްނަސް ދާއިރާގެ ތަފާސްހިސާބުތައް ބެލެހެއްޓުމާއި ކުޅިވަރާއި ގުޅުންހުރި މުނާސަބަތުތައް ގައުމީ ފެންވަރުގައި ފާހަގަކުރުން ހިމެނެ އެވެ.
ފިޓްނަސް ދާއިރާގެ ހިދުމަތް ދިނުމުގައި އުސޫލުތައް އެކުލަވާލައި އެ ދާއިރާގެ ހިދުމަތްތައް ރެގިއުލޭޓް ކުރުން ވެސް މެންޑޭޓްގެ ތެރޭގައި ވަނީ ހިމަނައިފަ އެވެ. އަދި، މިނިސްޓްރީގެ ދަށުގައި ހުރި ޒުވާނުންގެ މަރުކަޒުތައް ބެލެހެއްޓުން ވެސް ކުރިއަށް ދާނީ އާ ވުޒާރާގެ ދަށުންނެވެ.
ކުޅިވަރު ގައުމީ މަޖިލީހުގައި އިސް ޒިންމާއެއް އަދާކުރައްވަމުން އައި ޑރ. ރާފިއު އަކީ އިންޑިއާ އިން މެޑިކަލް ރިހެބިލިޓޭޝަންގެ ދާއިރާ އިން މާސްޓާސް ޑިގްރީ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.
ޑރ. ރާފިއު އަކީ ރާއްޖޭގެ ބައެއް ކްލަބްތަކާއި ގައުމު ތަމްސީލުކޮށްފައިވާ ބައިނަލްއަގްވާމީ ކުޅިވަރު މުބާރާތްތަކުގައި މެޑިކަލް ޓީމު ލީޑު ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން، އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ރާއްޖެ އެންމެ ފަހުން ވާދަކުރި 2015، 2019 އަދި 2023 ވަނަ އަހަރު މެޑިކަލް ޓީމު ލީޑުކުރެއްވީ ރާފިއު އެވެ.
ރާފިއު ވަނީ ގައުމީ ފުޓްބޯޅަ ޓީމުގެ ޑޮކްޓަރުގެ ޒިންމާ ވެސް މީގެކުރިން ނަންގަވައިފަ އެވެ.
Advertisement
Leave a Reply
ވަޒީރު އަބުދުﷲހި ރާފިއުއަކީ އެބޭޕުޅާ ހޮސްޕިޓަލްގަ އުޅުއްވި އިރު އަޅުގަޑު ވަރައް ރަގަޅައް ދައްނަ ބޭފުޅެކެވެ ކަށީގެ ހިދުމަތް ހޯދެވުމައް ވަޒީރު ރާފިޢު އާ ބައް ދަލްވި ކޮއްމެ ބފުޅަކަށްވެސް ހިދުމަތް ކޮށް ދެއްވަ ވާފަ ވަނީ ހިނިތުން ވުމާ އޯގާތެރި ކަމާއެކުގަ ކޮއމެމީހަކާވެސް ކިތައްމެ ބިޒީ ކޮއް އުޅުއްވިޔަސް ކުރާސުވާލަކައް ވިއްޔާޖަވާބު ދެއްވާ ރަގަޅު ބޭފުޅެކެވެ މަރުހާބާ ވަޒީރު އަބުދު ﷲހި ރާފިޢު