ޗެމްޕިއަން އިޓަލީ ޔޫރޯ އަށް ކޮލިފައިވުމުގެ ފުރުސަތު ބޮޑުކޮށްފި

Advertisement

ޗެމްޕިއަން އިޓަލީ ޔޫރޯ އަށް ކޮލިފައިވުމުގެ ފުރުސަތު ބޮޑުކޮށްފި

ފަހުމިނެޓް

ޔޫއެފާ ޔޫރަޕިއަން ޗެމްޕިއަންޝިޕް 2021 ވަނަ އަހަރު ކާމިޔާބުކުރި އިޓަލީ އިން އަންނަ އަހަރު ޖަރުމަނުގައި އޮންނަ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ކޮލިފައިވުމުގެ ފުރުސަތު ބޮޑުކޮށްފި އެވެ.

އިޓަލީ ރޭ ވަނީ އަމިއްލަ ދަނޑުގައި 2-5 އިން ނޯތު މެސެޑޯނިއާ ބަލިކޮށްފަ އެވެ. ނޯތު މެސެޑޯނިއާ އަކީ މިދިޔަ އަހަރު ގަތަރުގައި އޮތް ފީފާ ވޯލްޑް ކަޕަށް ކޮލިފައިވާން އިޓަލީ ކުރި މަސައްކަތަށް ހުރަސް އެޅި ޓީމެވެ. ޕްލޭ އޮފް ސެމީ ފައިނަލުގައި ނޯތު މެސެޑޯނިއާ އަތުން ހައިރާން ކުރުވަނިވި ގޮތަކަށް ބަލިވުމުން އިޓަލީ އަށް އެންމެ ފަހުގެ ވޯލްޑް ކަޕުން ފުރުސަތު ގެއްލުނެވެ.

ރޭގެ މެޗުގައި އިޓަލީ އަށް ގޯލުތައް ކާމިޔާބުކޮށްދިނީ ދެ ގޯލު ޖެހި ފެޑެރިކޯ ކިއޭސާ، މަޓެއޮ ޑާމިއަން އަދި ޖިއަކޯމޯ ރަސްޕަރޯޑީގެ އިތުރުން ސްޓެފަން އެލް ޝަރާވީ އެވެ. ނޯތު މެސެޑޯނިއާގެ ދެ ގޯލު ވެސް ކާމިޔާބު ކޮށްދިނީ ޔަނީ އެޓަނަސޯވް އެވެ.

މޮޅާ އެކު އިޓަލީ ވަނީ ގްރޫޕުގެ ދެ ވަނަ އަށް ކުރިއަށް ޖެހިލާފަ އެވެ. އިޓަލީގެ އިތުރުން ތިން ވަނައިގައި އޮތް ޔޫކްރޭން ވެސް ވަނީ 13 ޕޮއިންޓް ހޯދައިފަ އެވެ.

ކޮލިފައިންގައި އިޓަލީ ކުޅޭ ފަހު މެޗުގައި ނުކުންނާނީ ރަށުން ބޭރުގައި ޔޫކްރޭންއާ ދެކޮޅަށެވެ. އެ މެޗު އެއްވަރުކޮށްލައިގެން ވެސް އިޓަލީ އަށް ޔޫރޯގެ ސީދާ ޖާގައެއް ލިބޭނެ އެވެ. އިޓަލީ ވަނީ ކޮލިފައިންގައި އަމިއްލަ ގައުމުގައި 1-2 އިން ޔޫކްރޭން ބަލިކޮށްފަ އެވެ.

އެ ގްރޫޕުގެ އަނެއް މެޗުގައި ރޭ އިންގްލެންޑް ވަނީ 0-2 އިން މޯލްޓާ ބަލިކޮށްފަ އެވެ. ޕޮއިންޓެއް ނުލިބި ގްރޫޕުގެ ފުލުގައި އޮތް މޯލްޓާ ކޮޅަށް އިންގްލެންޑް ޖެހި ފުރަތަމަ ގޯލު ވަނީ ބައިކޮޅަށެވެ. އަނެއް ގޯލު ޖެހީ ހެރީ ކޭން އެވެ.

އިންގްލެންޑްގެ ފަރާތުން ރޭ ކުޅުނު ދަށް ކުޅުމަށް ފާޑުކިޔުން އަންނަނީ އަމާޒުވަމުންނެވެ. މެޗަށް ފަހު އިންގްލެންޑުގެ ކޯޗު ގަރެތު ސައުތުގޭޓް ވަނީ އިންގްލެންޑުގެ ކުޅުން ރަނގަޅުކުރަން ޖެހޭ ކަމަށް ބުނެފަ އެވެ.

ޔޫރޯގެ ޖާގައެއް ކަށަވަރުކޮށްފައިވާ އިންގްލެންޑް، ގްރޫޕުގެ އެއް ވަނައިގައި އޮތީ 9 ޕޮއިންޓާ އެކު އެވެ.

ކޮލިފައިންގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ޕޮލެންޑާއި ޗެކް ރިޕަބްލިކް ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. ޑެންމާކް ވަނީ އަމިއްލަ ދަނޑުގައި 1-2 އިން ސްލޮވީނިއާ ބަލިކޮށްފަ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *