އަހަރުގެ ގޯލްޑެން ބޯއީ އަކީ ބެލިންހަމް

މިއަހަރުގެ “ގޯލްޑެން ބޯއީ” އެވޯޑް އިންގްލެންޑާއި ރެއާލް މެޑްރިޑްގެ ތަރި ޖޫޑް ބެލިންހަމް، 20، އަށް ލިބިއްޖެ އެވެ.
ކޮންމެ އަހަރަކު ހޮވާ ގޯލްޑެން ބޯއީ އެވޯޑަކީ ޔޫރަޕްގެ ލީގުތަކުގައި ކުޅޭ ކުޅުންތެރިންގެ ތެރެއިން އެންމެ މޮޅު 21 އަހަރުން ދަށުގެ ކުޅުންތެރިޔާ ހޮވުމަށް 2003 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ އެވޯޑެކެވެ.
އިޓަލީގެ “ޓުޓޯ ސްޕޯޓްސް” އިން ދޭންފެށި އެވޯޑަށް ވޯޓު ލަނީ ކުޅިވަރު ނޫސްވެރިންނެވެ. އޭގެތެރޭގައި ދުނިޔޭގެ މަޝްހޫރު ލީގުތައް ނިސްބަތްވާ ގައުމުތަކުގެ ކުޅިވަރު ނޫސްވެރިން ހިމެނެ އެވެ.
އެވޯޑް ދެނީ އަހަރުގެ ކުޅުމަށް ބަލާފަ އެވެ. ބެލިންހަމްއާ އެންމެ ގާތުން އެވޯޑަށް ވާދަކުރީ ޖަރުމަނާއި ބަޔާން މިއުނިކްގެ މިޑްފީލްޑް ޖަމާލް މުސިއާލާ އާއި އާރުބީ ލައިޕްޒިގަށް ކުޅޭ ނެދަލެންޑްސްގެ މިޑްފީލްޑަރު ޒަވީ ސިމޮންސް އެވެ.
ގޯލްޑެން ގާލް އެވޯޑް ހޯދީ ކޮލަމްބިއާ އާއި ރެއާލްގެ ފޯވާޑް ލިންޑާ ކައިސީޑޯ، 18، އަށެވެ.
ބެލިންހަމް ވަނީ މިއަހަރުގެ ބެލޮންޑިއޯ ހަފްލާގައި ދުނިޔޭގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ އަށް ދޭ ކުޅުންތެރިޔާ އަށް ދޭ ކޮޕާ ޓްރޮފީ ވެސް ހޯދައިފަ އެވެ.
މިދިޔަ ސީޒަނަށް ފަހު ބޮރުޝިއާ ޑޯޓްމަންޑް ދޫކޮށް ރެއާލަށް ބަދަލުވެ މި ސީޒަނުގައި ބެލިންހަމް ވަނީ މިހާތަނަށް ކުޅުނު 14 މެޗުގައި 13 ގޯލު ޖަހައިފަ އެވެ.
ބެލިންހަމް އަށް ލިބުނު އެވޯޑުގައި ހިއްސާވަނީ އިންގްލެންޑުގެ އިތުރުން ޑޯޓްމަންޑާއި ރެއާލް އެވެ. ބެލިންހަމް ވަނީ އެވޯޑް ލިބުމުން އެ ޓީމުތަކާއި ކުޅުންތެރިންނަށް ޝުކުރުއަދާކޮށްފަ އެވެ.
ގޯލްޑެން ބޯއީ އެވޯޑް މިދިޔަ ދެ އަހަރު ހޯދީ ބާސެލޯނާގެ ގަވީ އާއި ޕެޑްރީ އެވެ. އެވޯޑް ހޯދި މަޝްހޫރު އެހެން ކުޅުންތެރިންނަށް ބަލާއިރު ލިއޮނެލް މެސީ އާއި ވޭން ރޫނީގެ އިތުރުން ކިލިއަން އެމްބާޕޭ އަދި އާލިން ބްރައުޓް ހާލަންޑް ހިމެނެ އެވެ.
މެންޗެސްޓާ ސިޓީގައި މިދިޔަ ސީޒަނުގައި 52 ގޯލު ޖެހި ހާލަންޑަށް ވަނީ ގޯލްޑެން ޕްލެޔާ އެވޯޑް ދީފަ އެވެ. ހާލަންޑް ވަނީ ސިޓީއާ އެކު މިދިޔަ ސީޒަނުގެ ޔޫއެފާ ޗެމްޕިއަންސް ލީގާއި އިނގިރޭސި ޕްރިމިއާ ލީގުގެ އިތުރުން އެފްއޭ ކަޕް ކާމިޔާބު ކޮށްފަ އެވެ.
އަންހެން ގޯލްޑެން ޕްލެޔާގެ އެވޯޑް ހޯދީ ބާސެލޯނާ އާއި ސްޕެއިންގެ މިޑްފީލްޑަރު އައިޓާނާ ބޮންމާޓީ އެވެ. އޭނާ ވަނީ މިއަހަރުގެ ބެލޮންޑިއޯ އަންހެން އެވޯޑް ވެސް ހޯދައިފަ އެވެ.
އެހެން އެވޯޑްތަކަށް ބަލާއިރު ޔޫރަޕްގެ އެންމެ މޮޅު މެނޭޖަރަކަށް ހޮވުނީ އާސެނަލްގެ ސްޕޯޓިން ޑިރެކްޓަރު އެޑޫ ގެސްޕާ އެވެ. ޔޫރަޕްގެ އެންމެ މޮޅު، ކްލަބް ރައީސް އަކަށް ހޮވުނީ ބްރައިޓަންގެ ޓޮނީ ބްލޫމް އެވެ.
Advertisement


Leave a Reply