އުޅުނީ އަޅުގަނޑު ބޭރުކުރަން، އެކަން ނުވީމަ ބޭއްވީ ޒާތީ ހަސަދައެއް: ބައްސާމް

Advertisement

އުޅުނީ އަޅުގަނޑު ބޭރުކުރަން، އެކަން ނުވީމަ ބޭއްވީ ޒާތީ ހަސަދައެއް: ބައްސާމް

ފަހުމިނެޓް
ބައްސާމް (ކ) އާއި މަހުލޫފް. ބައްސާމް ވަނީ ސްޕޯޓްސް މިނިސްޓްރީގެ ނިންމުންތަކަށް ފާޑުވިދާޅުވެފަ. ފޮޓޯ: އެފްއޭއެމް

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސްކަމުގައި ހޭދަކުރާ ދެވަނަ ދައުރުގައި އެ މަގާމުން އޭނާ ބޭރުކުރަން ބަޔަކު މަސައްކަތްކުރި ކަމަށާއި އެކަން ކާމިޔާބުނުވުމުން ޒާތީ ހަސަދައެއް ބޭއްވި ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.

ސަންގު ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ބައްސާމް ވަނީ އެފްއޭއެމް ހުއްޓިފައި އޮތް ހާލަތު މެދުވެރިވުމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ސަރުކާރުގެ ޔޫތޫ އެންޑް ސްޕޯޓްސް މިނިސްޓްރީ އަށް ތުހުމަތުކޮށްފަ އެވެ. ނަމެއް ފާހަގަ ނުކުރިނަމަވެސް ބައްސާމްގެ ވާހަކައިގައި ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.

ބައްސާމް ވިދާޅުވީ މި ސަރުކާރު ހަވާލުވުމަށްފަހު 2019 ވަނަ އަހަރު ކުއްލިއަކަށް ކްލަބްތަކަށް ދޭންޖެހޭ ފައިސާ މެދުކަނޑާލި ކަމަށެވެ. ރައީސް ޔާމީންގެ ސަރުކާރުން ކޮންމެ ކްލަބަކަށް ދެމުންގެންދިޔަ ތިން މިލިއަން ރުފިޔާ ނުދޭން ނިންމުމުން ކްލަބްތައް ނިކަމެތިވި ކަމަށާއި، ކްލަބްތައް ނުހުއްޓި ކުރިއަށް ގެންދަން އެ ފައިސާ ދިނުމުގެ ޒިންމާއާ ހަވާލުވީ އެފްއޭއެމް އިން ކަމަށް ބައްސާމް ވިދާޅުވި އެވެ.

އެފްއޭއެމް އަޑިއަޅާލީ ސަރުކާރުގެ ތެރެއިން ބަޔަކު ކުރި ކަމަކުން ކަމަށާއި އެ ގެއްލުން ދިނީ ރާވައިގެން ކަމަށް ބައްސާމް ފާހަގަކުރެއްވި އެވެ.

“އަޅުގަނޑުމެންނަށް ލިބިފައި އޮތް މައުލޫމާތަކީ ސަރުކާރުގެ ތެރެއިން ބައެއް ކުންފުނިތަކަށް ގުޅައި އެފްއޭއެމަށް ސްޕޮންސަޝިޕް ނުދިނުމަށް އެދި ރިކުއެސްޓް ވެސް ކޮށްފައިވާކަން” ބައްސާމް ވިދާޅުވި އެވެ.

ބައްސާމް ވިދާޅުވީ ކުންފުނިތަކުގެ ސްޕޮންސާ ނުލިބުމާއި ކޮވިޑްގެ ހާލަތު މެދުވެރިވުމުގެ ސަބަބުން ބޭރުގެ ސްޕޮންސަޝިޕްތައް ހަމަނުޖެހުމަކީ ވެސް އެފްއޭއެމްގެ މާލީ ހާލަތަށް ކުރި ނުރަނގަޅު އަސަރެއް ކަމަށެވެ.

“އަޅުގަނޑުމެންނާއި ކުޅިވަރު ވުޒާރާގެ ވަޒީރާ ޖެހުނު މައްސަލަތަކެއްގައި ރޭވިގެން ފުޓްބޯޅައަށް ދީފަހުރި ގެއްލުމެއް މިއީ. އެ އުނދަގޫ ތެރޭގަ އަޅުގަނޑުމެން މި ހަތަރު އަހަރު ތަހައްމަލްކުރީ” ފައިސާ ލިބުމުގެ މަގުތައް ބަންދުވުމުގެ ސަބަބުތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ބައްސާމް ވިދާޅުވި އެވެ.

ބައްސާމް، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް އަށް ގައުމީ ޓީމުގެ ޖާޒީއެއް ހަވާލުކުރައްވަނީ. ސަރުކާރާ އޮތް ގުޅުން ގޯސްކަމަށް ބައްސާމް ވިދާޅުވި. ފޮޓޯ: ރައީސް އޮފީސް

ސަރުކާރާ އޮތް ގުޅުން ހީނަރުވެ ފުޓްބޯޅައަށް އަސަރުކުރި

މަހުލޫފްގެ ވަޒީރުކަމުގެ ކުރީކޮޅު ބައްސާމް އެފްއޭއެމްގެ ރައީސްކަމުން ދުރުކުރުމުގެ މަސައްކަތް ފެއްޓެވި އެވެ. އެކަމަކު ފުރަތަމަ ޑިވިޝަނުގެ ކްލަބްތައް އެފްއޭއެމްގެ ލީޑަޝިޕާ ކޮޅަށް އަރައި ބައްސާމަށް ދެވަނަ ދައުރެއް ދިނެވެ. ވަކި ހިސާބަކުން މަހުލޫފް ވަނީ ބައްސާމާ ދެކޮޅަށް ކުރެއްވި މަސައްކަތް ހުއްޓާލެއްވުމަށް ފަހު އެފްއޭއެމްއާ ގުޅިގެން މަސައްކަތް ކުރާނެކަމަށް ވިދާޅުވެފަ އެވެ. އެކަމަކު ބައްސާމް ވިދާޅުވީ އެފްއޭއެމް އަށް މާލީ އެހާބޮޑު ދަތިކަމެއް ކުރިމަތިވީ ސަރުކާރާ އޮތް ގުޅުން ހީނަރުވުމުން ކަމަށެވެ. އަދި، ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު މަހުލޫފް ދާދިފަހުން ރާއްޖޭގެ އޮންލައިން ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ބައްސާމާ ގުޅޭގޮތުން ދެއްކެވި ވާހަކަ ބައްސާމް ގުޅުވީ އޭނާ ފުރުއްވަމުން ގެންދަވާ ދެވަނަ ދައުރާ އެވެ.

ރާއްޖޭގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި މަހުލޫފް ވިދާޅުވީ އެފްއޭއެމްގެ ލީޑާޝިޕް ބަދަލުކޮށްދީފިނަމަ، ކްލަބްތަކަށް ސަރުކާރުގެ ތެރެއިން އެހީވާނެކަމުގެ ޔަގީންކަން ދިނިން ކަމަށާއި ނަމަވެސް ކްލަބްތަކުން އެގޮތް ބޭނުން ނުވީ ކަމަށެވެ.

“އޭރު ވަރަށް ސާފުކޮށް ކްލަބްތަކާ އެކީ މަޝްވަރާކޮށްފަ އަޅުގަނޑުމެން ބުނިން. އަޅުގަނޑުމެން މި އުޅެނީ ބަދަލެއް ގެންނަންކަން. އެ ބަދަލުގައި އަޅުގަނޑުމެންނާ އެކީގައި ބައިވެރިވާ ކަމަށްވަންޏާމު ސަރުކާރުގެ ތެރެއިން އެކި ކަހަލަ އެހީތަކާއި އެއްބާރުލުން ވެސް ލިބޭނެ ވާހަކަ އޮންނާނީ ދައްކާފަ. ނަމަވެސް ކްލަބްތަކުން ބޭނުމެއް ނުވޭ” މަހުލޫފް ވިދާޅުވެފައިވެ އެވެ.

ބައްސާމް ވިދާޅުވީ މިނިސްޓަރު އެގޮތަށް ވިދާޅުވުމުން ދޭހަވަނީ އެފްއޭއެމްގެ ރައީސްކަމުގައި “ވަކި މީހަކު ހުރެގެން ކްލަބްތަކަށް ފައިސާ ނުދިނީ” ކަމަށެވެ.

އެއަށްފަހު ބައްސާމް ވިދާޅުވީ، ބޭނުމަކަށްވީ އޭނާ ބޭރުކުރުން ކަމަށާއި އެކަން ނުވުމުން ޒާތީ ހަސަދައެއް ބޭއްވީ ކަމަށެވެ.

“މިތަނުން ބޭރުކުރުމަށްޓަކައި ކުރެވުނު މަސައްކަތްތައް ނާކާމިޔާބުވުމުން އެ ޒާތީ ހަސަދައެއްވެސް އޮތީ ކަންނޭނގެ. ވަރަށް ފަހުން އަޅުގަނޑަށް ނޫސްތަކުން ވެސް މި ފެންނަނީ އޭރުގެ މެނޭޖްމަންޓް ބަދަލުކުރި ނަމަ ކްލަބްތަކަށް އެ ފައިސާވެސް ދޭނެކަމަށް ކުޅިވަރު ވަޒީރު އެބައޮތް ވިދާޅުވެފަ” މަހުލޫފަށް އިޝާރާތްކުރައްވައި ބައްސާމް ވިދާޅުވި އެވެ.

ވަކި މީހަކު މަގާމުގައި ހުރެގެން ސަރުކާރުން ކްލަބްތަކަށް ދޭ ފައިސާ ހުއްޓުވުމަކީ ފުޓްބޯޅަ އާއިލާއަށް ދިން ވަރަށް ބޮޑު ދެރައެއް ކަމަށް ބައްސާމް ވިދާޅުވި އެވެ.

އެފްއޭއެމް އަށް ކޮރަޕްޝަންގެ ތުހުމަތުކޮށް އެ އިދާރާގެ ތަހުގީގެއް ފުލުހުން މިހާރު ދަނީ ހިންގަމުންނެވެ. ރާއްޖޭގެ ފުޓްބޯޅަ މިދިޔަ ދުވަސްތަކުގައި ހުއްޓިފައި އޮތުމަށް ފަހު ދިވެހި ޕްރިމިއާ ލީގުގެ މެޗުތައް މިއަދު އަލުން ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *

  • މިހާރު ދެން ތިދައްކަނީ ބޭކާރު ވާހަކަ. ޥަގުތު ފާއިތު ވެހޖެ