ކޮންމެ 75 ސިކުންތަކުން ހަމަލާއެއް، އެކަމަކު ޖެހުނީ 9 ގޯލު

އިންޑޮނީޝިއާގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕް 17 އަހަރުން ދަށުގެ މުބާރާތުގައި އިއްޔެ ބްރެޒިލްގެ ޒުވާން ޓީމުން ނިއު ކެލެޑޯނިއާއާ ދެކޮޅަށް ކޮންމެ 75 ސިކުންތަކުން ހަމަލާއެއް އުފެއްދި މެޗު 0-9 އިން ނިމިއްޖެ އެވެ.
ފަސޭހަ މޮޅެއް ހޯދި ބްރެޒިލުން އިއްޔެގެ މެޗުގައި ޖުމްލަ 81 ހަމަލާ ފޮނުވާލި އެވެ.
ނިއު ކެލެޑޯނިއާ އަކީ އޯޝޭނިއާ ސަރަހައްދަށް ނިސްބަތްވާ ގައުމެކެވެ. ފީފާގެ މެމްބަރަކަށް 2004 ވަނަ އަހަރު ވީ ގައުމު ދުނިޔޭގެ ފުޓްބޯޅައިގައި އޮތީ 162 ވަނައިގަ އެވެ. އެ ގައުމުގެ އާބާދީއަކީ ގާތްގަނޑަކަށް ތިން ލައްކައެއްހާ މީހުންނެވެ.
ވޯލްޑް ކަޕް 17 އަހަރުން ދަށުގެ މުބާރާތް 2019 ވަނަ އަހަރު ކާމިޔާބުކުރި ބްރެޒިލަށް އިއްޔެ ފުރަތަމަ ލަނޑު ޖެހުނީ 28 ވަނަ މިނެޓުގަ އެވެ. ފުރަތަމަ ހާފު ނިމުނީ 3-0 އިން ބްރެޒިލް ކުރީގައި އޮވެގެންނެވެ.
އެ ގްރޫޕުގައި ދެން ހިމެނެނީ އީރާން އާއި އިންގްލެންޑެވެ. ދެ މެޗުން މޮޅުވެ އިންގްލެންޑް އެއް ވަނައިގައި އޮތްއިރު އީރާން އާއި ބްރެޒިލް އަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ.
މިފަހަރުގެ ގްރޫޕް ސްޓޭޖުގައި ނިއު ކެލެޑޯނިއާ އަތުން އިންގްލެންޑް މޮޅުވީ 0-10 އިންނެވެ. އެކަމަކު އެ މެޗުގައި އިންގްލެންޑަށް ފޮނުވާލެވުނީ 39 ހަމަލާ އެވެ.
ބްރެޒިލުން އުފެއްދި 81 ހަމަލާގެ ތެރެއިން ގޯލްކީޕަރަށް އަމާޒުވީ 23 ހަމަލާ އެވެ. އެއީ ޖުމްލަ ހަމަލާތަކުގެ 28 އިންސައްތަ އެވެ. ގޯލާ އަމާޒުނުވެ 33 ހަމަލާ ދިޔައިރު ބްރެޒިލް ކުޅުންތެރިން ފޮނުވާލި 25 ހަމަލާ ނިއު ކެލެޑޯނިއާ އިން ބްލޮކްކުރި އެވެ.

ބްރެޒިލް ކުޅުންތެރިން ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ
ވޯލްޑް ކަޕް 17 އަހަރުން ދަށުގައި އެންމެ ބޮޑު މޮޅު ހޯދީ 1997 ވަނަ އަހަރު ސްޕެއިން އެވެ. އެފަހަރު ނިއު ޒީލެންޑާ ވާދަކޮށް ސްޕެއިން މޮޅުވީ 0-13 އިންނެވެ.
އިނގިރޭސި ޕްރިމިއާ ލީގުގެ ތަފާސްހިސާބަށް ބަލާއިރު 04-2003 ވަނަ ސީޒަނުގެ ފަހުން، އެއް މެޗެއްގައި އެންމެ ގިނަ ހަމަލާ އުފެއްދީ 12-2011 ވަނަ ސީޒަނުގައި މެންޗެސްޓާ ސިޓީ އެވެ. ސިޓީ އެ ރެކޯޑް ހެދީ ލީގުގެ ފަހު މެޗުގައި އާދަޔާހިލާފު ގޮތަކަށް ކުއީން ޕާކް ރޭންޖާސް (ކިއުޕީއާރު) ބަލިކޮށް ލީގު ޗެމްޕިއަންކަން ހޯދި މެޗުގަ އެވެ. މުޅި ދުނިޔޭގެ ސަމާލުކަން ލިބުނު އެ މެޗުގައި 44 ހަމަލާ އުފެއްދި އެވެ. އެ މެޗުން ސިޓީ މޮޅުވެ ލީގު ޗެމްޕިއަންކަން ޔަގީންކުރީ ސާޖިއޯ އަގުއޭރޯ މެޗުގެ ފަހު މިނެޓުގައި ޖެހި ގޯލުންނެވެ.
ޔޫރަޕްގެ ގަދަ ފަސް ލީގަށް ބަލާއިރު 07-2006 ވަނަ ސީޒަނުގެ ފަހުން އެންމެ ގިނަ ހަމަލާ އުފެއްދީ 2019 ވަނަ އަހަރު އިޓާލިއަން ލީގުގައި އެޓަލާންޓާ އިން އެމްޕޮލީއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. އެ މެޗުގައި އެޓަލާންޓާ އިން 47 ހަމަލާ އުފެއްދި އެވެ.
Advertisement


Leave a Reply