ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މާދަމާ އަލުން ފަށަނީ، ހާލަތު ގޯސް

Advertisement

ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މާދަމާ އަލުން ފަށަނީ، ހާލަތު ގޯސް

ފަހުމިނެޓް
ދިވެހި ޕްރިމިއާ ލީގު މެޗެއްގެ ތެރެއިން. މެދުކެނޑުމަކަށް ފަހު މާދަމާ ކުޅުން ފަށާނެ. ފޮޓޯ: އެފްއޭއެމް

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މެދުކަނޑާލާފައިވާ މުބާރާތްތަކުގެ ތެރެއިން ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މާދަމާ އަލުން ފަށަން ނިންމައިފި އެވެ.

ލީގުގެ ކުޅުން އަލުން ފަށާނެކަން އެފްއޭއެމުން އިއުލާންކުރީ އެ އިދާރާގެ މީޑިއާ ގްރޫޕަށް ދޫކޮށްލި މެސެޖެއްގަ އެވެ. ނޫސްވެރިން ސުވާލުކުރަން ފެށުމުން އެފްއޭއެމުން ފޮނުވި މެސެޖުގައި ބުނީ ލީގުގެ ކުޅުން ބުރާސްފަތި ދުވަހު ފަށާނެ ކަމަށާއި އެކަމަކު މެޗު ޝެޑިއުލް އާއްމުކުރެވޭނީ އެފްއޭއެމްގެ އެކްސްކޯއާ އިން ފައިނަލް ކުރުމުން ކަމަށެވެ.

ރާއްޖޭގެ ރަސްމީ ލީގުގެ ކުޅުން މެދުކަނޑާލީ މިދިޔަ އޮގަސްޓް މަހުގެ 28 ވަނަ ދުވަހު އެވެ. ލީގު މެދުކަނޑާލީ ވޯލްޑް ކަޕާއި އޭޝިއަން ކަޕް ޖޮއިންޓް ކޮލިފިކޭޝަން އާއި އޭއެފްސީ ކަޕްގެ މެޗުތަކަށެވެ. ވޯލްޑް ކަޕް ކޮލިފައިންގެ ޕްރިލިމިނަރީ ބުރުގައި ބަންގްލަދޭޝް އަތުން ބަލިވުމާ އެކު ރާއްޖެ އަށް ކޮލިފައިންގެ ގްރޫޕް ސްޓޭޖުން ފުރުސަތު ގެއްލުނެވެ. އަދި މިދިޔަ މުއްދަތުގައި އޭއެފްސީ ކަޕްގައި މާޒިޔާ ވަނީ ޖެހިޖެހިގެން ތިން މެޗުން ބަލިވެފަ އެވެ.

ބްރޭކަށް ފަހު ލީގުގެ ކުޅުން އަލުން ފަށާގޮތަށް އޮތީ މިދިޔަ މަހުގެ 28 ވަނަ ދުވަހު އެވެ. އެކަމަކު، އެފްއޭއެމްގެ މާލީ މުއާމަލާތްތަކާއި ގުޅޭ ޖިނާއީ ތަހުގީގަކަށް ބޭނުންވާ ހެކި ހޯދުމަށް، ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ޓީމެއް އެ އިދާރާއަށް ވަދެ، މުހިއްމު އާލާތްތަކެއް ތަހުގީގުގެ ބޭނުމަށް ގެންދިއުމުން ދިވެހި ޕްރިމިއާ ލީގާއި އެފްއޭއެމް އިން ރާވާ އެހެނިހެން މުބާރާތްތައް ނުބޭއްވޭނެކަމަށް އެ އިދާރާއިން މިދިޔަ މަހުގެ 26 ވަނަ ދުވަހު އާއްމުކުރި ނޫސްބަޔާނުގައި ބުނެފައިވެ އެވެ.

ފުލުހުން މިހާރު ވަނީ ލީގު ކުރިއަށް ގެންދިއުމަށް ބޭނުންވާނެ ހުރިހާ އާލާތެއް އެފްއޭއެމްއާ ހަވާލުކޮށްފަ އެވެ. އެހެންވެ ލީގު މެޗުތައް ކުޅުމުގައި އެ އިދާރާ އަށް މިހާރު ދަތިކަމެއް ނޯންނާނެ އެވެ.

ލީގުގެ އަލުން ކުޅުން ފަށާއިރު ކުރީގެ ޝެޑިއުލްގައިވާ ގޮތުން މާދަމާ ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ކްލަބް އީގަލްސް އާއި ޔުނައިޓެޑް ވިކްޓްރީ އެވެ. މާދަމާ ރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ މާޒިޔާ އާއި ކްލަބް ވެލެންސިއާ އެވެ.

އަލުން ކުޅުން ފަށާނެކަމަށް އިއުލާންކުރިޔަސް ފުރަތަމަ ޑިވިޝަނުގެ ގިނަ ކްލަބްތައް އޮތީ ވަރަށް ހާލުގަ އެވެ. ކްލަބްތަކަށް ފައިސާ ނުލިބި ކުޅުންތެރިންނަށް ހަމައަށް މުސާރަ ނުދެވޭއިރު ގަވާއިދުން ފަރިތަކުރުންތައް ވެސް ކުރިއަށް ނުގެންދެވެ އެވެ. އެހެންވެ ލީގުގެ ކުޅުން އަލުން ފަށާއިރު ބައެއް ކްލަބްތައް މިފަހަރު ނުފެނުމުގެ ފުރުސަތު އެބައޮތެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ވެލެންސިއާ އިން މިހާރު ވެސް ވަނީ ލީގުގައި ވާދަނުކުރެވޭނެ ކަމަށް ބުނެފަ އެވެ. މާލީ އަޑިގަނޑުގެ ސަބަބުން މި ސީޒަނުގެ ލީގުގައި ވެލެންސިއާ ވާދަކުރަމުން އަންނަނީ ވެސް ވަރަށް އުނދަގުލުންނެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *

  • ރެފްރީން ނައް މެޗް އެލަވަންސް އެއްނުދޭ ދެން ވެސް ލީގު ފަށާއިރައްދުއްވައިގަނޭ މީޑިޔާ ތަކުންވެސް މިކަން ތިލަކޮއްލަދިނުން އެދެން