ބާސެލޯނާ އިން ދައްކާ ކުޅުމާ މެދު ޒަވީ ހިތްހަމައެއް ނުޖެހޭ

Advertisement

ބާސެލޯނާ އިން ދައްކާ ކުޅުމާ މެދު ޒަވީ ހިތްހަމައެއް ނުޖެހޭ

ފަހުމިނެޓް

ސްޕެނިޝް ލީގުގައި ރޭ ޑިޕޯޓިވޯ އަލަވެސް އަތުން ފަހަތުން އަރައި ބާސެލޯނާ 1-2 އިން މޮޅުވިޔަސް، ފަހަކަށް އައިސް އެޓީމުން ކުޅެނީ މޮޅު ފުޓްބޯޅައެއް ނޫންކަމަށް ބާސެލޯނާގެ ކޯޗު ޒަވީ ބުނެފި އެވެ.

ރޭ ބާސެލޯނާގެ ދަނޑުގައި ކުޅުނު މެޗުގެ 19 ވަނަ ސިކުންތުގައި ސަމޫ އޮމޮރޮޑިއޮންގެ ގޯލުން އަލަވެސް އިން ލީޑު ނެގި އެވެ. އެ ގޯލަކީ ލީގުގައި މި ގަރުނުގައި ބާސެލޯނާ ކޮޅަށް ހޯމް ސްޓޭޑިއަމްގައި ވަން އެންމެ އަވަސް ގޯލެވެ.

މެޗުން ބާސެލޯނާ މޮޅުވީ 53 ވަނަ މިނެޓާއި 78 ވަނަ މިނެޓުގައި ރޮބާޓް ލެވަންޑޮސްކީ ޖަހައިދިން ގޯލުތަކުންނެވެ. ޖޫލްސް ކޫންޑޭގެ އެހީގައި ލެވަންޑޮސްކީ ފުރަތަމަ ގޯލު ޖެހިއިރު މޮޅުވި ގޯލަކީ ބާސެލޯނާގެ ރަފީނިއާ އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީއަކުން ލެވަންޑޮސްކީ ޖެހި ގޯލެކެވެ.

“ފަހަކަށް އައިސް ބާސެލޯނާ އިން ކުޅެނީ މޮޅު ފުޓްބޯޅައެއް ނޫން. ކުރިއަށް ދެވޭނީ ވަރަށް ބޮޑަށް ކުޅުން ރަނގަޅުކޮށްގެން” މެޗަށް ފަހު ބާސެލޯނާގެ ކޯޗު ޒަވީ ބުންޏެވެ.

ލީގުގައި ބާސެލޯނާ އޮތީ 30 ޕޮއިންޓާ އެކު ތިން ވަނައިގަ އެވެ. އެއް ވަނައިގައި 34 ޕޮއިންޓާ އެކު ޖިރޯނާ އޮތްއިރު ދެ ވަނައިގައި އޮތް ރެއާލް މެޑްރިޑަށް ލިބިފައިވަނީ 32 ޕޮއިންޓެވެ.

ބާސެލޯނާ އިން ލީގުގައި އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން މޮޅުވީ ތިން މެޗުންނެވެ. ރެއާލް މެޑްރިޑް އަތުން ބަލިވިއިރު އެއް މެޗު ނިމުނީ އެއްވަރުވެގެންނެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގައި މިދިޔަ ހަފްތާ ބާސެލޯނާ ވަނީ ޝަކްތާ ޑޮނެސްކް އަތުން ބަލިވެފަ އެވެ.

މި ހަފްތާގެ މެޗުތަކަށް ފަހު ބައިނަލްއަގްވާމީ ބްރޭކަށް ދެ ހަފްތާ އަށް ލީގު މެދުކަނޑާލުމަކީ ބާސެލޯނާ އަށް ރަނގަޅެއް ކަމަށް ޒަވީ ބުންޏެވެ.

“ބައިނަލްއަގްވާމީ ބްރޭކް މި ލިބުނީ ރަނގަޅު ވަގުތުގައި. މިސްޓޭކްތައް ރަނގަޅުކުރަން މިދުވަސްވަރު ބުރަކޮށް މަސައްކަތް ކުރާނަން. ޓީމު ރަނގަޅު ފޯމަކަށް ގެނެވޭނެ ހުނަރު މި ޓީމުގައި އެބަހުރި” ޒުވާން ހުނަރުވެރި ކުޅުންތެރިންތަކެއް ހިމެނޭ ބާސެލޯނާއާ ގުޅޭގޮތުން ޒަވީ ބުންޏެވެ.

ސްޕެނިޝް ލީގުގައި ރޭ ސެވިއްޔާ އާއި ރެއާލް ބެޓިސް ވާދަކުރި މެޗު ނިމުނީ 1-1 އިންނެވެ. އެތުލެޓިކޯ މެޑްރިޑް ވަނީ އަމިއްލަ ދަނޑުގައި ވިޔަރެއާލް 1-3 އިން ބަލިކޮށްފަ އެވެ. އެތުލެޓިކޯ 28 ޕޮއިންޓާ އެކު އޮތީ ހަތަރު ވަނައިގަ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *