ޗެލްސީ ދަނޑަށް ދިޔައީ 0-7 އިން މޮޅުވާކަށް ނޫން: ގާޑިއޯލާ

Advertisement

ޗެލްސީ ދަނޑަށް ދިޔައީ 0-7 އިން މޮޅުވާކަށް ނޫން: ގާޑިއޯލާ

ފަހުމިނެޓް
ޗެލްސީ އެއްވަރުކުރި ގޯލު ޖެހުމަށް ފަހު ޕާމާ އުފާފާޅުކުރަނީ. ޕާމާ އަކީ ކުރިން ސިޓިގެ ކުޅުންތެރިއެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން މެންޗެސްޓާ ސިޓީ އިން 0-7 އިން މެޗު ކާމިޔާބު ކުރާނެކަމަށް ހީކޮށްފިނަމަ އެއީ ގޯހެއް ކަމަށާއި، އިދިކޮޅު ޓީމަށް އަބަދުވެސް އޭނާ އިހުތިރާމް ކުރާކަމަށް ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ޕްރިމިއާ ލީގުގައި ރޭ ޗެލްސީ އާއި ސިޓީ ވާދަކުރި މެޗު ނިމުނީ 4-4 އިން އެއްވަރުވެގެންނެވެ. އެ މެޗު ވެގެންދިޔައީ ފަހުގެ ތާރީހެއްގައި ފެނުނު ޕްރިމިއާ ލީގުގެ އެންމެ ފޯރިގަދަ މެޗަށެވެ.

“އަހަރެމެން ޗެލްސީ އަތުން 0-7 އިން މޮޅުވާނެކަމަށް ހީކުރުން އެއީ ގޯހެއް. އަހަރެން އަބަދުވެސް އިދިކޮޅު ޓީމަށް އިހުތިރާމްކުރަން. ހުރިހާ ޓީމަކުން ވެސް ސިޓީ ބަލިކުރަން ބޭނުންވޭ” ރޭގެ މެޗަށް ފަހު ގާޑިއޯލާ ބުންޏެވެ.

ރޭގެ މެޗުގެ ކޮންމެ ހާފެއްގައި ހަތަރު ގޯލު ފެނުނެވެ. ފުރަތަމަ ހާފުގެ ކުރީކޮޅު ސިޓީ އަށް ލީޑު ނަގައިދިނީ ލިބުނު ޕެނަލްޓީއަކުން އާލިން ބްރައުޓް ހާލަންޑެވެ. އޭގެ އިރުކޮޅެއް ފަހު ގާތްގާތުގައި ދެ ގޯލު ޖަހައި ޗެލްސީ އިން ލީޑު ނެގި އެވެ. ފުރަތަމަ ލަނޑު ތިއާގޯ ސިލްވާ ޖެހިއިރު ދެ ވަނަ ގޯލު ޖެހީ ރަހީމް ސްޓާލިން އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ސިޓީގެ ގޯލު ކާމިޔާބުކޮށްދިނީ މަނުއެލް އަކާންޖީ އެވެ.

ދެ ވަނަ ހާފު ފެށިގެން އުފެއްދި ފުރަތަމަ ހަމަލާގައި ހާލަންޑް، ސިޓީގެ ދެ ވަނަ ގޯލު ޖެހި އެވެ. ސިޓީ ލީޑުގައި އޮއްވައި ޗެލްސީ އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ނިކޮލަސް ޖެކްސަން އެވެ. މެޗު ނިމެން ފަސް ވަރަކަށް މިނެޓަށް ވެފައިވަނިކޮށް ސިޓީގެ ހަތަރު ވަނަ ގޯލު ޖެހީ ރޮޑްރީ އެވެ. ސިޓީ މޮޅުވާނެކަމަށް ބެލެވުނު މެޗުން ޗެލްސީ ޕޮއިންޓެއް ކަށަވަރުކުރީ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީއަކުން ކޯލް ޕާމާ ޖެހި ގޯލުންނެވެ.

“ޗެލްސީ އަށް ގެއްލޭނެ އެއްޗެއް ނެތް. ސިޓީ އަތުން ޗެލްސީ ބަލިވިޔަސް މީހުން ދެކޭނީ އާދައިގެ ކަމެއްގެ ގޮތުގަ. އެކަމަކު ކީއްވެ ޗެލްސީ އަށް ކްރެޑިޓް ނުދޭންވީ؟. މާކެޓްގައި ރަނގަޅު މަސައްކަތްތަކެއްކޮށް ޗެލްސީ ރަނގަޅުކޮށްފި. ކުރިއަށް ހުރި ސީޒަންތަކުގައި ޗެލްސީ އިތުރަށް ރަނގަޅުކުރާނެ” ޗެލްސީ އިން ދެއްކި ކުޅުމަށް ތައުރީފް ކުރަމުން ގާޑިއޯލާ ބުންޏެވެ.

މެޗަށް ފަހު ޗެލްސީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. ޕޮޗެޓީނޯ ހިތްހަމަނުޖެހުނީ ޗެލްސީ އިން ރަނގަޅު ހަމަލާއެއް އުފައްދަން ފުރުސަތު ލިބިފައިވަނިކޮށް ރެފްރީ މެޗު ނިންމާލުމުންނެވެ.

ރެފްރީގެ ފަހު ކަށިގަނޑާ އެކު ޕޮޗެޓީނޯ ދަނޑަށް އެރީ ގާޑިއޯލާއާ ސަލާން ވެސް ނުކޮށެވެ. އެކަމަކު ޕޮޗެޓީނޯ ދަނޑަށް އެރިޔަސް އިތުރު ހަމަނުޖެހުމެއް ނުހިނގަ އެވެ.

ގާޑިއޯލާ ބުނީ ޕޮޗެޓީނޯ ހިތްހަމަނުޖެހޭ ގޮތަކަށް ކަންތައް ދިއުމުން ސަލާން ނުކޮށް ދަނޑަށް އެރުމަކީ މައްސަލައެއް ނޫން ކަމަށެވެ. އެކަމުގައި އޭނާގެ ހިތްބަރުކަމެއް ނެތްކަމަށް ގާޑިއޯލާ ބުންޏެވެ.

ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލް ވަނީ 0-3 އިން ބްރެންޓްފޯޑް ބަލިކޮށްފަ އެވެ. އެސްޓަން ވިލާ އިން 1-3 އިން ފުލަމް ބަލިކުރިއިރު ބްރައިޓަން އަމިއްލަ ދަނޑުގައި ޝެފީލްޑް ޔުނައިޓެޑް އަތުން 1-1 އިން ވީ އެއްވަރެވެ. ވެސްޓް ހޭމް ޔުނައިޓެޑް ވަނީ 2-3 އިން ނޮޓިންހަމް ފޮރެސްޓް ބަލިކޮށްފަ އެވެ.

ރޭގެ މެޗުތަކަށް ފަހު ލީގުގެ އެއް ވަނައިގައި ސިޓީ އޮތީ 28 ޕޮއިންޓާއި އެކު އެވެ. ދެ ވަނައިގައި އޮތް ލިވަޕޫލް އާއި ތިން ވަނައިގައި އޮތް އާސެނަލް އަށް ލިބިފައިވަނީ 27 ޕޮއިންޓެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *