ޖަރުމަނު ލީގުގެ ރެކޯޑްތައް ކޭން ފުލުފުލުގައި މުގުރަނީ

Advertisement

ޖަރުމަނު ލީގުގެ ރެކޯޑްތައް ކޭން ފުލުފުލުގައި މުގުރަނީ

ފަހުމިނެޓް
ކޭން ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ. ބަޔާނަށް ބަދަލުވެ ފުރަތަމަ ސީޒަނުގައި ވެސް އަންނަނީ ގިނަ ގޯލުތަކެއް ޖަހަމުން

މިދިޔަ ސީޒަނަށް ފަހު ޓޮޓެންހަމް ހޮޓްސްޕާ ދޫކޮށް ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކަށް ބަދަލުވި ހެރީ ކޭންގެ ގޯލުތަކާ އެކު ރޭ ވެސް ބަޔާން މޮޅުވެއްޖެ އެވެ.

އެފްސީ ހެއިޑެންހިމްއާ ވާދަކޮށް ބަޔާން ރޭ 2-4 އިން މޮޅުވި މެޗުގައި ކޭން ދެ ގޯލު ޖެހި އެވެ.

ރޭގެ މެޗުގެ ކުރިން ލީގުގައި ކުޅުނު ދެ މެޗުގައި ވެސް ކޭން ހެޓްރިކް ހެދި އެވެ. ރޭގެ ދެ ގޯލާ އެކު ކޭން މި ސީޒަނުގެ ލީގުގައި ޖެހި ގޯލުގެ އަދަދު ވަނީ 17 އަށް އަރައިފަ އެވެ.

އެންމެ 11 މެޗުން ޖެހި 17 ގޯލަކީ ޖަރުމަނު ލީގުގެ ރެކޯޑެކެވެ. ކުރިން އެ ރެކޯޑް އޮތީ ބަޔާނަށް ކުޅުނު ރޮބާޓް ލެވަންޑޯސްކީ އަތުގަ އެވެ. ލެވަންޑޯސްކީ ވަނީ 2019 ވަނަ އަހަރު ލީގު 11 މެޗުގައި 16 ގޯލު ޖަހައިފަ އެވެ.

ކޭންގެ އިތުރުން ބަޔާނަށް ގޯލުތައް ކާމިޔާބުކޮށްދިނީ ރަފައެލް ގަރޭރޯ އާއި އެރިކް ޗުޕޮ-މޯޓިން އެވެ.

ކޭން މިހާރު ވެސް ވަނީ މިދިޔަ ސީޒަނުގައި ޖަރުމަނު ލީގުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިންގެ އަދަދު ފަހަތަށް ޖައްސާލާފަ އެވެ. މިދިޔަ ސީޒަނުގައި ޖަރުމަނު ލީގުގެ ލަނޑު ލިސްޓުގެ އެއް ވަނަ ހޯދީ މިހާރު ޗެލްސީ އަށް ބަދަލުވެފައިވާ ކްރިސްޓޮފާ އެންކޫކޫ އާއި ޖަރުމަނުގެ ފޯވާޑް ނިކްލަސް ފުލްކްރުގް އެވެ. އެ ދެކުޅުންތެރިން ވެސް މިދިޔަ ސީޒަނުގައި ޖެހީ 16 ގޯލެވެ.

ލީގުގެ އިތުރުން ކަޕް މެޗުތަކުގައި ޖެހި ގޯލުތަކާ އެކު ކޭން މިހާރު ވެސް ވަނީ ބަޔާނަށް މި ސީޒަނުގައި 20 ގޯލު ހަމަކޮށްފަ އެވެ. މިއީ ކޭންގެ ކެރިއަރުގައި ޖެހިޖެހިގެން 20 ގޯލު ކްލަބަށް ޖެހި 10 ވަނަ ސީޒަނެވެ.

މޮޅާ އެކު ބަޔާން ވަނީ 11 މެޗުން 29 ޕޮއިންޓް ހޯދައި ލީގުގެ އެއް ވަނަ އަށް ކުރިއަށް ޖެހިލާފަ އެވެ. އެކަމަކު ދެ ވަނައިގައި އޮތް ބަޔާން ލެވަކޫސެން އިން މިރޭ ޔޫނިއަން ބާލިން ބަލިކޮށްފި ނަމަ އަލުން އެއް ވަނަ ލިބޭނެ އެވެ. ޔޫނިއަލް ބާލިން އަށް 10 މެޗުން ލިބިފައިވަނީ 28 ޕޮއިންޓެވެ.

ޖަރުމަނު ލީގުގައި ރޭ ސްޓަޓްގާޑް ވަނީ އަމިއްލަ ދަނޑުގައި 1-2 އިން ބޮރޫޝިއާ ޑޯޓްމަންޑް ބަލިކޮށްފަ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *