ޓުލޫސް މެޗުގެ ޕްރެސް ކޮންފަރެންސާ ހެދި ކްލޮޕް ރަތަށް

Advertisement

ޓުލޫސް މެޗުގެ ޕްރެސް ކޮންފަރެންސާ ހެދި ކްލޮޕް ރަތަށް

ފަހުމިނެޓް
ޕްރެސް ކޮންފަރެންސްގެ ތެރެއިން ކްލޮޕް ހިތްހަމަނުޖެހިފައި.

ޔޫއެފާ ޔޫރޮޕާ ލީގުގައި ރޭ ފްރާންސްގެ ޓުލޫސްއާ ވާދަކޮށް ލިވަޕޫލް 2-3 އިން ބަލިވި މެޗަށް ފަހު ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް އިންޓަވިއު ދިން ވަގުތު އިދިކޮޅު ސަޕޯޓަރުންގެ އަޑުގަދަކޮށް، ދިމާކޮށްލުމުން ކްލޮޕް ރުޅިއަތުވެއްޖެ އެވެ.

ލިވަޕޫލް ބަލިވާން ދަނިކޮށް މެޗުގެ އިތުރު ވަގުތުގެ ފަހު މިނެޓުގައި އެޓީމުން ޖެހި ގޯލެއް ވީޑީއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ގެ އެހީގައި ކެންސަލް ކުރުމުން ޕޯސްޓް މެޗު އިންޓަވިއު އަށް ދިޔައިރު ވެސް ކްލޮޕް ހުރީ ހިތްހަމަނުޖެހިފަ އެވެ.

ޕޯސްޓް މެޗު އިންޓަވިއު އޮތީ ޓުލޫސް ސްޓޭޑިއަމް ބޭރުގައި ހުންނަ މީޑިއާ ޓެންޓުގަ އެވެ. އެތަނުގައި ނޫސްވެރިންގެ ބައްދަލުވުން ބޭއްވީ ޔޫއެފާގެ ހުއްދައާ އެކު އެވެ. ނޫސްވެރިންނާއި ކްލޮޕަށް އެތަނަށް ދެވުނީ ވެސް ސަޕޯޓަރުން ދަތުރުކުރި މަގުންނެވެ. ކްލޮޕް އިންޓަވިއު ދޭން ފެށުމުން ޓުލޫސްގެ ސަޕޯޓަރުން ވަނީ ޓެންޓް ކައިރީ އުފާފާޅުކުރުމުގެ ގޮތުން އަޑުގަދަކޮށްފަ އެވެ.

“މި ޕްރެސް ކޮންފަރެންސް އޯގަނައިޒް ކޮށްފަ މިއޮތީ މެޗުގައި ލިވަޕޫލް ޓީމު އޮތްހެން” ލިވަޕޫލް ކުޅުމާ މެދު ހިތްހަމަނުޖެހިފައި ހުރި ކޯޗު ބުންޏެވެ.

ކްލޮޕް އިންޓަވިއު ދިން ވަގުތު ޓެންޓް ތެރެއަށް ސަޕޯޓަރުން ވަދެފައެއްނުވެ އެވެ. އެކަމަކު ސަޕޯޓަރުންގެ އަޑާ ހެދި ޖާނަލިސްޓުންނަށް ކްލޮޕްގެ ބައެއް ވާހަކަތައް ސާފެއްނުވި އެވެ.

“މިތަނުގައި ޕްރެސް ކޮންފަރެންސް ބޭއްވުމުގެ ވިސްނުން ގެންގުޅުނީ ކާކު. އެއީ ވަރަށް ޝަރުގުވެރި ކުރުވަނިވި ސުވާލެއް” މެޗަށް ފަހު އޮތް ޕްރެސްގެ ތެރެއިން ކްލޮޕް ބުންޏެވެ.

ލިވަޕޫލްގެ ޒުވާން ޑިފެންޑަރު ކުއެންސާ. ފަހު ވަގުތު ޖެހި ގޯލު ކެންސަލްކުރީ ވީއޭއާރުން

ފްރެންޗް ލީގުގެ 14 ވަނައިގައި އޮތް ޓުލޫސް އިން ރޭ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. ފުރަތަމަ ހާފު ނިމުނީ ޓުލޫސް 0-1 އިން ކުރީގައި އޮވެގެންނެވެ. ދެ ވަނަ ހާފުގައި އެޓީމުގެ ލީޑު ދެ ގޯލަށް ފުޅާކުރި އެވެ. ލިވަޕޫލްގެ ފުރަތަމަ ގޯލަކީ ޓުލޫސްގެ ކުޅުންތެރިއަކު އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

ލިވަޕޫލް ގޯލު ޖެހިތާ ދެ މިނެޓު ފަހުން ޓުލޫސްގެ ތިން ވަނަ ގޯލު ޖެހި އެވެ. ލިވަޕޫލްގެ ދެ ވަނަ ގޯލު މެޗު ނިމެން މިނެޓަކަށް ވެފައިވަނިކޮށް ޖެހީ ޑިއޯގޯ ޖޯޓާ އެވެ. ވީއޭއާރުން ކެންސަލްކުރީ ލިވަޕޫލްގެ ޒުވާން ޑިފެންޑަރު ޔަރެލް ކުއެންސާ އިތުރު ވަގުތުގެ ހަތް ވަނަ މިނެޓުގައި ޖެހި ގޯލެވެ. ރެފްރީ ފުރަތަމަ ނިންމީ އެއީ ގޯލެއް ކަމަށެވެ. އެކަމަކު ވީއޭއާރު ބެލުމަށް ފަހު ރެފްރީ ނިންމީ އެ ގޯލު ޖަހަން އުފެއްދި ހަމަލާގައި ލިވަޕޫލްގެ އަލެކްސިސް މެކަލިސްޓާ އަތުގައި ބޯޅަ ޖެހުނީ ކަމަށެވެ.

“ޓުލޫސް މާ ހިތްވަރު ކުރި. އެޓީމަށް މި މޮޅު ހައްގު. ފަސޭހަ ބޯޅަތައް ލިވަޕޫލުން ގެއްލުވާލީ. އެކަހަލަ ކަންކަން ވަންޏާ ފުޓްބޯޅައިގަ މޮޅުވުމުގެ ފުރުސަތެއް ނޯންނާނެ” ލިވަޕޫލްގެ ކުޅުމާ މެދު ހިތްހަމަނުޖެހިފައި ހުރި ކްލޮޕް ބުންޏެވެ.

ކްލޮޕް ބުނީ ފަހު ވަގުތު ހޭންޑްބޯލް ވީކަމަށް ނިންމައި ރެފްރީ ގޯލު ކެންސަލްކުރުން ގަބޫލުނުކުރާ ކަމަށެވެ.

ރޭގެ މޮޅާ އެކު ލިވަޕޫލް އެ ގްރޫޕުގެ އެއް ވަނައިގައި އޮތީ ނުވަ ޕޮއިންޓާ އެކު އެވެ. ޓުލޫސް އަށް ލިބިފައިވަނީ ހަތް ޕޮއިންޓެވެ. ތިން ވަނައިގައި އޮތް ހަތަރު ޕޮއިންޓާ އެކު އޮތް ޔޫނިއަން ސެއިންޓް ރޭ ވަނީ ލާސްކް އަތުން ބަލިވެފަ އެވެ.

ޔޫރޮޕާ ލީގުގައި ރޭ އަޔަކްސް އަތުން ބްރައިޓަން ވަނީ 2-0 އިން މޮޅުވެފަ އެވެ. ވެސްޓް ހޭމް ޔުނައިޓެޑުން އަމިއްލަ ދަނޑުގައި އޮލިމްޕިއާކޯސް 0-1 އިން ބަލިކުރިއިރު ރޯމާ ވަނީ ރަށުން ބޭރުގައި ސްލާވިއާ ޕްރާހާ އަތުން 0-2 އިން ބަލިވެފަ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *