ކޯޕެންހާގެން އަތުން ބަލިވެ ޔުނައިޓެޑް ފުން އަނދަވަޅަކަށް ވެއްޓިއްޖެ
ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ރަށުން ބޭރުގައި ޑެންމާކްގެ އެފްސީ ކޯޕެންހޭގަންއާ ވާދަކޮށް 3-4 އިން ބަލިވެ ނޮކްއައުޓް ބުރަށް ދިއުމުގެ ފުރުސަތު މެންޗެސްޓާ ޔުނައިޓެޑަށް ހަނިވެއްޖެ އެވެ.
މިފަހަރުގެ ޗެމްޕިއަންސް ލީގުގެ ފުރަތަމަ ހަތަރު މެޗުގެ ތެރެއިން ތިން މެޗުން ޔުނައިޓެޑް ވަނީ ބަލިވެފަ އެވެ. ރަށުން ބޭރުގައި ބަޔާން މިއުނިކް އަތުން ބަލިވިއިރު އަމިއްލަ ދަނޑުގައި ތުރުކީގެ ގަލަޓަސަރާއީ އަތުން ވެސް ވަނީ ބަލިވެފަ އެވެ. ހަމައެކަނި މޮޅުވީ އަމިއްލަ ދަނޑުގައި ކޯޕެންހާގެން އަތުންނެވެ.
ޔުނައިޓެޑް ހިމެނޭ ގްރޫޕުގެ އެއް ވަނައިގައި އޮތީ 12 ޕޮއިންޓާ އެކު ނޮކްއައުޓް ބުރުން ފުރުސަތު ހޯދާފައިވާ ބަޔާން އެވެ. ދެ ވަނައިގައި އޮތް ކޯޕެންހާގެން އާއި ތިން ވަނައިގައި އޮތް ގަލަޓަސަރާއީ އަށް ހަތަރު ޕޮއިންޓް ވަނީ ލިބިފަ އެވެ. ޔުނައިޓެޑް ފުލުގައި އޮތީ ތިން ޕޮއިންޓާ އެކު އެވެ.
ބާކީ ދެ މެޗުގައި ޔުނައިޓެޑް ނުކުންނާނީ ގަލަޓަސަރާއީ އާއި ބަޔާންއާ ދެކޮޅަށެވެ. ގަލަޓަސަރާއީއާ ދެކޮޅަށް ރަށުން ބޭރުގައި ކުޅޭއިރު އެ ދަނޑުގައި ޔުނައިޓެޑަށް މިހާތަނަށް މޮޅެއް ލިބިފައެއްނުވެ އެވެ. އަނެއްކޮޅުން އަމިއްލަ ދަނޑުގައި ބަޔާން ބަލިކުރުން ޔުނައިޓެޑަށް ވާނީ އުނދަގޫ ކަމަކަށެވެ.
ރޭގެ މެޗު ޔުނައިޓެޑުން ފެށީ ރަނގަޅަށެވެ. ފުރަތަމަ 25 މިނެޓުގައި ރަސްމުން ހޮއިލެންޑުގެ ދެ ގޯލާ އެކު އެޓީމުން އިތުބާރު ހޯދި އެވެ. އެކަމަކު 42 ވަނަ މިނެޓުގައި ޔުނައިޓެޑްގެ މާކަސް ރަޝްފޯޑަށް ރެފްރީ ސީދާ ރަތް ކާޑެއް ދެއްކުމުން މެޗުގެ އޮއިވަރު ބަދަލުވި އެވެ.
އިދިކޮޅު ޓީމުގެ ކުޅުންތެރިއަކަށް ކުރި ފައުލަކަށް ރަޝްފޯޑަށް ރަތް ކާޑު ދެއްކީ ވީއޭއާރުގެ އެހީ ހޯދުމަށް ފަހު އެވެ.
ރަޝްފޯޑުގެ ރަތް ކާޑަށް ފަހު ފުރަތަ ހާފުގެ ފަހު ވަގުތު ގާތްގާތުގައި ދެ ގޯލު ޖަހައި ކޯޕެންހާގެން އިން މެޗު އެއްވަރުކުރި އެވެ. ދެ ވަނަ ގޯލު ކާމިޔާބުކުރީ ހެރީ މެގުއާގެ އަތުގައި ޖެހުމުން ރެފްރީ ދިން ޕެނަލްޓީއަކުންނެވެ.
ހޭންޑްބޯލް އެއްގައި ޔުނައިޓެޑަށް ލިބުނު ޕެނަލްޓީއަކުން 69 ވަނަ މިނެޓުގައި ބްރޫނޯ ފެނާންޑޭސް އެޓީމަށް އަނެއްކާވެސް ލީޑު ނަގައިދިނެވެ. އެކަމަކު އެ ލީޑުގައި އޮވެ ޔުނައިޓެޑް މެޗު ނިންމާލެވޭ ގޮތެއްނުވި އެވެ. މެޗުގެ 83 ވަނަ މިނެޓުގައި އެއްވަރުކޮށް 87 ވަނަ މިނެޓުގައި ކޯޕެންހާގެން އިން ވަނީ މޮޅުވި ލަނޑު ޖަހައި ނަތީޖާ އަނބުރާލައިފަ އެވެ.
މެޗަށް ފަހު ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގް ވަނީ ވީއޭއާރުގެ ނިންމުންތަކަށް ފާޑުކިޔައިފަ އެވެ. ޓެން ހާގް ބުނީ ކޯޕެންހާގެންގެ ފުރަތަމަ ގޯލު އޮފްސައިޑް ކަމަށާއި ރަޝްފޯޑުގެ ރަތް ކާޑުގެ ނިންމުމަކީ ރެފްރީ އަށް ޔަގީންނުވާ ނިންމުމެއް ކަމަށެވެ.
“ފުރަތަމަ ގޯލު އޮފްސައިޑް. އޮނާނާ ކުރިމަތީގައި އޮފްސައިޑްގައި ކުޅުންތެރިއަކު ހުރެ ބޯޅަ ގޯލަށް ވަނުން ވާނީ އޮފްސައިޑަށް. ވީއޭއާރުގެ ގިނަ ނިންމުންތަކެއް ޔުނައިޓެޑާ ދެކޮޅަށް ގޮސްފި. އެކަމަކު މިއީ ދިގު ސީޒަނެއް. ކޮންމެވެސް ދުވަހަކުން ޔުނައިޓެޑަށް ވެސް އޭގެ ފައިދާ ކުރާނެ” މެޗަށް ފަހު ޓެން ހާގް ބުންޏެވެ.
Advertisement
Leave a Reply