ގޯލު ޖެހުމަށް ފަހު ހާލަންޑް އުފާފާޅުކުރުން ހާއްސަކުރީ ޑްރޮގްބާ އަށް

Advertisement

ގޯލު ޖެހުމަށް ފަހު ހާލަންޑް އުފާފާޅުކުރުން ހާއްސަކުރީ ޑްރޮގްބާ އަށް

ފަހުމިނެޓް
ރޭގެ މެޗުގައި ހާލަންޑް ގޯލު ޖެހުމަށް ފަހު އުފާފާޅުކުރުން ޑޮރޮގްބާ އަށް ހާއްސަކުރަނީ

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ މެންޗެސްޓާ ސިޓީ އިން އަމިއްލަ ދަނޑުގައި 0-3 އިން ޔަންގް ބޯއީޒް ބަލިކުރި މެޗުގައި އާލިން ބްރައުޓް ހާލަންޑް ގޯލު ޖަހައި، އުފާފާޅުކުރުން ކުރީގެ މަޝްހޫރު ފޯވާޑް ޑިޑިއޭ ޑްރޮގްބާ އަށް ހާއްސަކޮށްފި އެވެ.

މެޗުގައި ހާލަންޑް ވަނީ ދެ ގޯލު ޖަހައިފަ އެވެ. ފުރަތަމަ ގޯލު 23 ވަނަ މިނެޓުގައި ޖެހިއިރު ދެ ވަނަ ގޯލު ޖެހީ ފަހު ހާފުގައި ލިބުނު ޕެނަލްޓީއަކުންނެވެ.

Advertisement

ހާލަންޑުގެ ގޯލު ޗެލްސީގެ ކުރީގެ ފޯވާޑަށް ހާއްސަކުރީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އޮތް ބެލޮންޑިއޯ ހަފްލާގައި ޑްރޮގްބާ އެކަމަށް ޗެލެންޖް ކުރުމުންނެވެ. އެ އެވޯޑް ހަފްލާގެ ހޯސްޓެއްގެ ގޮތުގައި ޑްރޮގްބާ ހުރިއިރު، ހަފްލާގައި ގާޑް މުލާ އެވޯޑް ލިބުނީ ހާލަންޑަށެވެ. ގާޑް މުލާ އެވޯޑަކީ ސީޒަނުގައި ކްލަބާއި ގައުމަށް އެންމެ ގިނަ ގޯލު ޖަހާ ކުޅުންތެރިޔާ އަށް ދޭ އެވޯޑެކެވެ. ހާލަންޑް އެ އެވޯޑް ހޯދީ ނޯވޭ އާއި ސިޓީ އަށް ޖެހި 56 ގޯލާ އެކު އެވެ.

ޑްރޮގްބާގެ ރަން ޒަމާނުގައި ޗެލްސީ އަށް ގޯލެއް ޖެހުމަށް ފަހު އުފާފާޅުކުރަނީ. ރޭ ހާލަންޑް އުފާފާޅުކުރީ އެގޮތަށް

އެވޯޑް ހަފްލާގައި ހާލަންޑަށް ޓްރޮފީ ދެމުން ޑްރޮގްބާ އެދުނީ ހާލަންޑް ދެން ޖަހާ ގޯލެއްގައި ޑްރޮގްބާ ނޫނީ ގާޑް މުލާގެ އުފާފާޅުކުރުން ކޮޕީ ކުރުމަށެވެ. އެވޯޑް ހަފްލާ އަށް ފަހު ކުޅުނު ފުރަތަމަ މެޗުގައި ބޯންމައުތު ކޮޅަށް ހާލަންޑަށް ގޯލެއް ނުޖެހުނެވެ. އެކަމަކު ރޭ ޔަންގް ބޯއީޒް ކޮޅަށް ފުރަތަމަ ގޯލު ޖެހުމަށް ފަހު ހާލަންޑް ވަނީ ޑްރޮގްބާ އެދުނު ގޮތަށް އުފާފާޅުކޮށްފަ އެވެ.

ހާލަންޑް ވަނީ މިހާތަނަށް ޗެމްޕިއަންސް ލީގުގައި ކުޅުނު 34 މެޗުގައި 39 ގޯލު ޖަހައިފަ އެވެ.

ރޭގެ މެޗުތަކަށް ފަހު ސިޓީ އާއި އާރުބީ ލައިޕްޒިގް ވަނީ އެ ގްރޫޕުން ނޮކްއައުޓް ބުރަށް ކޮލިފައިވެފަ އެވެ. ސިޓީ އެއް ވަނައިގައި 12 ޕޮއިންޓާ އެކު އޮތްއިރު ލައިޕްޒިގް ދެ ވަނައިގައި އޮތީ ނުވަ ޕޮއިންޓާ އެކު އެވެ. ލައިޕްޒިގް ރޭ ވަނީ ރަށުން ބޭރުގައި ރެޑްސްޓާ ބެލްގްރޭޑް 2-1 އިން ބަލިކޮށްފަ އެވެ. ތިން ވަނައިގައި އޮތް ރެޑްސްޓާ ބެލްގްރޭޑާއި ފުލުގައި އޮތް ޔަންގް ބޯއީޒް އަށް ލިބިފައިވަނީ ޕޮއިންޓެކެވެ.

ރޭގެ ކާމިޔާބީއާ އެކު ސިޓީ ވަނީ ޗެމްޕިއަންސް ލީގުގައި ޖެހިޖެހިގެން 11 ވަނަ ފަހަރު ނޮކްއައުޓް ބުރަށް ދަތުރުކޮށްފަ އެވެ. ޗެމްޕިއަންސް ލީގުގައި އެންމެ ފަހުން ކުޅުނު 18 މެޗުގައި އެޓީމު ބަލިވެފައެއްނުވެ އެވެ. އެއީ އިނގިރޭސި ފުޓްބޯޅައިގެ ރެކޯޑެވެ.

ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު ފާހަގަކޮށްލެވޭ އެހެން މެޗުތަކަށް ބަލާއިރު އޭސީ މިލާން ވަނީ އަމިއްލަ ދަނޑުގައި 1-2 އިން ޕީއެސްޖީ ބަލިކޮށްފަ އެވެ. ބޮރޫޝިއާ ޑޯޓްމަންޑުން ވަނީ އަމިއްލަ ދަނޑުގައި 0-2 އިން ނިއުކާސަލް ޔުނައިޓެޑް ބަލިކޮށްފަ އެވެ.

ފޯމު ދަށްކޮށް އޮތް އެތުލެޓިކޯ މެޑްރިޑް ރޭ ވަނީ ސެލްޓިކް އަތުން 0-6 ގެ ބޮޑު ތަފާތަކުން މޮޅުވެފަ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *