ހާއްސަ ގޯލާ އެކު 40 އަހަރުގެ ޕެޕޭ ތާރީހުގެ ތެރެއަށް

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ޕޯޓޯ މޮޅުވި މެޗުގައި ގޯލު ޖަހައި، ޗެމްޕިއަންސް ލީގުގެ ތާރީހުގައި ގޯލު ޖެހި އެންމެ ދޮށީ ކުޅުންތެރިޔާގެ ރެކޯޑް ޕޯޗުގަލްގެ ޑިފެންޑަރު ޕެޕޭ އަށް ލިބިއްޖެ އެވެ.
ޗެމްޕިއަންސް ލީގުގައި ރޭ ޕޯޓޯ އިން ވަނީ އަމިއްލަ ދަނޑުގައި 0-2 އިން ރޯޔަލް އެންޓްވާޕް ބަލިކޮށްފަ އެވެ. މެޗުގައި ޕެޕޭ ގޯލު ޖެހީ އިތުރު ވަގުތުގަ އެވެ. ޕޯޓޯގެ ފުރަތަމަ ގޯލު ޖެހީ ފުރަތަމަ ހާފުގައި ލިބުނު ޕެނަލްޓީއަކުންނެވެ.
ގޯލު ޖެހިއިރު ޕެޕޭގެ އުމުރަކީ 40 އަހަރާއި 254 ދުވަހެވެ. ޕެޕޭގެ ރެކޯޑުގެ އިތުރުން އޭނާ ވެފައިވަނީ ޗެމްޕިއަންސް ލީގުގައި ލަނޑު ޖެހި 40 އިން މަތީގެ ހަމައެކަނި ކުޅުންތެރިޔާއަށެވެ.
އެންމެ ދޮށީ އުމުރުގައި ޗެމްޕިއަންސް ލީގު ގޯލެއް މީގެކުރިން ޖެހީ އިޓަލީގެ ކުރީގެ ފުޓްބޯޅަ ތަރި ފްރެންޗެސްކޯ ޓޮޓީ އެވެ. ރޯމާގައި ކެރިއަރު ހޭދަކުރި ޓޮޓީ ގޯލު ޖެހިއިރު އުމުރަކީ 38 އަހަރާއި 59 ދުވަހެވެ.
ރޭގެ ރެކޯޑުގެ އިތުރުން ޕެޕޭ ވެފައިވަނީ ގޯލްކީޕަރުން ނުހިމަނައި ޗެމްޕިއަންސް ލީގުގައި ކުޅުނު އެންމެ ދުވަސްވީ ކުޅުންތެރިޔާއަށެވެ. ކާމިޔާބު ކެރިއަރުގައި ޕެޕޭ ވަނީ ރެއާލް މެޑްރިޑާ އެކު ތިން ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފަ އެވެ.
ޗެމްޕިއަންސް ލީގުގައި ކުޅުނު އެންމެ ދުވަސްވީ ކުޅުންތެރިއަކީ ލާޒިއޯ އަށް ކުޅުނު ގޯލްކީޕަރު މާކޯ ބަލޮއްޓާ އެވެ. ރެކޯޑް 2007 ވަނަ އަހަރު ހެދިއިރު އޭނާގެ އުމުރަކީ 43 އަހަރާއި 252 ދުވަހެވެ.
ރޭގެ މޮޅާ އެކު ޕޯޓޯ އިން ވަނީ ޗެމްޕިއަންސް ލީގުގެ ނޮކްއައުޓް ބުރަށް ދިއުމުގެ އުއްމީދު އާކޮށްފަ އެވެ. އެ ގްރޫޕުގައި ރޭ ޝަކްތާ ޑޮނެސްކް ވަނީ އަމިއްލަ ދަނޑުގައި 0-1 އިން ބާސެލޯނާ ބަލިކޮށްފަ އެވެ.
އެއް ވަނައިގައި އޮތް ބާސެލޯނާ އާއި ދެ ވަނައިގައި އޮތް ޕޯޓޯ އަށް ވަނީ ނުވަ ޕޮއިންޓް ލިބިފަ އެވެ. ޝަކްތާ އަށް ހަ ޕޮއިންޓް ލިބިފައިވާއިރު ފުލުގައި އޮތް އެންޓްވާޕް އަށް ޕޮއިންޓެއް ނުލިބެ އެވެ.
Advertisement


Leave a Reply