ފަހަތުން އަރައި އޮޑިޝާ އިން މާޒިޔާ ބަލިކޮށްފި

އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި މިއަދު މާޒިޔާ ދެ ގޯލުގެ ލީޑެއްގައި އޮއްވައި އިންޑިއާގެ އޮޑިޝާ އެފްސީ އިން ފަހަތުން އަރައި ތިން ގޯލު ޖަހައި 3-2 އިން މޮޅުވެއްޖެ އެވެ.
އޮޑިޝާ އަތުން ބަލިވުމުން އޭއެފްސީ ކަޕްގައި ކުރިއަށް ދިއުމުގެ ފުރުސަތު މާޒިޔާ އަށް ވަނީ ބަންދުވެފަ އެވެ.
ގްރޫޕުގެ އެއް ވަނައިގައި މިވަގުތު އޮތީ ތިން މެޗުން ހަތް ޕޮއިންޓާ އެކު މޯހަން ބަގާން އެވެ. މިއަދުގެ މޮޅާ އެކު ހަތަރު މެޗުން ހަ ޕޮއިންޓް ހަމަކޮށް އޮޑިޝާ ވަނީ ދެ ވަނަ އަށް ކުރިއަށް ޖެހިލާފަ އެވެ. ތިން ވަނައިގައި އޮތީ ތިން މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާ ބަންގްލަދޭޝްގެ މަޝުންދަރާ ކިންގްސް އެވެ. ފުލުގައި އޮތް މާޒިޔާ އަށް ހަތަރު މެޗުން ލިބުނު ތިން ޕޮއިންޓެވެ.
މާޒިޔާ ގްރޫޕުގައި މިރޭ ބަޝުންދަރާ އިން އަމިއްލަ ދަނޑުގައި މޯހަން ބަގާންއާ ދެކޮޅަށް ނުކުންނާނެ އެވެ.
މިއަދުގެ މެޗު ފަށައިގެން ދެ ވަނަ މިނެޓުގައި މާޒިޔާގެ ނާއިޒް ހަސަން (ދާދު) ވަނީ އެ ޓީމަށް ލީޑު ނަގައިދީފަ އެވެ. ފުރަތަމަ ހާފުގައި މޮޅަށް ކުޅުނު މާޒިޔާގެ ދެ ވަނަ ލަނޑު ޕެނަލްޓީއަކުން 26 ވަނަ މިނެޓުގައި ޖެހީ ވޮއިސްލާވް ބަލަބަނޮވިޗެވެ. އެ ހާފުގައި މާޒިޔާ އަށް ގޯލު ޖަހާނެ އިތުރު ފުރުސަތުތައް ލިބުނެވެ.

މާޒިޔާ އާއި އޮޑިޝާ ވާދަކުރި މެޗުގެ ތެރެއިން. ފޮޓޯ: އޭއެފްސީ
ދެ ވަނަ ހާފުގައި ދެ ބަދަލާ އެކު ނުކުމެ އޮޑިޝާ އިން ކުޅުން ރަނގަޅުކުރި އެވެ. ގިނަ ހަމަލާތަކެއް ފުލުފުލުގައި އުފައްދަމުން ގޮސް 65 ވަނަ މިނެޓުގައި އެޓީމުގެ ފުރަތަމަ ގޯލު ޖެހީ ޑިފެންޑަރު، މޫޓަޑާ ފޯލް އެވެ.
މެޗު އެއްވަރުވެފައި އޮއްވައި މާޒިޔާގެ ކެޕްޓަން އަލީ ސަމޫހު (ސަމުއްޓޭ) އަށް އަނިޔާވެގެން ބަދަލުކުރަން ޖެހުނެވެ. ބަދަލުގައި ކުޅެން އެރީ އަހުމަދު ނޫމާން (ހެލްމެޓް) އެވެ.
މާޒިޔާގެ ބަދަލަށް ފަހު އޮޑިޝާ އިން އުފެއްދި ފުރަތަމަ ހަމަލާގައި ނަތީޖާ ހަމަހަމަކުރި އެވެ. އެ ގޯލު ކާމިޔާބުކޮށްދިނީ ޑިއޭގޯ މައުރީސިއޯ އެވެ. މެޗު އެއްވަރުވުމަށް ފަހު ވެސް އޮޑިޝާ އިން މޮޅަށް ކުޅުނެވެ. އެޓީމު މޮޅުވި ގޯލު މެޗު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ ރޯއީ ކްރިޝްނާ އެވެ. ކްރިޝްނާ ގޯލު ޖެހީ މާޒިޔާގެ ތިން ކުޅުންތެރިން ކައިރިން ދެމިގަތުމަށް ފަހު އެވެ.
ގްރޫޕް ސްޓޭޖުގައި މާޒިޔާ އަށް މިހާތަނަށް މޮޅުވެވުނީ ރާއްޖޭގައި ބަޝުންދަރާއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. ދެ ވަނަ މެޗުގައި ރަށުން ބޭރުގައި މޯހަން ބަގާން އަތުން ފަހު ވަގުތު ބަލިވީ އެވެ. އޮޑިޝާއާ ދެކޮޅަށް އިންޑިއާގައި ކުޅުނު ފުރަތަމަ މެޗުން ބަލިވީ 6-1 ގެ ބޮޑު ތަފާތަކުންނެވެ.
އޭއެފްސީ ކަޕްގައި މާޒިޔާގެ ފޯމު ދަށްވުމުގައި، ހުއްޓިފައިވާ ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތު ބޮޑު ސަބަބަކަށްވެ އެވެ. އެފްއޭއެމްގެ ކޮރަޕްޝަނާއި ގުޅޭ ތަހުގީގުތަކެއް ކުރިއަށްދާތީ ފުޓްބޯޅަ މުބާރާތްތައް ވަނީ މެދުކަނޑާލާފަ އެވެ. އޭގެތެރޭގައި ދިވެހި ޕްރިމިއާ ލީގުގެ ކުޅުން ވެސް ހިމެނެ އެވެ. ލީގުގެ ކުޅުން އަލުން ފަށާނެ ދުވަހެއް އަދި ނޭނގެ އެވެ.
Advertisement

Leave a Reply

މި ދެން ޚަބަރެއް؟ ދިވެހި ޓީމެއް މޮޅު ނުވާނެކަން އެންމެންނަށްވެސް އެނގޭ. ދިވެހި ފުޓު ބޯޅައެއް މިގައުމަކު ނެތޭ ދަރިޔާ