ދިރުމެއް ނެތް ގަލޮޅު ދަނޑަށް އުއްމީދެއް ގެނެވޭތޯ މާޒިޔާ މިއަދު ނުކުންނަނީ

އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި އިންޑިއާގެ އޮޑިޝާ އެފްސީއާ ދެކޮޅަށް ގަލޮޅު ދަނޑުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން މިއަދު ނުކުންނާނެ އެވެ.
މާޒިޔާ އޭއެފްސީ ކަޕްގައި ވާދަކުރާއިރު އެޓީމަށް އޮތް ގޮންޖެހުމަކީ ރާއްޖޭގެ ފުޓްބޯޅަ ހުއްޓިފައި އޮތުމެވެ. އެފްއޭއެމްގެ ކޮރަޕްޝަން މައްސަލަތަކެއް ދިވެހި ފުލުހުން ތަހުގީގު ކުރަމުންދާތީ އެ އިދާރާ ހިންގަން އުނދަގޫކަމަށް ބުނެ ހުރިހާ މުބާރާތެއް މިވަގުތަށް ވަނީ މަޑުޖައްސާލާފަ އެވެ.
އޭއެފްސީ ކަޕަށް ބޮޑު ހަރަދުކޮށް މާޒިޔާ އަށް މިފަހަރުގެ މުބާރާތުގައި ނުކުމެ ރަނގަޅު ނަތީޖާއެއް ނުނެރެވެ އެވެ. ފުރަތަމަ މެޗުގައި ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސް އަތުން މޮޅުވިއިރު ދެ ވަނަ މެޗުގައި ރަށުން ބޭރުގައި މޯހަން ބަގާން އަތުން ފަހު ވަގުތު ބަލިވި އެވެ. މާޒިޔާ އަށް އެންމެ މާޔޫސީ ނަތީޖާއަކަށްވީ ތިން ވަނަ މެޗުގައި އޮޑިޝާ އަތުން ރަށުން ބޭރުގައި ބޮޑު ތަފާތަކުން ބަލިވުމެވެ.
މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މާޒިޔާ ކޯޗު މިލޯމިރް ސެސިލިއާ (މިލޯ) ފާހަގަކުރީ ރާއްޖޭގެ ފުޓްބޯޅަ ހުއްޓިފައި އޮތުމުން މާޒިޔާ އަށް އެކަމުގެ ނުރަނގަޅު އަސަރުކުރާ ކަމެވެ.
ކޯޗު މިލޯ ބުނީ ރާއްޖޭގެ ލީގު މެދުކަނޑާލާފައި އޮތުމުން ގައުމީ ޓީމުގެ އިތުރުން މާޒިޔާ އަށް ވެސް އެކަމުގެ އަސަރު ކުރި ކަމަށެވެ. ފީފާ ވޯލްޑް ކަޕް ކޮލިފައިންގެ ޕްރިލިމިނަރީ ބުރުގައި ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ގްރޫޕް ސްޓޭޖުގެ ފުރުސަތު ވަނީ ގެއްލުނެވެ. އެ ދެ މެޗުގައި ގައުމީ ޓީމުގައި ހިމެނިގެން ކުޅުނު ގިނަ ކުޅުންތެރިން ނިސްބަތްވަނީ މާޒިޔާ އަށެވެ.
“ބައިވަރު ފުރުސަތު ލިބި ބަންގްލަދޭޝް އަތުން މޮޅެއް ނުވެވުނު. އޭގެ ސަބަބުން ކުޅުންތެރިންނަށް ސައިކޮލޮޖިކަލީ އަސަރުކުރޭ. އޭއެފްސީ ކަޕްގައި އެތަން ފެނުނު” މިއަދުގެ މެޗުގެ ކުރިން މާޒިޔާ އޮތް ހާލަތާ ގުޅޭގޮތުން ވާހަކަދައްކަމުން މިލޯ ބުންޏެވެ.

ސެޕްޓެމްބަރު 19 ވަނަ ދުވަހު މާޒިޔާ އިން ބަޝުންދަރާ ބަލިކުރި މެޗުގެ ތެރެއިން. ރާއްޖޭގެ ލީގު މެދުކެނޑިފައި އޮތުމުގެ އަސަރު މާޒިޔާ އަށް ކުރޭ. ފޮޓޯ: މާޒިޔާ
އޭއެފްސީ ކަޕް ސެޕްޓެމްބަރު 19 ވަނަ ދުވަހު ފެށިފަހުން މާޒިޔާ އިން އަދި ލޯކަލް މެޗެއް ނުކުޅެ އެވެ. އެކަމަކު އޮޑިޝާ އިން އަންނަނީ އިންޑިއަން ސުޕަ ލީގުގައި ގަވާއިދުން މެޗުތައް ކުޅެ ރަނގަޅު ނަތީޖާތަކެއް ނެރެމުންނެވެ.
މާޒިޔާ އަތުން 1-6 އިން ހޯދި ބޮޑު މޮޅަށް ފަހު އިންޑިއަން ސުޕަ ލީގުގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން އެޓީމު މޮޅުވި އެވެ. ބާރަ ޓީމު ހިމެނޭ އިންޑިއަން ސުޕަ ލީގުގައި އޮޑިޝާ މިވަގުތު އޮތީ ފަސް ވަނައިގަ އެވެ.
މެޗާ ގުޅޭގޮތުން ވާހަކަދައްކަމުން އޮޑިޝާގެ ހެޑްކޯޗު ސާޖިއޯ ލޮބޭރާ ބުނީ ގަލޮޅު ދަނޑުގައި މެޗު ފަސޭހަނުވާނެ ކަމަށާއި އެކަމަކު އެ ޓީމުގައި ތިބީ ރަނގަޅު ވާދައެއް ކުރެވޭނެ ފެންވަރުގެ ކުޅުންތެރިން ކަމަށެވެ.
މާޒިޔާއާ ހިލާފަށް އޮޑިޝާގެ ކޯޗު ފާހަގަކުރީ އެޓީމު ގާތްގާތުގައި ގިނަ މެޗުތަކެއް ކުޅެން ޖެހޭކަމެވެ.
“ގާތްގާތުގައި މެޗުތައް ކުޅެން ޖެހުމަކީ ފަސޭހަ ކަމެއް ނޫން. އެކަމަކު އަހަރެން އަތުގައި 27 ކުޅުންތެރިން އެބަތިބި. މާލެ އައިސް ބަހަނާއެއް ނުދައްކާ އަހަރެން ބޭނުންވަނީ ނަތީޖާ ނެރެން” ލޮބޭރާ ބުންޏެވެ.
ލޮބޭރާ ބުނީ ފުރަތަމަ މެޗުގައި މާޒިޔާ އަތުން ބޮޑު މޮޅެއް ލިބުނަސް މިއަދުގެ މެޗުގައި އެ ނަތީޖާ ތަކުރާރުކުރަން އުނދަގޫ ވާނެ ކަމަށެވެ.
މާޒިޔާ ހިމެނޭ ގްރޫޕުގެ އެއް ވަނައިގައި ހަތް ޕޮއިންޓާ އެކު އޮތީ މޯހަން ބަގާން އެވެ. ދެ ވަނައިގައި އޮތް ބަޝުންދަރާ އަށް ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް އޮޑިޝާ އާއި ފުލުގައި އޮތް މާޒިޔާ އަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ. މާޒިޔާ ފުލުގައި އޮތީ ގޯލުގެ ތަފާތުންނެވެ.
އަނެއް ބުރަށް ދިއުމުގެ ފުރުސަތު މާޒިޔާ އާއި އޮޑިޝާ އަށް އޮތީ ބާކީ ތިން މެޗުން މޮޅުވެގެންނެވެ. މިއަދުގެ މެޗުގެ އިތުރުން މާޒިޔާ އަށް ބާކީ އޮތީ ބަޝުންދަރާއާ ދެކޮޅަށް ރަށުން ބޭރުގައި ކުޅޭ މެޗާއި މޯހަން ބަގާންއާ ދެކޮޅަށް ހޯމްގައި ކުޅޭ މެޗެވެ.
މާޒިޔާ އާއި އޮޑިޝާ ވާދަކުރާ މެޗު ފަށާނީ މިއަދު ހަވީރު ތިނެއް ޖަހާއިރު އެވެ. ބަޝުންދަރާގެ ދަނޑުގައި މޯހަން ބަގާންއާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން ހަތެއް ޖަހާއިރު އެވެ.
Advertisement


Leave a Reply