މުޅިން އަލަށް ބޭއްވި ކެރަމް ކޮމިއުނިޓީ ޝީލްޑް، އަޒްމީނާއި ރަޔާނާ އަށް

Advertisement

މުޅިން އަލަށް ބޭއްވި ކެރަމް ކޮމިއުނިޓީ ޝީލްޑް، އަޒްމީނާއި ރަޔާނާ އަށް

ފަހުމިނެޓް
ކެރަމް ކޮމިއުނިޓީ ޝީލްޑާ އެކު އަޒްމީން އާއި ރަޔާނާ. - ފޮޓޯ: ޝުބާ އާދަމް / ފޭސްބުކް

މުޅިން އަލަށް މިއަހަރު ބޭއްވި ކެރަމް ކޮމިއުނިޓީ ޝީލްޑްގެ ޗެމްޕިއަންކަން އިސްމާއިލް އަޒްމީނާއި ފާތިމަތު ރަޔާނާ ހޯދައިފި އެވެ.

ހުޅުމާލެ ސްޕޯޓްސް ކޮމްޕްލެކްސް ކެރަމް އެރީނާގައި ކުރިއަށް ގެންދިޔަ މި މުބާރާތުގައި ހަތަރު އިވެންޓެއް ކުރިއަށް ގެންދިޔަ އެވެ. އެއީ ފިރިހެން އަދި އަންހެން ސިންގަލްސް އާއި ފިރިހެން އަދި އަންހެން ޑަބަލްސް އިވެންޓެވެ.

Advertisement

ފިރިހެން ސިންގަލްސް އިވެންޓުގެ ޗެމްޕިއަންކަން އަޒްމީން ހޯދީ، ފައިނަލް މެޗުގައި ހަސަން ނާޒިމް އާ ވާދަކޮށް ސީދާ ދެ ސެޓުން ކާމިޔާބު ކޮށްގެންނެވެ. އަޒްމީން ސެޓްތައް ގެންދިޔައީ 25-21 އަދި 24-11 އިންނެވެ. މި ބައިގެ ތިންވަނަ ހޯދީ އަހުމަދު އިކްލީލެވެ.

އަންހެން ސިންގަލްސް އިވެންޓްގެ ޗެމްޕިއަންކަން ރަޔާނާ ހޯދީ ފައިނަލް މެޗުގައި ސީދާ ދެ ސެޓުން އާމިނަތު ވިދާދު ބަލިކޮށްފަ އެވެ. ރަޔާނާ ސެޓްތައް ގެންދިޔައީ 24-17، 25-10 އިންނެވެ. އަންހެން ސިންގަލްސް ބައިން ތިންވަނަ ހޯދީ އައިޝަތު ފައިނާޒް އެވެ.

ފިރިހެން ޑަބަލްސް އިވެންޓުގެ ޗެމްޕިއަންކަން ހޯދީ އަޒްމީނާއި އާދަމް އަދީލްގެ ޕެއާ އެވެ. އަޒްމީނާއި އަދީލް ވަނީ ފައިނަލް މެޗުގައި އަލީ އާޒިމް އާއި މުހައްމަދު މުންތަސިރުގެ ޕެއާއާ ވާދަކޮށް 16-11، 24-21 އިން ސެޓްތައް ގެންގޮސްފަ އެވެ.

އަންހެން ޑަބަލްސް އިވެންޓުގެ ޗެމްޕިއަންކަން ހޯދީ ވިދާދު އާއި އައިޝަތު ނަހުފާގެ ޕެއާ އެވެ. ވިދާދު އާއި ނަހުފާ ވަނީ ފައިނަލްގައި ކުޅުނު ދެ ސެޓުން 21-18، 25-10 އިން އައިޝަތު ފައިނާޒް އާއި އާމިނަތު ވިޝާމާގެ ޕެއާ ބަލިކޮށްފަ އެވެ.

ޖުމްލަ 50 އަށް ވުރެ ގިނަ ބައިވެރިންނާ އެކު އޮކްޓޫބަރު 27 އިން މިދިޔަ ހުކުރު ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި މުބާރާތަކީ ސީނިއާ ރޭންކިން އަށް ގުނާ މުބާރާތެކެވެ. ކޮމިއުނިޓީ ޝީލްޑްގެ އިތުރުން ރޭންކިން އަށް ގުނާ މުބާރާތްތަކަކީ އެސޯސިއޭޝަން ޗެމްޕިއަންޝިޕާއި ގައުމީ ޗެމްޕިއަންޝިޕެވެ.

މިއަހަރު އެންމެ ފުރަތަމަ ބޭއްވީ އެސޯސިއޭޝަން ޗެމްޕިއަންޝިޕެވެ. މެއި މަހު ބޭއްވި 11 ވަނަ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި ފިރިހެން ޗެމްޕިއަންކަން ހޯދީ އަޒްމީނެވެ. އަދި އަންހެން ޗެމްޕިއަންކަން ހޯދާފައި ވަނީ ވިދާދު އެވެ. ފިރިހެން ޑަބަލްސް އިވެންތްގެ ޗެމްޕިއަންކަން އަޒްމީނާއި އިބްރާހިމް އަޒްމީންގެ ޕެއާ ކާމިޔާބު ކުރިއިރު، އަންހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ ވިދާދު އާއި އައިމިނަތު ޝުބާ އާދަމްގެ ޕެއާ އެވެ. އަދި އޯޕަން ސިންގަލްސް ޗެމްޕިއަންކަން ހޯދީ އިބްރާހިމް ހުޖާން އަލީ އެވެ.

ގައުމީ މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ އޮގަސްޓް މަހު އެވެ. ގައުމީ މުބާރާތުގެ ދެވަނަ ޑިވިޝަނުގައި ފިރިހެން ސިންގަލްސް ޗެމްޕިއަންކަން އިބްރާހިމް ޝާހީން ހޯދިއިރު، އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ ނަސީފާ ސައީދެވެ. ފިރިހެން ޑަބަލްސް އިވެންޓް އަބްދުﷲ އިސްމާއިލާއި އިބްރާހިމް އަޒްމީން ކާމިޔާބުކުރިއިރު އަންހެން ޑަބަލްސް ކާމިޔާބުކުރީ އާމިނަތު ޖުނާނާ ސައުދުﷲ އާއި ފާތިމަތު މުހައްމަދު ސައީދުގެ ޕެއާ އެވެ. އަދި މިކްސްޑް ޑަބަލްސް ޗެމްޕިއަންކަން ހޯދީ އަލީ ސުޖާއު އާއި އައިޝަތު ޝަރާގެ ޕެއާ އެވެ.

އޮގަސްޓް މަހު ކުރިއަށް ގެންދިޔަ 23 ވަނަ ގައުމީ މުބާރާތުގެ އެއްވަނަ ޑިވިޝަންގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ވެސް ހޯދީ އަޒްމީނެވެ. އަދި އަންހެން ޗެމްޕިއަންކަން ހޯދީ އާމިނަތު ވިޝާމާ އެވެ. ފިރިހެން ޑަބަލްސް ޗެމްޕިއަންކަން އާދަމް އަދީލް އާއި އަހުމަދު ޖަލާލް އަލީގެ ޕެއާ ހޯދިއިރު، އަންހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ ވިދާދު އާއި ނަހުފާގެ ޕެއާ އެވެ. އަދި މިކްސްޑް ޑަބަލްސް އިވެންޓުގެ ޗެމްޕިއަނަކީ ނަހުފާ އާއި ހުޖާން އެވެ.

ގައުމީ މުބާރާތުގެ އެއްވަނަ ޑިވިޝަނުގައި ޓީމް އިވެންޓް ވެސް ކުރިއަށް ގެންގޮސްފައި ވެއެވެ. ފިރިހެން ޓީމް އިވެންޓް ތުޅާދޫ ޔަންގް އީގަލްސް ކާޟިޔާބު ކުރިއިރު، އަންހެން ޓީމް އިވެންޓް ކާމިޔާބު ކުރީ އައިލެންޑާސް ހޯޕް ސްޕޯޓްސް ކްލަބެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *