ރެފްރީންގެ މައްސަލަ އަވަސް ގޮތަކަށް ހަމައަކަށް އަޅުވަން އާސެނަލް އިން އެދިއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ރެފްރީންގެ ފެންވަރު މަތިކުރަން ހަރުދަނާ އަވަސް ފިޔަވަޅުތަކެއް އެޅުމަށް އާސެނަލް އިން ރަސްމީކޮށް އެދިއްޖެ އެވެ.
އާސެނަލްގެ ރަސްމީ ހުށަހެޅުން ފޮނުވީ އިނގިރޭސި ޕްރިމިއާ ލީގުގެ ރެފްރީންގެ ކަންކަން ބަލަހައްޓާ ކޮމިޓީ، ޕްރޮފެޝަނަލް ގޭމް މެޗު އޮފިޝަލްސް ލިމިޓެޑް (ޕީޖީއެމްއޯއެލް) އަށެވެ.
މިދިޔަ ހޮނިހިރު ދުވަހު ނިއުކާސަލުން އާސެނަލް 0-1 އިން ބަލިކުރި މެޗުގައި ޖެހި ގޯލާ މެދު ހިތްހަމަނުޖެހިގެން މެޗަށް ފަހު ކޯޗު މިކޭލް އާޓެޓާ ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފަ އެވެ. އާޓެޓާ ބުނީ އެއީ ގޯލެއް ކަމަށް ނިންމުމަކީ ލަދުވެތި ކަމެއް ކަމަށާއި ޕްރިމިއާ ލީގު ކިތަންމެ މޮޅަސް ރެފްރީންގެ ފެންވަރު ނެތް ކަމަށެވެ.
ނިއުކާސަލްގެ އެންތަނީ ގޯޑޮން ޖެހި ގޯލު ވީއޭއާރުގެ އެހީގައި ނިންމަން ރެފްރީ ހަތަރު ވަރަކަށް މިނެޓު ހޭދަކުރި އެވެ. އެ ގޯލުގައި ރެފްރީ ވަނީ ބޯޅަ ވޭރުވިތޯ އާއި އޮފްސައިޑްގެ އިތުރުން ފައުލްވިތޯ ވެސް ބަލައިފަ އެވެ. އެ ހުރިހާ ކަމެއް ނިމުނީ ނިއުކާސަލް ކޮޅަށެވެ.
އާސެނަލްގެ ބަޔާނުގައި ވަނީ މެޗަށް ފަހު މިކޭލް އާޓެޓާ ދެއްކި ވާހަކަތައް ދިފާއުކޮށްފަ އެވެ.
“އާޓެޓާގެ ކޮމެންޓަށް އާސެނަލުން ސަޕޯޓްކުރަން. އެ މެޗުގައި ފެނުނީ ގަބޫލުކުރެވޭ ނިންމުމެއް ނޫން. ޕްރިމިއާ ލީގަކީ އެންމެ މޮޅު ކުޅުންތެރިންނާއި ކޯޗުންނާއި އަދި ސަޕޯޓަރުންނާ އެކު ދުނިޔޭގައި އޮތް އެންމެ މޮޅު ލީގު. އެކަމަކު ރެފްރީންގެ ފަރާތުން ފެންނަނީ ހައްގު މިންވަރެއް ނޫން” އާސެނަލުން ނެރުނު ބަޔާނުގައި ވެ އެވެ.
ޕްރިމިއާ ލީގުގެ ރެފްރީންގެ ކަންކަން ބަލަހައްޓާ ޓީމުގެ އިސް ފަރާތަކީ ކުރީގެ މަޝްހޫރު ރެފްރީ ހަވާޑް ވެބް އެވެ. އާސެނަލުން ބުނީ ރެފްރީންގެ ކަންކަން ރަނގަޅުކުރަން ވެބް ކުރާ މަސައްކަތް ފާހަގަކުރާ ކަމަށާއި ލީގުގެ ޑިމާންޑާ އެއްވަރަށް އޮފިޝަލުންގެ މިންގަނޑު ފެންވަރު މަތިކުރަން ކުރާ މަސައްކަތުގައި އެ ކްލަބުގެ ބައިވެރިވުން ވެސް ލިބޭނެ ކަމަށެވެ.
“ޕީޖީއެމްއޯއެލް އިން އެބަޖެހޭ ވީހާވެސް އަވަހަކަށް މިކަންކަމަށް އެޑްރެސް ކުރަން. ރެފްރީންގެ ޓީމުން ކުރާ މަސައްކަތަށް އަބަދުވެސް އާސެނަލްގެ ސަޕޯޓް ލިބޭނެ” އާސެނަލުން ބުނެފައިވެ އެވެ.
ނިއުކާސަލް މެޗަކީ މި ސީޒަނުގައި އާސެނަލް ލީގުގައި ބަލިވި ފުރަތަމަ މެޗެވެ.
ގޯލުގެ އިތުރުން ވެސް މެޗުގެ ރެފްރީ ސްޓުއާޓް އަޓްވެލް އަށް ޕްރެޝަރުވާ ގިނަ ކަންކަން ހިނގި އެވެ. ފުރަތަމަ ހާފުގައި އާސެނަލްގެ ކައި ހަވާޓްޒް ކުރި ނުރައްކާތެރި ފައުލަކަށް ސީދާ ރަތް ކާޑެއް ނުދެއްކުމުން ދެ ޓީމުގެ ކުޅުންތެރިން ހޫނުވި އެވެ. އެ ހަމަނުޖެހުމުގައި ހަވާޓްޒްގެ އިތުރުން ނިއުކާސަލްގެ ތިން ކުޅުންތެރިއަކަށް ރީނދޫ ކާޑު ދެއްކި އެވެ.
އޭގެފަހުން، ނިއުކާސަލްގެ ބްރޫނޯ ގިމަރޭޒް ކުރި ނުރައްކާތެރި ފައުލަކަށް ރެފްރީ ރަތެއް ނުދެއްކުމުން އާސެނަލުން ވެސް މައްސަލަ ޖެއްސި އެވެ.
ޕްރިމިއާ ލީގު މެޗުތަކުގައި ރެފްރީންގެ ފަރާތުން ފެންނަ ގޯސްތައް ބެލުމަށް ފަހު ރެފްރީންނަށް މީގެކުރިން ވަނީ އަދަބުދީފަ އެވެ. އެކަމަކު އާސެނަލް ނިއުކާސަލް މެޗުގައި ޖެހި ގޯލުގެ މައްސަލައިގައި ރެފްރީ އަޓްވެލްގެ އިތުރުން އެއްވެސް އޮފިޝަލަކަށް އަދި ފިޔަވަޅެއް އަޅާފައެއްނުވެ އެވެ.
Advertisement
Leave a Reply